Roadha Mihaaru
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް މަޑުޖެހިއްޖެ

ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް މަޑުޖެހިއްޖެ

20 އެޕްރީލް 2023

އިންޑިއާ ސަރުކާރުގެ ލޯނެއްގެ ދަށުން ލ. ގަމުގައި އިމާރާތްކުރަން ނިންމި ކެންސަރު ހޮސްޕިޓަލާ ގުޅޭ ކަންކަން ވަކި ހިސާބަކުން މަޑުޖެއްހިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާ ސަރުކާރުގެ ލޯނެއްގެ ދަށުން ލ. ގަމުގައި އިމާރާތްކުރަން ނިންމި ކެންސަރު ހޮސްޕިޓަލާ ގުޅޭ ކަންކަން ވަކި ހިސާބަކުން މަޑުޖެއްހިއްޖެ އެވެ.

ރާއްޖޭގައި އެއް ފުރާޅެއްގެ ދަށުން ކެންސަރުގެ ބައްޔަށް ފަރުވާ ދިނުމަށް "ކެންސާ ކެއާ ސެންޓަރު" އިމާރާތް ކުރަން ނިންމާފައި ވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގެ ދަށުންނެވެ. އޭގެ މަސައްކަތްތަކެއް ކުރުމަށް އެ ގައުމުގެ މުމްބާއިގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ މަންދޫބުންތަކެއް ސެޕްޓެމްބަރު، 2021 ގައި ރާއްޖެ އަ އެވެ. އެ ދަތުރުގައި ވަނީ ޕްރިލިމިނަރީ ސާވޭ ހަދައި ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ވެސް ބަލައިފަ އެވެ.

އެ މަޝްރޫއާ ގުޅޭ ޓެކްނިކަލް ފީސިބިލިޓީ ރިޕޯޓު މުރާޖައާކޮށް ގެނައި ބަދަލުތަކަށް ޖުލައި 28، 2022 ގައި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް، ރައީސް އޮފީހުން އެ އަހަރުގެ އޮގަސްޓް މަހު ހިއްސާކުރި މައުލޫމާތުގައި ބުންޏެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ކެންސަރު ހޮސްޕިޓަލާ ގުޅޭ ކަންކަން އެއްވެސް ވަރަކަށް ކުރިއަށް ނުގެންދާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ކަންކަން އަވަސްކުރަން އިންޑިއާ ވެސް މާ ބޮޑު މަސައްކަތެއް ނުކުރާކަން އެނގިފައިވެ އެވެ.

ރައީސް އޮފީހުން އޭރު ބުނީ ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަން ރާއްޖޭގެ އެންމެ ބޮޑު ރަށުން 20،000 އަކަފޫޓުގެ ބޮޑު ބިމަކާއެކު (50 މިލިއަން ޑޮލަރު) 771 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެ މަސައްކަތްތައް މިދިޔަ އަހަރު ފެށޭނެ ކަމަށް އޭރު ބުންޏެވެ.

އެކަމަކު، އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އަމަލީ މަސައްކަތެއް ނުފެށެ އެވެ. ނުވިތާކަށް އެ މަސައްކަތާ ގުޅޭ މުއާމަލާތްތައް ވެސް މި ވަގުތަށް މެދުކެނޑިފައިވާ ކަމަށް ވެ އެވެ.

އެތަން ހަދަން ނިންމާފައިވަނީ ބަލިން ރައްކާތެރިވުމާއި ބައްޔަށް ފަރުވާ ކުރުމުގެ ހުރިހާ ވަސީލަތްތަކާ އެކު، މުޅި އެ ސަރަހައްދަށް ހިދުމަތް ދެވޭ ފެންވަރުގަ އެވެ.

މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ބުނީ ކެންސަރު ހޮސްޕިޓަލާ ގުޅޭގޮތުން މި ވަގުތަށް އިތުރު ތަފްސީލެއް ނެތް ކަމަށެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވީ ކެންސަރު ޖެހިގެންނެވެ.

ކެންސަރުގެ އެކި ބަލިތަކުގައި 2020 ވަނަ އަހަރު 125 ދިވެހިން މަރުވި އެވެ. އެއީ 50 އަންހެނުންނާއި 75 ފިރިހެނުންނެވެ.

ކެންސަރު ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާން ޖެހުމެވެ. ރާއްޖޭގައި ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރަށް ފަރުވާ ހޯދާ މީހުން މުޅިން ވެސް ޖެހެނީ ރާއްޖެ އިން ބޭރަށް ދާށެވެ.