Roadha Mihaaru
"ތާވަލާ އެއްގޮތަށް ކެންސަރު ހޮސްޕިޓަލް މަސައްކަތް ކުރިއަށްދޭ"

"ތާވަލާ އެއްގޮތަށް ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދޭ"

25 އެޕްރީލް 2023

ކެންސަރު ހޮސްޕިޓަލްގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެނދާ ކަމަށާއި ޕްރޮޖެކްޓުގެ ޑީޓެއިލް ރިޕޯޓު ނިންމުމުން ކޮންޓްރެކްޓަރު ހޯދާނެ ކަމަށް، އެ މަޝްރޫއުގެ ތަފުސީލް އެނގިވަޑައިގަންނަވާ އޮފިޝަލަކު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެންސަރު ހޮސްޕިޓަލްގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެނދާ ކަމަށާއި ޕްރޮޖެކްޓުގެ ޑީޓެއިލް ރިޕޯޓު ނިންމުމުން ކޮންޓްރެކްޓަރު ހޯދާނެ ކަމަށް، އެ މަޝްރޫއުގެ ތަފުސީލް އެނގިވަޑައިގަންނަވާ އޮފިޝަލަކު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެއް ފުރާޅެއްގެ ދަށުން ކެންސަރުގެ ބައްޔަށް ފަރުވާ ދިނުމަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގެ ދަށުން ލ. ގަމުގައި ވަނީ "ކެންސާ ކެއާ ސެންޓަރު" އިމާރާތް ކުރަން ނިންމައިފަ އެވެ. އެ ގައުމުގެ މުމްބާއިގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ މަންދޫބުންތަކެއް ސެޕްޓެމްބަރު، 2021 ގައި ރާއްޖެ އައިސް ޕްރިލިމިނަރީ ސާވޭ ވެސް ހެދި އެވެ.

އެކަމަކު، އޭގެ ފަހުން އެ ތަނުގެ މަސައްކަތްތަކެއް މާ ބޮޑަކަށް ކުރިއަކަށް ނުދެ އެވެ.

ނަމަވެސް، ހޮސްޕިޓަލާ ގުޅޭ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ އެ މަޝްރޫއަށް ދިވެހި ސަރުކާރުން ހަމަޖެއްސި ކޮންސަލްޓަންޓު، ޑީޓެއިލް ޕްރޮޓެކްޓު ރިޕޯޓު (ޑީޕީއާރު) ހަދައި ނިންމާފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ އެ ރިޕޯޓު އިތުރަށް ބެލުމުގެ މަސައްކަތެވެ.

"ރިޕޯޓު އެއްކޮށް ފައިނަލް ކޮށްފައި ކޮންޓްރެކްޓް ހޯދުމުގެ މަސައްކަތް ފަށާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް އޮފީހުން އޭރު ބުނީ ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަން ރާއްޖޭގެ އެންމެ ބޮޑު ރަށުން 20،000 އަކަފޫޓުގެ ބޮޑު ބިމަކާއެކު (50 މިލިއަން ޑޮލަރު) 771 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެ މަސައްކަތްތައް މިދިޔަ އަހަރު ފެށޭނެ ކަމަށް އޭރު ބުންޏެވެ. އެކަމަކު، އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އަމަލީ މަސައްކަތެއް ނުފެށެ އެވެ.

ކެންސަރު ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާން ޖެހުމެވެ. ރާއްޖޭގައި ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރަށް ފަރުވާ ހޯދާ މީހުން މުޅިން ވެސް ޖެހެނީ ރާއްޖެ އިން ބޭރަށް ދާށެވެ.