Roadha Mihaaru
އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިއްޖެ!

12 މެންބަރުންގެ ނަން ދަފްތަރުން އުނި ކުރުމުން އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިއްޖެ!

22 މެއި 2023

އެމްޑީޕީން ވަކިވި ރައްޔިތުންގެ މަޖިލިހުގެ 12 މެންބަރުންގެ ނަން އެ މަޖިލިހުގެ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމާ އެކު، އެ ޕާޓީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީން ވަކިވި ރައްޔިތުންގެ މަޖިލިހުގެ 12 މެންބަރުންގެ ނަން އެ މަޖިލިހުގެ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމާ އެކު، އެ ޕާޓީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިއްޖެ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާާޓީ، އެމްޑީޕީގެ ސްލޮޓްގައި 68 މެންބަރަކު މަޖިލިހުގައި މިހާތަނަށް ތިއްބެވި އެވެ. އެއީ މި ފަހުގެ ތާރީހެއްގައި ގާނޫނުއަސާސީ އިސްލާހު ކުރެވޭ ވަރުގެ ސުޕަ މެޖޯރިޓީއެއް، އެއް ޕާޓީއަކަށް ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ދެ ފަޅި އަށް ބެހި، އުފެދިފައިވާ ފެކްޝަންގެ ކޯޅުމާ އެކު، މަޖިލިހުގެ 12 މެމްބަރަކު އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހު ވަކިވެވަޑައިގަތުމުން އެ ޕާޓީގެ ޖުމުލަ މެންބަރުންގެ އަދަދު މިހާރު ވަނީ 55 އަކަށް މަދު ވެފަ އެވެ.

މަޖިލީހުގެ މިއަދުގެ ރިޔާސަތުގައި އިންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، އެމްޑީޕީގެ ދަފްތަރުން 12 މެންބަރުން އުނި ކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންގާފައިވާ ކަމަށާއި އެ މެންބަރުން ވެސް ޕާޓީން ވަކިވެފައިވާ ކަން މަޖިލީހުގެ އިދާރާ އަށް އަންގާފައިވާ ކަމަށެވެ.

އެ ބަދަލާ އެކު، އެމްޑީޕީގެ ދަފްތަރުން އެ މެންބަރުންގެ ނަން އުނިވެ، އަމިއްލަ މެންބަރުންގެ ގޮތުގައި ހިމަނާފައިވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"މި ބަދަލާ ގުޅިގެން ވަކި ޕާޓިއަކަށް ނިސްބަތް ނުވާ މެންބަރުންގެ ބަހުސްގެ ވަގުތުތަކަށް ވެސް ބަދަލުތަކެއް އަންނާނެތީ މަޖިލީހުގެ އިދާރާ އިން އެ މައުލޫމާތު މެންބަރުންނަށް އަރުވާނެ،" އެމްޑީޕީން ވަކިވެވަޑައިގެންނެވި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އީވާ ވިދާޅުވި އެވެ.

މަޖިލިހުގައި މިހާރު ޕާޓީތަކުގެ މެމްބަރުން ބެހިފައިވާ ގޮތް:

އެމްޑީޕީ - 55

ޕީޕީއެމް - 5

ޕީއެންސީ - 3

އެމްއެންޕީ - 3

ޖޭޕީ - 2

އެމްޑީއޭ - 2

ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން - 17

އެމްޑީޕީން ވަކިވި މެންބަރުން އަންނަނީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އީސީން އެ ޕާޓީ ރަޖިސްޓަރީ ކޮށްދޭ ހިސާބުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި މިހާރު އޮތް އިދިކޮޅު ޕީޕީއެމްގެ ބަދަލުގައި މައިނޯރިޓީ ޕާޓީއަކަށް ވާނީ ނަޝީދުގެ ފެކްޝަންގެ ދަ ޑިމޮކްރެސްޓްސް އެވެ.

އެމްޑީޕީން ވަކިވެފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކި ކުރުމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ޕާޓީ އުފެއްދުމުގެ ފަހަތުގައި ހުންނެވި ނަޝީދަށް އެއްވެސް ފިޔަވަޅަން އެ ޕާޓީން ނުނިންމަ އެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލިހަށް އަދި ހުށަހެއް ނާޅުއްވަ އެވެ.