Roadha Mihaaru
ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިއުލާންކުރައްވައިފި

ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިއުލާންކުރައްވައިފި

30 އެޕްރީލް 2023

ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާންކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާންކުރައްވައިފި އެވެ.

"މި އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި ގޮތަށް، މި އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އާދެ މާދަމާ އިން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ،" އެވްރެޖްކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ 40 ޕަސެންޓަށް ވުރެން ބޮޑުކޮށްފައިވާ ކަން އިއުލާންކުރައްވައި ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންވީ ވައުދާ އެއްގޮތަށް އެކަން ކުރެވިގެންދާކަން މިއަދު އިއުލާންކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް."

އުއްމީދަކީ ސިއްހީ ދާއިރާގެ މުސާރައަށް މި ގެނެވޭ ހެޔޮ ބަދަލާ އެކު މިދާއިރާއަށް ޝައުގުވެރިވާ ދިވެހިންގެ އަދަދު އިތުރުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވުން. -- ރައީސް

ރައީސް ވިދާޅުވި ގޮތުގައި ސިއްހީ މުވައްޒަފުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއި ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ބޮޑުކުރި އެލަވަންސާ އެކު ޖުމްލަ 9،838 މުވައްޒަފަކަށް މި ބަދަލުގެ ހެޔޮ އަސަރުކުރާނެ އެވެ. ބޮޑުކުރި މި މުސާރައަށް އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރާނެ ކަަމަށް ވިދާޅުވި އެވެ.

ނަރުހުންތަކެއް ޑިއުޓީގައި: ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މީގެ ކުރިން ދެމުން އައީ ހިދުމަތާ އެކަށީގެން ނުވާ މުސާރައެއް ކަމަށް ރައީސް ވިދާޅުވި.

ނަރުހުންތަކެއް ޑިއުޓީގައި: ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މީގެ ކުރިން ދެމުން އައީ ހިދުމަތާ އެކަށީގެން ނުވާ މުސާރައެއް ކަމަށް ރައީސް ވިދާޅުވި.

ބޮޑުކުރި މުސާރަ

● އެވްރެޖްކޮށް 20،459 ރުފިޔާ ލިބޭ ރެޖިސްޓަޑް ނަރުހެއްގެ މުސާރަ 29،271ރ. އަށް ވަނީ ބޮޑުކޮށްފައި.

● ނަރުހެއްގެ މުސާރަ ވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976 ރުފިޔާ އަށް މަތިކޮށްފައި.

● ސީނިއަ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ. އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައި.

● ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ ކަނޑައަޅާފައި. އިތުރު ގަޑީގެ އެލަވަންސާ އެކު ހުރިހާ މުވައްޒަފުންގެ ޖުމްލަ މުސާރަ މިއަށްވުރެ އިތުރުވާނެ.

● ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާ. މި ބަދަލާ އެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ. މިއީ ގާތްގަނޑަކަށް 67 ޕަސެންޓުގެ ކުރިއެރުމެއް.

● ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމޭއިރު ސަރުކާރުގެ ހުރިހާ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ

● އޭގެތެރޭގައި ޝަރުއީ ދާއިރާ އާއި ސަލާމަތީ ޚިދުމަތްތަކާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް، ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ.

މީގެ ކުރިން ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށްފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑުކުރުމުގެ ބޭނުން ބޮޑު ކަމަށެވެ. މީގެ ކުރިން ދެމުން އައީ ސިއްހީ ހިދުމަތްތެރިންގެ ހިދުމަތާ އަޅާބަލާއިރު އެކަށީގެންވާ މުސާރައެއް ނޫން ކަމަށް ވިދާޅުވި އެވެ.

މި ހެޔޮބަދަލު ގުޅިފައި އޮތީ، ރައީސް ވިދާޅުވި ގޮތުގައި، މި ދާއިރާ އިން ރައްޔިތުންނަށް ލިބޭ ހިދުމަތާ އެވެ.

