Roadha Mihaaru
ޖެންޑަ މިނިސްޓްރީގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް

ޖެންޑަ މިނިސްޓްރީގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

02 މެއި 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، އިޖުތިމާއީ ރައްކާތެރިކަން ދިނުމަށް ވިލިމާލޭގައި މަރުކަޒެއް މިއަދު އުފައްދަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، އިޖުތިމާއީ ރައްކާތެރިކަން ދިނުމަށް ވިލިމާލޭގައި މަރުކަޒެއް މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ނެރުނު ބަޔާނެއްގައި ވަނީ މާލެ ސަރަހައްދުގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ވިލިމާލޭގައި "ވިލިނގިލީ އިޖުތިމާއީ ހިދުމަތްދޭ މަރުކަޒު"ގެ ނަމުގައި މަރުކަޒެއް އުފައްދާފައިވާ ކަމަށެވެ. އެ މަރުކަޒު ހިންގާނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް ވަނީ ބުނެފަ އެވެ.

އެ މަރުކަޒުގެ މައިގަނޑު މަސައްކަތްތަކަކީ މާލެ ސަރަހައްދުން ވަގުތީ ގޮތުން ރައްކާތެރިކަން ދޭންޖެހޭ މީހުންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމާއި ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމާއި އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން "އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް"، ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް މިއަދުން ފެށިގެން އިތުރުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ބުނީ، އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރީ، މުޖުތަމައުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހިކޮށްދިނުމަށާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި ރަނގަޅު ސިއްހަތެއްގައި ދެމިތިބުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމަށާއި އެ މީހުންނަށް ވެސް ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމަށް މަރުކަޒުތައް ހެދުމުގެ މަގުސަދުގައި ކަމަށެވެ.

އެ އޮފީހުން ބުނި ގޮތުގައި، ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ޖެންޑާގެ ބެލުމުގެ ދަށުން ހިނގަމުން އައި "ކުޑަކުދިންގެ ހިޔާ" އާއި "އަމާން ހިޔާ" އަދި "ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު" އިން ކުރަމުން އައި މަސައްކަތްތައް ކުރުމަށް އެހެން އިންތިޒާމުތައް މިހާރު ހަމަޖައްސާފައި ވާތީ، އެ ތަންތަން މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ.

މި ގެނައި ބަދަލުތަކާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.