Roadha Mihaaru
ސީރިއާގައި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ

ސީރިއާ ހަނގުރާމާގައި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ

10 އޯގަސްޓް 2021

ސީރިއާގައި ކުރާހަނގުރާމައިގައި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ އެވެ.

ސީރިއާގައި ކުރާހަނގުރާމައިގައި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ އެވެ.

ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ގޮސް އުޅޭ ދިވެހިންގެ މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރާ ޕޭޖަކުން ކޮށްފައިވާ ޕޯސްޓެއްގައި، މަރުވިމީހާގެ ފޮޓޯއަކާ އެކު ލިޔެފައިވާ ގޮތުގައި އޭނާ މަރުވީ އިދުލީބްގެ "ފްރޮންޓްލައިނެއް ދިފާއުކުރުމުގައި" އުޅެނިކޮށެވެ.

އެމީހާގެ މަރާ ބެހޭ ގޮތުން ރަސްމީ އިދާރާއަކުން އަދި އެއްޗެއް ނުބުނެ އެވެ.

ހަނގުރާމަކުރުމަށް ރާއްޖޭން ސީރިއާއަށް ގޮސް އުޅޭ މީހުން ގުޅިގެން އުޅެނީ، އެނގިފައިވާ ގޮތުގައި މައިގަނޑު ދެ ޖަމާއަތަކާ އެވެ. އެއީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ޖަބުހަތުއް ނުސްރާ އެވެ. މިދިޔަ ބުރާސްފަތި ދުވަހު މަރުވި މީހާގެ މައުލޫމާތު އާއްމުކޮށްފައި ވަނީ "ބިލާދުއް ޝާމް" ގެ ނަމުގައި މައުލޫމާތު ފަތުރާ މީހުން ކަަމަށް ވާތީ މަރުވި މީހާ ހަނގުރާމަކުރަމުން ދިޔައީ ބެލެވޭ ގޮތުގައި ޖަބުހަތުއް ނުސްރާއާ ގުޅިގެންނެވެ.

މަރުވި މީހާގެ މައުލޫމާތު އާއްމުކުރި ޕޯސްޓްތަކުގައި ބުނެފައިވާ ގޮތުގަައި އޭނާ މަރުވީ އިދުލީބްގެ ޖަބަލުއް ޒަވިއްޔާ ނަމަކަށް ކިޔާ ސަރަހައްދުގަ އެވެ. ސީރިއާ ސަރުކާރާ ހަނގުރާމަކުރާ ގިނަ އަދަދެއްގެ ޖަމާއަތްތައް އޮންނަ އިރު، އޭގެ ތެރެއިން އައިއެސް ފިޔަވާ ގިނަ ޖަމާއަތްތަކެއް މިހާރު އުޅެނީ ގުޅިގެން، އެއް ބައެއްގެ ގޮތުގަ އެވެ. ސީރިއާގެ ހަނގުރާމައިގެ ހާލަތު ދިރާސާކުރާ މީހުން ބުނާ ގޮތުގައި އިދުލީބްގެ ބޮޑުބައެއް ކޮންޓްރޯލްކުރަނީ އެ ޖަމާއަތްތަކުންނެވެ.

މަރުވިމީހާ އަކީ ކޮން ރަށެއްގެ ކާކުކަން އަދި ސާފެއް ނުވެ އެވެ. ހަނގުރާމަވެރިންގެ މައުލޫމާތު ފަތުރާ މީހުން އޭނާއަށް ދީފައިވާ ނަމަކީ "އަބޫ އަބްދުއްރަހްމާން" އެވެ. އަދި "އަބޫ ހަޖަރު" އަކީ ވެސް އޭނާއަށް ކިޔާ ނަމެއް ކަމަށް އޭނާގެ މަރުގެ ހަބަރު އާއްމުކުރި ޕޯސްޓްތަކުގައި ބުންޏެވެ.

ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ރާއްޖޭން ދިޔަ އެތައް ބަޔަކު ވަނީ ހަނގުރާމައިގައި މަރުވެފަ އެވެ. އެ މީހުންގެ އަނބިދަރިންގެ ތެރެއިން ބައެއް މީހުން އެ ގައުމުގައި ހާލުގައި ޖެހިފައި އެބަތިއްބެވެ.