ސިއްހީ ދާއިރާއަށް ގެންނަ ބަދަލުތަކުގައި ހިމަނައިގެން ހިދުމަތްތައް ފުޅާކޮށް ވަސީލަތްތައް ތައާރަފްކޮށް އުމްރާނީ ގިނަ މަޝްރޫއުތައް ހިންގިއަސް އޮތް ގޮންޖެހުމަކީ މި ދާއިރާއަށް ޝައުގުވެރިވާ ދިވެހިން މަދުވުން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުންނާއި އެލައިޑް ހެލްތު ޕްރޮފެޝަނަލުން އަދި މެންޓަލް ހެލްތުގެ ފަރުވާއަށް ބޭނުންވާ ސްޕެޝަލިސްޓުން ލިބުން ދަތި ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ސިއްހީ ދާއިރާގެ މުސާރައަށް މި ގެނެވޭ ހެޔޮ ބަދަލާ އެކު މިދާއިރާއަށް ޝައުގުވެރިވާ ދިވެހިންގެ އަދަދު އިތުރުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވުން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ސިއްހީ ދާއިރާގައި ޒަމާނުންސުރެ އޮތް ކަންބޮޑުވުމަށް ހައްލު ލިބިގެންދާނެ. އެއީ ޓެކްނިކަލް ވަޒީފާތަކުގެ އޮނިގަނޑު ހެދި، އެ ވަޒީފާތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގުފަހިވުން. މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި ބަޔޯމެޑިކަލް އިންޖިނިއަރުންނަކީ، ފަންނީ މަސައްކަތްކުރާ ބައެއް. އެ ފަންނުތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގު ފަހިވުމަކީ މިދާއިރާއަށް ލިބޭނެ ކުރިއެރުމެއް."

ރައީސް ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާ އިން ދިވެހިން ބިނާކުރަން ބާރު އެޅުމަށް މެޑިކަލް އަދި ޑެންޓަލް އިންޓާންޝިޕް ފުރިހަމަކުރާ ބޭފުޅުންނަށް އެލަވަންސެއް ވެސް ދޭން ވަނީ ނިންމައިފަ އެވެ.

ކޮވިޑު ދުވަސްވަރު ހުޅުމާލެ ފެސިލިޓީގައި ޑޮކްޓަރުން ހަރަކާތްތެރިވަނީ. -- ފޮޓޯ | މިހާރު

ކޮވިޑު ދުވަސްވަރު ހުޅުމާލެ ފެސިލިޓީގައި ޑޮކްޓަރުން ހަރަކާތްތެރިވަނީ. -- ފޮޓޯ | މިހާރު

ރޭޑިއޭޝަން ތެރަޕިސްޓުންނާއި މެޑިކަލް ފިޒިސިސްޓުންނާއި ފާމަކޮލޮޖިސްޓުންނާއި ޑަޔަލަސިސް ޓެކްނޮލޮޖިސްޓުން ފަދަ މަގާމްތަކުގައި އެކަށީގެންވާ އަދަދަށް ދިވެހިން ނެތް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މުސާރަތަކަށް ގެނައި ހެޔޮ ބަދަލުގެ ތަފްސީލް ސަރުކާރުން މިރޭ އާއްމުކުރާނެ އެވެ.

ސިއްހީ ދާއިރާގެ މުސާރަތަކަށް ބަދަލުތައް ގެންނައިރު، ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިކަމަށް ފާހަގަކުރެވިފައިވާ ފަންނުތަކުން، ކުރިއަށްދާން ހިތްވަރު ދިނުމުގެ ގޮތުން، އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރައެއް މިހާރު ވަނީ ކަނޑައެޅިފައި.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމޭއިރު ސަރުކާރުގެ ހުރިހާ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ސިއްހީ ދާއިރާއަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން، މި ދާއިރާއަށް ޝައުގުވެރިވާ ދިވެހިންގެ އަދަދު އިތުރުވެގެންދިއުން. އަދި ސިއްހީ ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުވުން،" ރައީސް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރާނެ ކަން ރައީސް އިއުލާންކުރެއްވި އިރު، އެ ދާއިރާގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މުސާރަ އާއި އިނާޔަތްތައް ކުޑަކަމުގެ ޝަކުވާ ރައީސާ ހަމައަށް ވެސް އޮތީ ގެންގޮސްފަ އެވެ.