Roadha Mihaaru
ޑްރަގް ތުހުމަތުގައި ވަކިކުރި ޓީޗަރަށް ވަޒީފާ ދެނީ

ޑްރަގް ތުހުމަތުގައި ވަކިކުރި ޓީޗަރުގެ ވަޒީފާ އިއާދަ ކުރުމަށް އަމުރުކޮށްފި

14 މާޗް 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި ޓީޗަރަކު ހައްޔަރު ކުރުމުން އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނިކޮށް އޭނާ އަށް އެ ވަޒީފާ އަނބުރާ ދޭން ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސްތުވާތަކެތީގެ މައްސަލައެއްގައި ޓީޗަރަކު ހައްޔަރު ކުރުމުން އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނިކޮށް އޭނާ އަށް އެ ވަޒީފާ އަނބުރާ ދޭން ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ތ. ހިރިލަންދޫ ސްކޫލްގައި ޓީޗަރެއްގެ ގޮތުގައި ކިޔަވައި ދެމުން އައި އޭނާ މަސްތުވާތަކެތީގެ މައްސަލައެއްގައި 2014 ގައި ހައްޔަރު ކުރުމުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އޭނާ އެ ވަޒީފާ އިން ވަކި ކުރި އެވެ. އެކަމަކު އެ މައްސަލާގައި ޓްރައިބިއުނަލުން އަމުރުކޮށްފައިވަނީ އޭނާ އަށް ވަޒީފާ އަނބުރާ ދިނުމަށެވެ.

ޓްރައިބިއުނަލްގެ ނިންމުން ސިވިލް ސާވިސް ކޮމިޝަނުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް ހުކުމް ކުރީ އޭނާ އަށް ވަޒީފާ އަނބުރާ ދޭންޖެހޭނެ ކަމަށާއި ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނީ އެ ޓީޗަރު ދިރިއުޅޭ ގޭގެ ތެރޭގައި ހުރި ބޫޓެއްގެ ތެރެއިން ކަމަށް ވާ އިރު އެ މަސްތުވާތަކެއްޗާ އެ ޓީޗަރާ ގުޅުން ހުރިކަމުގެ ހަރުދަނާ ހެއްކެއްގެ މައްޗަށް ސީއެސްސީ އިން ބަލާފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި އެ މައްސަލާގައި އެ ޓީޗަރުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ކަމަށް ސީއެސްސީ އަށް ފުލުހުން އެންގިޔަސް އެ ޓީޗަރުގެ މައްސަލައެއް ޕީޖީ އޮފީހުގައި ނެތް ކަމަށް އެ އޮފީހުން ހައި ކޯޓަށް އަންގާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، އެ މަސްތުވާތަކެއްޗާ އެ ޓީޗަރާ ގުޅުން ނެތް ކަމަށް ބެލުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.

އެ މައްސަލާގައި އެ ޓީޗަރު ހައްޔަރުކޮށް، ބަންދު ވެސް ކުރި އެވެ. އެކަމަކު އެ މަސްތުވާތަކެއްޗާ ގުޅުން އޮތް ކަމަށް އޭނާ އިންކާރު ކުރެ އެވެ.