Roadha Mihaaru
ޖިންސީގޯނާއަށް އިންސާފު ހޯދުން ހަރުދަނާކޮށްފިން: ރައީސް

ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ހޯދައި ދިނުމުގެ މަސައްކަތް އިތުރުކޮށްފިން: ރައީސް

15 ޖުލައި 2020

އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދޭން ކުރާ މަސައްކަތް ސަރުކާރުން ކުރިއަށް ވުރެން ހަރުދަނާކޮށްފައިވާ ކަމަށް ރައީސްް އިބްްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދޭން ކުރާ މަސައްކަތް ސަރުކާރުން ކުރިއަށް ވުރެން ހަރުދަނާކޮށްފައިވާ ކަމަށް ރައީސްް އިބްްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް ގައުމީ ކެމްޕޭން، "ގެވެށި ގުޅުން" އިފްތިތާހްކޮށްދެއްވައި ރައީސް ވިދާޅުވީ އަންހެނުންނަށާއި ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދޭން ކުރާ މަސައްކަތް އިތުރުކުރުމަށް ސަރުކާރުން ކުރި އެއް ކަމަކީ އެކަމަށް ކުރާ ހޭދަ އިތުރުކުރުން ކަމަށެވެ. އެގޮތުން ޖެންޑާ މިނިސްޓްރީ އަށް މި އަހަރު 294 މިލިޔަން ރުފިޔާގެ ބަޖެޓެއް ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެެ.

އެއީ ކުރީގެ ސަރުކާރުގެ އެންމެ ފަހު އަހަރު ކަމަށްވާ 2018 ވަނަ އަހަރު ކަނޑައެޅި ބަޖެޓަށް ވުރެ 111 މިިލިޔަން އިތުރު އަދަދެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި އަދުލު އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މި ގެންދަނީ އިތުރުކޮށް ހަރުދަނާކުރަމުން. މިގޮތުން ބަލާއިރު، ސަރުކާރުގެ ބަޖެޓުން މިކަމަށް ކުރާ ހޭދަ އިތުރުކޮށްފައިވާކަން އަޅުގަނޑު ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބަޖެޓް އިތުރުކުރުމުގެ އިތުރުން އަހެނުންނާއި ކުޑަކުދިންގެ ހިމާޔަތަށް މުހިއްމު ގާނޫނުތަކެއް ވެސް ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުުމުގެ ގާނޫނު މިދިޔަ އަހަރު ފަހުކޮޅު ތަސްދީގު ކުރި އިރު އެގާނޫނަށް ރައްޔިތުން އިންތިޒާރުކުރާތާ 28 އަހަރު ވެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިނިވަން މުސްތަގިއްލު 'ޗިލްޑްރަންސް އޮމްބަޑްސްޕާސަން'އެއް އައްޔަނުކުރުމުގެ ގޮތުން، އެ މަގާމަށް އައްޔަނުކުރުމަށް ބޭނުންވާ ފަރާތުގެ ނަން، އަޅުގަނޑު މިހާރު ވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަގާމަށް ހުށަހެޅުއްވި ނަން މަޖިލީހުން ފާސްކުރުމުން، އެ މަގާމަށް އޭނާ އައްޔަނުކޮށް، "ޗިލްޑްރަންސް އޮމްބަޑްސްޕަސަން"ގެ ރަސްމީ އޮފީހެއް ގާއިމްކުރައްވާނެ ކަމަށެވެ. އެ އޮފީހުގެ މަސައްކަތްތައް ފަށައި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާ މިންވަރު ބެލުމުގެ މަސައްކަތްތައް ފެށޭނެ ކަަމަށް ވެސް ވިދާޅުވި އެވެ.

އަންހެނުންނަަށާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ރައީސް ވިދާޅުވި ގޮތުގައި ޒަމާންތަކެއް ވަންދެން ރާއްޖޭގައި ހިނގަމުންދާ ފަނާކުރަނިވި މައްސަލަތަކެކެވެ. މުޖުތަމައުގައި ހުރި އެހެން ގިނަ މައްސަލަތަކެއް ގުޅެނީ ވެސް އެމައްސަލައާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު އެ މައްސަލަަަތަކަަށް ހައްލެއް ހޯދަން މުޅި ދައުލަތް ޒަމާންތަކެއް ވަންދެން އޮތީ ނުކުޅެދިފައި ކަަމަށާއި އެންމެން ވެސް އެކަމުގެ ޒިންމާ ނަގަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން އެންމެންވެސް މިކަމުގައި ޒިންމާ ނަގަންޖެހޭ ބޮޑު މައްސަލައެއް. އަދި މިކަން ހައްލުނުކޮށް، އަޅުގަނޑުމެންނަށް މުޖުތަމައެއްގެ ގޮތުގައި ކުރިއަށް ދެވޭކަށް ނެތް. އަދި، ގައުމެއްގެ ގޮތުގައި ހަމަޖެހިގެން ތިބެވޭކަށެއް ވެސް ނެތް،" ރައީސް ވިދާޅުވި އެވެ.

ގެވެށި އަނިޔާ ހުއްޓުވުމަށާއި ރައްކާތެރިވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ބާރު އަޅާ ކެމްޕޭނެއް ސަރުކާރުން މިފެށީ އަނިޔާގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ވަގުތެއްގަ އެވެ. އެ މައްސަަލަަތަކަށް އިންސާފު ނުލިބޭ ކަަމަށް ބުނެ އާއްމުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.