Roadha Mihaaru
ވެލެންސިއާ ބަލިކޮށް އީގަލްސް ސެމީ އަށް

ވެލެންސިއާ ބަލިކޮށް އީގަލްސް ސެމީ އަށް

25 އެޕްރީލް 2023

އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެލެންސިއާ 4-0 އިން ބަލިކޮށް ކްލަބް އީގަލްސް ގުރޫޕްގެ އެ އްވަނަ ޓީމުގެ ގޮތުގައި ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލަށް ރޭ ދަތުރު ކޮށްފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެލެންސިއާ 4-0 އިން ބަލިކޮށް ކްލަބް އީގަލްސް ގުރޫޕްގެ އެ އްވަނަ ޓީމުގެ ގޮތުގައި ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލަށް ރޭ ދަތުރު ކޮށްފި އެވެ.

ވެލެންސިއާ ބަލިވުމުން އެ ޓީމު ވަނީ މޮޅެއް ނުލިބި މުބާރާތުން ކަޓައިފަ އެވެ. އީގަލްސް ގުރޫޕްގެ އެއް ވަނަ ހޯދިއިރު ދެ ވަނަ ލިބުނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ.

ސެމީ ފައިނަލްގެ ދެ މެޗު ވެސް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ފުރަތަމަ ސެމީގައި އެ ދުވަހު ހަވީރު އީގަލްސް ނުކުންނާނީ ގުރޫޕް 2 ގެ ދެ ވަނަ ހޯދި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ ރޭ ކުޅޭ ދެ ވަނަ ސެމީގައި ސަސް ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) ބުނީ އީދުގެ ވަރުބަލިކަމާ އެކު ވެސް މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދަން ކަމަށާއި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ.

"ދެން މިއޮތީ އެންމެ ބޮޑު އެއް ކަންތައް. އެއީ ދެ ދުވަސް ފަހުން ކުޅެން މި ޖެހެނީ. މާ ބޮޑު ކަމެއް މި ދެ ދުވަސް ތެރޭ ނުކުރެވުނަސް ރިކަވަރީ އަށް މަސައްކަތް ކުރާނީ،" މެޗަށް ފަހު ސާންތި ބުންޏެވެ.

ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އީގަލްސްގެ އީސަ ބޯޅަ ހިފައިގެން ކުރިއަށް ދަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އީގަލްސްގެ އީސަ ބޯޅަ ހިފައިގެން ކުރިއަށް ދަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ލީޑު ނެގީ 11 ވަނަ މިނިޓުގައި އިސްމާއިލް އީސަ އެވެ. މިއީ އީގަލްސްގެ ސާލިމް މުހައްމަދު ގެ ހަމަލާއެއް ވެލެންސިއާގެ ކީޕަރު އާދަމް އިމްއާން އަތުގައި ޖެހިފައި ނުކުތް ވަގުތު އީސަ ކާމިޔާބު ކުރި ގޯލެކެވެ. މެޗުގެ 37 ވަނަ މިނިޓުގައި އީގަލްސް އިން ލީޑު ފުޅާކުރި ގޯލު ވެސް ޖެހީ އީސަ އެވެ.

މެޗުގައި ލީޑު ނެގުމުގެ ކުރިން އީގަލްސްގެ ބްރެޒިލް ސްޓްރައިކަރު އިވާން ކާލޯސްގެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒު ވިއިރު، ރީބައުންސް ވެފައި އައި ބޯޅަ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ފޮނުވާލުމުން ކީޕަރު އިމްއާން ވަނީ ދިފާއު ކޮށްފަ އެވެ.

އީސަގެ ދެ ވަނަ ގޯލަށް ފަހު ކޯޗު ސާންތި ވަނީ އަހުމަދު ރިޒުވާން (ރިޒޭ) ކުޅެން އަރުވައިފަ އެވެ. ރިޒޭ އެޓީމުގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 65 ވަނަ މިނިޓުގަ އެވެ. އޭނާ މި ލަނޑު ޖެހީ ދެ ވަނަ ހާފުގައި ކުޅެން އެރި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ދިން ޕާހަކުންނެވެ.

އީގަލްސްގެ ހަތަރު ވަނަ ގޯލު 74 ވަނަ މިނިޓުގައި ޖަހައިދިނީ އަހުމަދު ހަސަން (އަންމަޑޭ) އެވެ. މި ގޯލަކީ ފޭދޫ އިއްބެ ނަގައިދިން ހުރަހެއް އީސަ ބޮލުން ފޮނުވާލުމުން ކީޕަރު އިމްއާން އަތުގައި ޖެހިފައި ނުކުތް ވަގުތު އަންމަޑޭ ކާމިޔާބު ކުރި ގޯލެކެވެ.

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ޒުވާޏް ސްކޮޑަކާ އެކު ވެލެންސިއާ ނުކުތީ ތަށްޓަށް ވާދަކުރުމުގެ ބަދަލުގައި ރަނގަޅު ޓީމެއް ނެރެގެން ރަނގަޅު ފުޓުބޯޅައެއް ކުޅުވަން ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންގެ ފަރާތުން ހިތްހަމަ ޖެހޭ ވަރުގެ ކުޅުމެއް ފެނުނު ކަމަށް ފެސްކޯ ފާހަގަ ކުރި އެވެ.

"ކުރީ ރެއަށް ވުރެ ސްކޯލައިން މިރޭ ކުޑަ. ކުރީރޭ 5، މިރޭ 4. އެއީ ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެނީ. ވަރަށް ސިލީ މިސްޓޭކް ތަކަކުން ގިނަ ގޯލްތަކެއް ވަދެފަ ހުރީ،" ފެސްކޯ ބުންޏެވެ.

"އަޅުގަނޑުމެން ޕްލޭން ކުރި ވަރަށް ގިނަ ކަންކަން އިރާދަ ކުރެއްވީތީ ކުޅުންތެރިން ދައްކައިފި. ކުޅުންތެރިންގެ ކެޕޭސިޓީ ހުރިކަން އެބަ ދައްކާ ޔަގީނުން ވެސް."