Roadha Mihaaru
ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދަނީ އެމްޑީޕީއަކުން ނޫން

ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދަނީ އެމްޑީޕީއަކުންނެއް ނޫން: ހަސަން

26 އޯގަސްޓް 2021

ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބާރު އެޅުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަނުގައި ސޮއިކުރަނީ އެމްޑީޕީއަކުން ނޫން ކަމަށާއި އެކަމުގައި އުޅެނީ އަމިއްލަ ޖަމާއަތަކާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބާރު އެޅުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަނުގައި ސޮއިކުރަނީ އެމްޑީޕީއަކުން ނޫން ކަމަށާއި އެކަމުގައި އުޅެނީ އަމިއްލަ ޖަމާއަތަކާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި "މިހާރު" ން ކުރި ސުވާލަކާ ގުޅިގެން ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ހިންގާ ހަރަކާތްތަކަށް ހަރުގެ ބޭނުންކުރުމަކީ އަަބަދުވެސް ކުރާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދާ ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަން އެމްޑީޕީގެ އޮފީހަކު ނުކުރެ އެވެ. މެމްބަރުން އެދޭ އެފަދަ ހަަރަކާތްތަކަށް ޕާޓީގެ ހަރުގެ އާއި ޖަގަހަތައް ބޭނުންކުރާ އުސޫލެއް އެމްޑީޕީގައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް ހަރުގޭގައި ކުރުމަށް އެދިވަަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުން ޕާޓީ އަށް އައީ އަޅުގަނޑު ކައިރިއަށް. އެ ބޭފުޅުން އެދިވަޑައިގަތީ އެންޖީއޯއަކާ އެކީގައި އެ ބޭފުޅުން އެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް. އެހެންވީމާ އެގޮތުން ކުރާ ކަމެއް އެއީ،" ޕެޓިޝަންގައި ސޮއިކުރުމުގެ ކަންކަން އެމްޑީޕީގެ ހަރުގެ އާއި އޮފީހުގައި ކުރިއަށް ގެންދަނީ އެ ޕާޓީގެ އެއްވެސް ގުނަވަނަކުން ފާސްކޮށްގެންތޯ އެހުމުން ހަސަން ވިދާޅުވި އެވެ.

އެމްޑީޕީން އެންޑޯޒް ކޮށްގެން ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ގެންދާ ނަމަ ހަރުގޭގެ ތެރޭގައި އެހާ ފަނޑު ގޮތަކަށް އެކަން ކުރިއަށް ނުގެންދާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފޮޓޯކޮޕީ ނެގުމާއި އެހެނިހެން ގޮތްގޮތުން ޕެޓިޝަނުގެ މަސަައްކަތަށް އެމްޑީޕީން އެހީވާން ވެސް އެ މެމްބަރުން އެދިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެކަން މިހާރު އަންގާފައިވާ ކަމަށެވެ.

"ޕާޓީން އެ ކަހަލަ ހަރަދުތަކެެއް އަދިއެއް އެ ގޮތަކަށް ކޮށްދެވޭކަށް ނޯންނާނެ،" ހަސަން ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީގެ ބައެއް މެމްބަރުން ކުރައްވާ ކެމްޕެއިނަށް، އެ ޕާޓީން އެންޑޯޒް ކުރީތޯ ނޫސްވެރިއަކު ސުވާލުކުރުމުން، އޭނާ ވިދާޅުވީ، އެމްޑީޕީން އެގޮތަކަށް ކަމެއް ކުރާ ނަމަ އެކަން ކުރާނީ ވަރަށް ސާފުކޮށް ކަމަށެވެ. އެމްޑީޕީން އެންޑޯޒް ކޮށްގެން އެ ކެމްޕެއން ކުރިއަށް ގެންދާ ނަމަ ހަރުގޭގެ ތެރޭގައި އެހާ ފަނޑު ގޮތަކަށް އެކަން ކުރިއަށް ނުގެންދާނެ ކަމަށް ވެެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ބަރުލަމާނީ ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ބާއްވަން ނިންމާފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ މަނިކުފާނުގެ ތާއީދު އޮންނާނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ ސިޔާސީ ކޯޅުން ބޮޑުވެފައިވާއިރު، ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނައުމުގެ ޕްރެޝަރު ވަރުގަދަ ކުރައްވައިފަ އެވެ.