Roadha Mihaaru
އިތުރު ތަނެއްގައި މަސައްކަތްނުކުރާނަމަ އެލަވަންސެއް

ސިއްހީ ދާއިރާގެ މީހުން އިތުރު ތަނެއްގައި މަސައްކަތް ނުކުރާ ނަމަ ހާއްސަ އެލަވަންސެއް

30 އެޕްރީލް 2023

ސިއްހީ ދާއިރާގެ މުވައްޒަފުން އިތުރު ތަނެއްގައި މަސައްކަތް ނުކުރަން އެއްބަސްވެ، ވަޒީފާ އަދާކުރަމުން އަންނަ ހޮސްޕިޓަލަށް އެކަނި ހިދުމަތްކުރާ ނަމަ ހާއްސަ އެލަވަންސެެއް ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސިއްހީ ދާއިރާގެ މުވައްޒަފުން އިތުރު ތަނެއްގައި މަސައްކަތް ނުކުރަން އެއްބަސްވެ، ވަޒީފާ އަދާކުރަމުން އަންނަ ހޮސްޕިޓަލަށް އެކަނި ހިދުމަތްކުރާ ނަމަ ހާއްސަ އެލަވަންސެެއް ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ގެނައި ބަދަލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ، "އެކްސްކްލޫސިވް ސާވިސް ބެނެފިޓް"ގެ ނަމުގައި ދޭ މި އެލަވަންސް ލިބޭނީ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ތެރެއިން ރޭންކު 10 އިން ފެށިގެން، ސަބް-ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޭގެ ތެރޭގައި ޑެންޓިސްޓުން ވެސް ހިމެނޭނެ އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޭ ކޮމިޝަންގެ އެސްޖީ ޑރ. މުހައްމަދު ފައިސަލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޭ ކޮމިޝަންގެ އެސްޖީ ޑރ. މުހައްމަދު ފައިސަލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"...ވަޒީފާ އަދާކުރާ ހޮސްޕިޓަލަށް އެކަނި އެ މުވައްޒަފުންގެ ހިދުމަތް ދިނުމަށް އެއްބަސްވެ، އިތުރު އެއްވެސް ތަނެއްގައި ޕްރެކްޓިސް ނުކުރުމަށް އެއްބަސްވެ، ވަޒީފާ އަދާކުރާ ހޮސްޕިޓަލުން ކަނޑައަޅާ އިތުރު ޒިންމާތައް އުފުލުމަށް އެއްބަސްވެ، އެ މުވައްޒަފާއި ވަޒީފާ އަދާކުރާ ހޮސްޕިޓަލާ އެކު އެގްރީމެންޓެއްގައި ސޮއިކުރުމުން އެ މުވައްޒަފަށް ދެވޭ އިނަޔާތެއް،" ފައިޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އެލަވަންސް ދެވޭނީ ހޮސްޕިޓަލަކުން ޕޭ ކޮމިޝަނަށް ހުށަހެޅުމުން، ކޭސް-ބައި-ކޭސް އުސޫލުން ކަމަށެވެ.

ނަމަވެސް، އެއީ ކިހާވަރެއްގެ އެލަވެންސެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ސީނިއާ ސަބް-ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ މުސާރަ ވަނީ 71,649ރ. އިން 87,392ރ. އަށް ބޮޑުކޮށްފަ އެވެ. ކޮންސަލްޓަންޓް ސަބް-ސްޕެޝަލިސްޓުންގެ މުސާރަ 28 ޕަސެންޓް ބޮޑުކުރުމުން 77,577ރ. ލިބެ އެވެ. އަދި ސީނިއާ ކޮންސަލްޓަންޓް ސްޕެޝަލިސްޓުންގެ މުސާރަ 55,675ރ. އިން 66,702 އަށް ބޮޑުކޮށްފައިވެ އެވެ. މިރޭ ސަރުކާރުން ދިން މައުލޫމާތުގައިވާ ގޮތުން، އެ މަގާމުގައި މިހާރު ތިއްބެވީ އައިޖީއެމްއެޗުގެ 14 ޑޮކްޓަރުންނެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި މަސައްކަތްކުރާ ސްޕެޝަލިސްޓް ޑޮކްޓަރުން ހޮސްޕިޓަލް ޑިއުޓީ އަށް ފަހު އަމިއްލަ ކްލިނިކުތަކާއި މެޑިކަލް ސެންޓަރުތަކުގައި އަގު ބޮޑުކޮށް ބަލާތީ އާންމުންގެ ފާޑުކިޔުމާއި ޝަކުވާ އަބަދުވެސް ވަރަށް ބޮޑެވެ. އަދި އައިޖީއެމްއެޗުގައި އެ ޑޮކްޓަރުން ބަލި މީހުން ބަލާ ވަރަށް މަދުކަމުން ވެސް އާންމުން ކަންބޮޑުވުން ފާޅުކުރެ އެވެ.