30 އެޕްރީލް 2023
ޗާގޯސް މައްސަލާގައި ގެންގުޅުއްވާ ވިސްނުން އެއްވެސް އިރަކު ބަދަލު ކުރައްވާފައި ނުވާނެ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހަންމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޗާގޯސް މައްސަލާގައި ގެންގުޅުއްވާ ވިސްނުން އެއްވެސް އިރަކު ބަދަލު ކުރައްވާފައި ނުވާނެ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހަންމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމް އާއި އެ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިނިސްޓަރު ކަމުގައި ތިއްބެވިއިރު ޗާގޯސް މައްސަލާގައި އުފެއްދި ސަބް ކޮމެޓީގައި އެއީ ރާއްޖޭގެ ތަނެއް ކަމަށް ވިދާޅުނުވެ، މިހާރު އެގޮތަށް ވިދާޅުވަނީ ކީއްވެތޯ މިއަދު ބޭއްވި އެމްއެންޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން ސުވާލުކުރި އެވެ. އޭގެ ޖަވާބުގައި ދެ ބޭފުޅުން ވެސް ވިދާޅުވީ "ސްޓޭންޑް" ބަދަލު ކުރައްވާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ހަމަ އޭރު ވެސް ސްޓޭންޑެއް ބަދަލެއް ނުކުރަން، އެއްވެސް އިރެއްގައެއް. އަޅުގަނޑުމެން މިހާރު ވެސް މި ގެންގުޅޭ ސްޓޭންޑް އޭރު ވެސް ގެންގުޅުނީ. އަޅުގަނޑުމެންނަށް ކްލެއިމް ކުރެވޭ ގޮތަށް، އަޅުގަނޑުމެން 200 މޭލު ދޫނުކުރާ ގޮތަށް އަޅުގަނޑުމެން ވާހަކަދައްކާފައި ޖަލްސާތަކުގައި ވެސް ވަކާލާތުކުރަމުން ދިޔައީ،" އެ ޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނާޒިމް ވިދާޅުވި އެވެ.
ޗާގޯސް މައްސަލާގައި އެމްއެންޕީން ބޭއްވި ޕްރެސްގައި (ކ-ވ) އެ ޕާޓީގެ ނައިބުން ކަމަށްވާ ދުންޔާ މައުމޫން، އަހްމަދު އުޝާމް، ޕާޓީގެ ރައީސް އަހްމަދު ނާޒިމް އަދި ނައިބް އަހްމަދު ޝަރީފް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އޭރު ވެސް މިހާރު ވެސް އަޅުގަނޑުމެން އެއްވެސް އިރެއްގައި ޗާގޯސް އެއްވެސް ބަޔަކަށް ވިލުން ވާގޮތަކަށް ނޫނޭ އޮތީކީއެއް. މިހާރު މި މައްސަލަ ދިމާވުމާ އެކީގައި އަޅުގަނޑުމެންގެ ވިސްނުމަކީ އަޅުގަނޑުމެންނަށް ވެސް ހަމަ ކްލެއިމް ކުރުމުގެ ފުރުސަތު އޮންނާނެއޭ."
ނާޒިމް ވިދާޅުވި ގޮތުގައި، މި މައްސަލާގައި އެމްއެންޕީން ސަރުކާރަށް ދޫނުދޭނެ އެވެ. ގާނޫނީ ގޮތުން މި މައްސަލާގައި ދެން ކުރިއަށް ދެވޭނެ ގޮތްތައް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައިގެ މައްސަލަ ހައްލުކޮށް އިގްތިސާދީ ހާއްސަ ސަރަހައްދު ކަނޑައެޅުމުގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް މަޝްވަރާ ކޮށްފައި ވަނީ މި ސަރުކާރުން ވެސް އެކަމުގައި ކުރިއަށްދާ ނިންމި ގޮތަށް ކަން ވަނީ އެނގިފަ އެވެ. އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ނާޒިމް އާއި ފޮރިންގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ދުންޔާ ވެސް މި މައްސަލާގައި ސަރުކާރުން އޭރު އުފެއްދި ސަބް ކޮމެޓީގައި ތިއްބެވި އެވެ.
