Roadha Mihaaru
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ

އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އެމެރިކާ އިން އަތުލާނެ: ތުރުކީ

23 ޖޫން 2017

ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އަތް ގަދަކޮށްގެން އެޅޭ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ބަލި ކުރުމަށް ފަހުގައި، ކުރުދީ ހަނގުރާމަވެރިންނަށް ދީފައިވާ ހަތިޔާރުތައް އެމެރިކާ އިން އަތުލާނެ ކަމަށް ތުރުކީ ވިލާތުން ބުނެފި އެވެ.

ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އަތް ގަދަކޮށްގެން އެޅޭ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ބަލި ކުރުމަށް ފަހުގައި، ކުރުދީ ހަނގުރާމަވެރިންނަށް ދީފައިވާ ހަތިޔާރުތައް އެމެރިކާ އިން އަތުލާނެ ކަމަށް ތުރުކީ ވިލާތުން ބުނެފި އެވެ.

ސީރިޔާގައި ހަރަކާތްތެރިވާ ކުރުދީންގެ އަސްކަރީ ޖަމާއަތެއް ކަމަށްވާ ވައިޕީޖީ އަށް އެމެރިކާ އިން ހަތިޔާރު ފޯރު ކޮށްދީފައިވަނީ ތުރުކީ ވިލާތުގެ ނުރުހުމަ އެވެ. ވައިޕީޖީއަކީ، ތުރުކީގެ އިރު ދެކުނު ސަރަހައްދުގައި ވަކި ވެރިކަމެއް ގާއިމު ކުރުމަށް 1980ގެ އަހަރުތަކުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ސިޔާސީ އަދި އަސްކަރީ ޖަމާއަތް ޕީކޭކޭ އިން އުފެދިފައިވާ އަސްކަރީ ގޮތްޕެކެވެ. ތުރުކީ ސަރުކާރުން ކަނޑައަޅާފައިވަނީ ޕީކޭކޭ އަކީ ޣައިރު ގާނޫނީ ޖަމާއަތެއް ކަމަށެވެ.

ތުރުކީގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ކުރުދީ ޖަމާއަތަށް ދީފައިވާ ހަތިޔާރުތައް އަތުލާނެ ކަމުގެ ޔަގީންކަން އެމެރިކާ އިން ވަނީ ދީފަ އެވެ. އަދި، ކުރުދީންނަށް އެމެރިކާ އިން ދިން ހަތިޔާރުގެ ބާވަތްތަކާއި އަދަދުތަކުގެ ލިސްޓެއް ތުރުކީ ސަރުކާރާ ހަވާލު ކުރުމަށް އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މެޓިސް ވަނީ ވައުދުވެފައި ކަމަށް ތުރުކީ ސަރުކާރުން ބުނެ އެވެ.

ތުރުކީން ބުނާ ގޮތުގައި މީގެ ކުރިން ވައިޕީޖީ ޖަމާއަތަށް އެމެރިކާ އިން ފޯރުކޮށްދިން ހަތިޔާރު ވެސް އެންމެ ފަހުން ލިބިފައިވަނީ ޕީކޭކޭ ހަނގުރާމަވެރިންގެ އަތަށެވެ. އެހެންކަމުން ވައިޕީޖީ އަށް ހަތިޔާރު ދިނުމަކީ ތުރުކީގެ ދާޚިލީ މިނިވަންކަމަށާއި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ.

ނަމަވެސް އެމެރިކާ އިން ދެކޭ ގޮތުގައި ކުރުދީންގެ ވައިޕީޖީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދެނީ ސީރިޔާގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ. ސީރިޔާގައި އައިއެސްގެ ހަނގުރާމަވެރިންގެ ބާރު އެންމެ ގަދައީ ރައްގާ ޕްރޮވިންސްގަ އެވެ. އެ ސަރަހައްދުން އައިއެސްގެ ހަނގުރާމަވެރިން ފައްސައިލުމަށް، އިދިކޮޅު ހަނގުރާމަވެރިން ހަމަލާތައް ވަރުގަދަ ކުރީ މީގެ ދެ ހަފުތާ ކުރިންނެވެ.

ސީރިޔާގައި އައިއެސްއާ ދެކޮޅަށް ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު، އިރާގުގެ މޫސަލް އަށް އަތް ގަދަކޮށްގެން ތިބި އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށް މޫސަލްގެ ބޮޑު ބައި މިހާރު ވަނީ މިނިވަންކޮށްފަ އެވެ.

ތުރުކީން ދެކޮޅު ހަދަމުން ދަނިކޮށް، ކުރުދީންނަށް ހަތިޔާރު ފޯރުކޮށްދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވުމާ ގުޅިގެން ނޭޓޯގެ ގައުމުތަކާއި އެމެރިކާއާ ދެމެދު ވަނީ ދެބަސްވުން އުފެދިފަ އެވެ. ތުރުކީ ވިލާތަކީ ނޭޓޯ ޖަމާއަތުގެ މުހިންމު ބައިވެރިއެކެވެ.