Roadha Mihaaru
ރައީސް އިލްތިމާސްކުރެއްވީ އެކުވެރިކަމަށް ހިތް ހުޅުވާލަން

ދެކޮޅުވެރިކަން ދޫކޮށްލައި އެކުވެރިކަމަށް ހިތް ހުޅުވާލަން ރައީސް އިލްތިމާސްކުރައްވައިފި

21 އެޕްރީލް 2023

އެއްވެސް މީހަކާ މެދު ހިތުގައި ދެކޮޅުވެރިކަމެއް ނުވަތަ ނަފްރަތާއި ހަސަދަވެރިކަމެއް އޮތް ނަމަ މާފްކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަމަށް ހިތް ހުޅުވާލައި ގުޅުން ބަދަހިކުރަން އިސްނެގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެއްވެސް މީހަކާ މެދު ހިތުގައި ދެކޮޅުވެރިކަމެއް ނުވަތަ ނަފްރަތާއި ހަސަދަވެރިކަމެއް އޮތް ނަމަ މާފްކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަމަށް ހިތް ހުޅުވާލައި ގުޅުން ބަދަހިކުރަން އިސްނެގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ފިތުރު އީދުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ ރޯދައިގެ އަޅުކަމުން ހާސިލްވި އެންމެ ބޮޑު އުފަލަކީ ހިތްތައް ތާހިރުވެ އަލުން ތާޒާވުން ކަމަށެވެ. ރޯދައިގެ އަޅުކަމާ އެކު ނަފްސުތަކަށް އައި ހެޔޮބަދަލާއި ސާފުކަން ދެމެހެއްޓުމަކީ އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަންތައް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޒުމަކަށް ހަދަންވީ ހަސަދަ އާއި ނަފްރަތަށް އަޅުގަނޑުމެންގެ ހިތްތަކުން ޖާގަ ނުދިނުމެވެ. ކޮންމެ ހާލަތެއްގައި ވެސް ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމެވެ،" ރައީސް ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ހިތްތައް ހުޅުވައިލަންވީ އެކުވެރިކަމާއި އެއްބައިވަންތަކަމަށެވެ. އަޅުގަނޑުމެންގެ ހިތްތަކަށް އާރޯކަމާއި ތާޒާކަން ހޯދައިދޭންވީ، އަނެކުންނާ މެދު ބަހައްޓާ ގާތްކަމާއި ލޯތްބާއި ކުލުނާއި އޯގާތެރިކަމުންނެވެ."

އީދުގެ އުފާ ފާހަގަކުރާއިރު އެންމެ ފުރަތަމަ ހަނދާނަށް ގެންނަން ޖެހޭ އެއް ބަޔަކީ، ރައީސް ވިދާޅުވި ގޮތުގައި، މުޖުތަމައުގައި ތިބި ނިކަމެތިންނާއި ފަގީރުންނެވެ. އެ އެންމެން ހިމެނޭ ގޮތުން އެއްވެސް މީހަކު ބާކީނުކޮށް ތަފާތުކުރުމެއް ނުބާއްވައި އީދު ފާހަގަކުރަން ރައީސްގެ ހިތާބުގައި ހަނދާންކޮށްދެއްވި އެވެ.

އީދަކީ ނިއުމަތްތަކަށް ޝުކުރުވެރިވުން ކަމަށްވާ އިރު، ދިވެހިންނަށް ދެއްވާފައިވާ އެންމެ މަތިވެރި އެއް ނިއުމަތަކީ، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން ކަމަށް ވިދާޅުވި އެވެ.

"މި އުފާވެރި ފިތުރު އީދުގެ އުފާ ފާހަގަކުރުމާ ކުރިމަތިލާއިރު ވެސް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެ މަތިވެރި ނިއުމަތަށް ޝުކުރުވެރިވުމަށެވެ. އެކަމަށް ޝުކުރުވެރިވުމަކީ، އެ މަތިވެރި ނިއުމަތް ދެއްވިކަމުގެ މައްޗަށް ހިތުގެ އަޑިން ރުހި، އެ ނިއުމަތް އެ ގޮތުގައި ދެމެހެއްޓުމަށް އަޅުގަނޑުމެން ކޮންމެ މީހަކުމެ ގަދައަޅައި މަސައްކަތް ކުރުމެވެ،" ރައީސް ވިދާޅުވި އެވެ.