ރާއްޖޭގެ އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފް ކްލެއިމް ކުރުމުގެ މައްސަލައާ ބެހޭ ގޮތުން އެކުލަވައިލި ކެބިނެޓްގެ އެ ސަބް ކޮމިޓީން، ސެޕްޓެމްބަރު 2، 2012 ގައި ބޭއްވި ބައްދަލުވުމެއްގެ ޔައުމިއްޔާ "މިހާރު" އަށް ފެނިފައި ވާއިރު އޭގައި ވަނީ ކޮންޓިނެންޓަަލް ޝެލްފް އިތުރު ކުރުމަށް ރާއްޖޭން 2010 ވަނަ އަހަރު ހުށަހެޅުމުން އެކަމަށް ދެކޮޅު ހެދީ މޮރިޝަސް އިން އެކަނި ކަމަށެވެ.
މިފަދަ ހުށަހެޅުމަކަށް އެއްވެސް ގައުމަކަށް ރިޒަވޭޝަނެއް ހުށަހަޅައިފި ނަމަ އެ ކަމެއް ނުބަލައި އަސްލު މައްސަލަ ކޯޓުން ނުނިންމާނެ ކަމަށް އެ ބައްދަލުވުމުގައި ބުނެފައި ވާއިރު އެންމެ ބޮޑަށް ފާހަގަވާ އެއް ކަމަކީ މޮރިޝަސް އިން ދައުވާކުރާ ގޮތަށް ޗާގޮސް އަކީ އެ ގައުމުގެ ބައެއް ކަމަށް ހަމަޖެހިއްޖެ ނަމަ މޮރިޝަސް އަށް ލިބޭ ބައި ބޮޑުވާނެ ކަމަށް ބުނެފައި ވުމެވެ.
އެ ސަބް ކޮމިޓީގެ ޔައުމިއްޔާގައި ވެސް ފާހަގަކޮށްފައިވާ ގޮތަށް، ޗާގޮސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފަޔަށް އދ. ގެ އާންމު މަޖިލީހުން ތާއީދުކޮށް އަދި އިޓްލޮސް އިން ވެސް އެކަން ބަލައިގަނެ މޮރިޝަސް އަށް ވެސް 200 މޭލުގެ އިގްތިސާދީ ސަރަހައްދެއް ކަނޑައަޅައިދޭން ޖެހުނީ އެވެ.
މިދިޔަ ހުކުރު ދުވަހު ނިންމި މައްސަލަ އަކީ ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެއް ނޫނެވެ. އެ ދުވަހު ނިންމީ ދެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ ފުށުއަރާ ބައި ބަހާނެ ގޮތުގެ މައްސަލަ އެވެ. އެ މައްސަލަ ނިމުނީ ވެސް ރާއްޖޭގެ ކޮޅަށެވެ. ޗާގޯސް އަކީ މޮރިޝަސްގެ ބާރު ހިނގާ ތަނެއް ކަމަށް އދ. އިން 2019 ގައި އޮތީ ނިންމައިފަ އެވެ.
ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެ އަށް 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. އެ ނިންމި ނިންމުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން އިން ވަކިކުރުން ކަމަށާއި ރާއްޖެ އަކީ ބައިނަލްއަގުވާމީ އުސޫލުގެ ތެރެއިން އިން ވަކިކުރެވިފައިވާ ގައުމަކަށް މިއަދު ވެއްޖެ ކަމަށް ސަރުކާރުން ބުނެ އެވެ. ސަރުކާރުން ބުނީ މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ޗާގޮސް މައްސަލަ: އެމްއެންޕީގެ ހުށަހެޅުމެއް ރައީސަށް
އެމްއެންޕީގެ ވެރިކަމުގައި ޗާގޮސް މައްސަލަ ހައްލުކުރާނަން
ޗާގޮސްގެ ސިޔާސަތު ބަދަލުކުރި ސަބަބު ބަލަން މަޖިލީހަށް
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ސުވާލެއް!
ކަނޑުގެ މައްސަލައަށް މުނައްވަރާއި ބޭރު ވަކީލުންގެޓީމެއް
ކަނޑު ހޯދުމުގެ ދިރާސާ ދެ އެކްސްޕާޓަކާ ހަވާލުކޮށްފި
މޮރިޝަސްއަށް ފޮނުވައި ސިއްރު ކުރި ސިޓީ އާއްމުކޮށްފި
މޮރިޝަސްއާ އެއްބަސްވި ކަންކަން ރެކޯޑުން ފެންނަން ނެތް!