Roadha Mihaaru
ޓީޗިން ކޯސްތައް އޮންލައިންކޮށް ހިންގޭ ގޮތަށް އަމުރެއް

ޓީޗިން ކޯސްތައް އޮންލައިންކޮށް ހިންގޭ ގޮތަށް ވަގުތީ އަމުރެއް ނެރެފި

25 އެޕްރީލް 2023

އޮންލައިންކޮށް ޓީޗިން ކޯސްތައް ހިންގުން މަނާވާ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ހެދި "އީ-ލާނިން ގައިޑްލައިން" އަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

އޮންލައިންކޮށް ޓީޗިން ކޯސްތައް ހިންގުން މަނާވާ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ހެދި "އީ-ލާނިން ގައިޑްލައިން" އަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

އެ ކޯޓުން މިގޮތަށް އަމުރުކުރީ މިއީ ގާނޫނުއަސާސީން، ގަވައިދު ހެދުމަށް ދައުލަތުގެ އިދާރާތަކަށް ދީފައިވާ ބާރުގެ ބޭރުން، މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ހައްގުތަކާއި ރައްކާތެރިކަން ނިގުޅައިގަންނަ ގޮތަށް ކޮލިފިކޭޝަން އޮތޯރިޓީން ހަދާފައިވާ ގައިޑްލައިނެއް ކަމަށާއި އެ ގައިޑްލައިން ބާތިލް ކޮށްދިނުމަށް އެދި އެ ކުންފުނިން ހައި ކޯޓަށް ހުށަހެޅި މައްސަލައެއްގަ އެވެ.

ދައުލަތަށް ރައްދުވާ ގޮތަށް ކުރި މި ދައުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން ނެރުނު ވަގުތީ އަމުރުގައި މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްގައި ދަރިވަރުން އެންރޯލްކޮށް ކިޔަވައިދިނުމަށް ހުރަސް ނޭޅުމަށާއި އެ ކޯސްތައް ހިންގުމަށް ކުރިން ދީފައިވާ އެއްވެސް ހުއްދައެއް ބާތިލް ނުވެ ދެމިއޮތް ކަމަށް ބެލުމަށާއި މަންދުގެ ވާޗުއަލް ކެމްޕަސްގައި ބައިވެރިވާ ދަރިވަރުންނަށް އެކަމާ ގުޅޭ ހުއްދަތައް ދެމުން ގެންދިއުމަށް އަމުރުކޮށްދޭން ވެސް ވަނީ އެދިފަ އެވެ.

މަންދު ކޮލެޖުން ދައުވާގައި ބުނެފައިވަނީ ގައިޑްލައިން ބާތިލް ނުކޮށްފި ނަމަ ކުރިއަށް އޮތް އަހަރު ކޮލެޖަށް ޓީޗަ ޓްރެއިނިން އަށް ދަރިވަރުން އެންރޯލް ކުރުމަށް އިއުލާނުކޮށް، އެކަން ނުހިންގޭނެ ކަމަށެވެ. މީގެ ކުރިން ކޮލިފިކޭޝަން އޮތޯރިޓީން ވަނީ މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްއަކީ ހާޒިރުވެގެން ނުވަތަ "ފޭސް ޓު ފޭސް" ކޮށް ކިޔަވައިދިނުމާ އެއްހަމަ ކިޔަވައިދިނުމެއް ކަމަށް ބަލައިގަނެ އެގޮތަށް ކިޔަވައިދިނުމުގެ ހުއްދަ ސިޓީއަކުން ދީފައި ކަމަށް ވެސް ދައުވާގައިވެ އެވެ. އެހެންވެ އެ ނިޒާމަށް ބަރޯސާވެ އެކަން ތަރައްގީކޮށް، އޭގެ މައްޗަށް ކޮލެޖް ބައްޓަންކޮށްފައި ވަނިކޮށް އެކަން ހުއްޓުވައިފި ނަމަ ކޮލެޖްގައި ކިޔަވައިދިނުން ހުއްޓުމަކަށް ހިނގައިދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ގެ މަންދު ކޮލެޖްގެ ދަރިވަރުންގެ 40 ޕަސެންޓަކީ ޓީޗިން ދާއިރާގެ ކޯސްތަކުގައި އުޅޭ ދަރިވަރުން ކަމަށާއި އީ-ލާނިންގެ ތެރެއިން މި ކޯސްތަކަށް ގިނަ ދަރިވަރުން ނުލިބޭ ނަމަ ކޮލްޖްގެ އެންރޯލްމަންޓް ދަށްވެ، ވިޔަފާރީގައި ގެއްލުންވެ އަނެއް 60 ޕަސެންޓު ދަރިވަރުންގެ ކިޔެވުން ވެސް ހުއްޓުމަކަށް ހިނގައިދާނެ ކަމަށް ވެސް ދައުވާގައިވެ އެވެ.

ޓީޗިންގެ ޑިގްރީ އަދި މާސްޓާސް އަށް ކިޔަވާ ވަރަށް ގިނަ ދަރިވަރުންނަކީ މިހާރު ވެސް ސްކޫލްތަކުގައި ކިޔަވައިދޭ މީހުންނަށް ވުމާ އެކު އޮންލައިންކޮށް ނުކިޔެވޭ ނަމަ، ރަށުން ބޭރަށް ދާން ޖެހި އެތައް ބައެއްގެ ކިޔެވުމަށް ހުރަސްއެޅޭނެ ކަމަށް މަންދު ކޮލެޖުން ބުންޏެވެ. އެތައް ބައެއްގެ ވަޒީފާ ވެސް މިކަމުގެ ސަބަބުން ގެއްލުމުގެ ބިރު އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު ބައްލަވާ މި މައްސަލާގައި އެދިފައިވާ ވަގުތީ އަމުރު މި ކަންކަމަށް ބަލައި ނެރުއްވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު ހެދި ގައިޑްލައިންގެ ދަށުން ޓީޗިންގެ އިތުރުން ޑޮކްޓަރުކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯސް، މަސައްކަތްކުރުމަށް ހާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސް ގުޅޭ ކޯސް، ނާސިން ކޯސް، ގުރުއާން އަދި އެއާ ގުޅޭ ދާއިރާތައް، ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމް، އިންޖީނިއަރިން އަދި އާކިޓެކްޗާ ވެސް އޮންލައިންކޮށް ކިޔަވައިދިނުން ވަނީ މަނާކޮށްފަ އެވެ.