Roadha Mihaaru
ކަސްޓަމްސްގައި މިހާރު ކޮރަޕްޝަނެއް ނޯންނާނެ: އަޒްލީން

ކަސްޓަމްސްގައި މިހާރު ކޮރަޕްޝަނެއް ނޯންނާނެ: އަޒްލީން

24 ޖެނުއަރީ 2017

ކަސްޓަމްސްގެ ތެރޭގައި މިހާރު އެއްވެސް ވަރަކަށް ކޮރަޕްޝަންގެ މައްސަލަތަކެއް ނޫޅޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކަސްޓަމްސްގެ ތެރޭގައި މިހާރު އެއްވެސް ވަރަކަށް ކޮރަޕްޝަންގެ މައްސަލަތަކެއް ނޫޅޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކަސްޓަމްސްގެ މުވައްޒަފުންނަށް ޝަރަފުގެ ކުލަތައް ދޭން ބޭއްވި ރަސްމިއްޔާތެއްގައި، އަޒްލީން ވިދާޅުވީ ނާޖާއިޒު ފައިދާ ނެގުމާއި އެ ނޫން ވެސް އެ ފަދަ ނޭއްގާނީ މައްސަލަތަކެއް ކަސްޓަމްސްގެ ތެރޭގައި އޮތް ކަމަށް ކުރިން ވާހަކަ ދެކެވޭ ކަމަށެވެ. އެކަމަކު، މިހާރު އެފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ކަސްޓަމްސްގެ ތެރޭގައި ނުހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަސްޓަމްސްގައި މިއަދު ނޯންނާނެ އިނގޭތޯ މޭޒު ދަށުން ކުރެވޭނެ ކަމެއް. ކަސްޓަމްސްގެ އެއްވެސް ކްލިއަރެންސް ޕްރޮސެސްއެއްގެ ތެރޭގައި އަޑި ނޭނގޭ ކަންތައްތަކެއް މިއަދު ހިނގައިގެން ނުވާނެ އަދި އަޅުގަނޑު ގަބޫލުކުރަނީ ނުވެސް ހިނގާ ކަމަށް،" ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި އަޒްލީން ވިދާޅުވި އެވެ.

"މިއަދު އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައި އެ ވަނީ ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސް އަމަލެއް، މީހެއްގެ އިހުމާލުން ވާ ކަމަށް ވަންޏާ ވެސް އެ މީހަކު ޒިންމާވާން ޖެހޭނެ އޭ." -- އަޒްލީން

އެކަމަކު، ވަކިވަކި މުވައްޒަފުންގެ ފަރާތުން ނޭދެވޭ ކަންކަން ފެނުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ. ނަމަވެސް އެންމެ މުވައްޒަފަކު ކުރާ ކަމަކުން މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެންމެ މުވައްޒަފަކު، އެންމެ މީހަކު ކަސްޓަމްސްގެ ޔުނިފޯމް އަޅުއްވައިގެން ކުރައްވާ ކަމަކުން ކަސްޓަމްސް އަށް މި ކަހަލަ ހުތުރު ބަދުނާމު އަންނަ ފަދަ ގޮތަކަށް ނުވަތަ ރައްޔިތުންގެ މެދުގައި ކަސްޓަމްސްގެ އިންޓެގްރިޓީއާ މެދު ސުވާލު އުފެދޭ ކަހަލަ ކަންތައްތައް ކުރެވޭ ކަމަށް ވަންޏާ މިއަދު މައުލޫތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަަށުން މައުލޫމާތު ހޯއްދަވާނެ ތަންތަނުން،" އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 2015 ގައި ހެދި "ބިތުފަންގި" ޑްރާމާގައި ކަސްޓަމްސްއާ ގުޅޭ ގޮތުން ދެއްކި ކަންކަމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.

ކޮރަޕްޝަނަށް މީހުން ހޭލުންތެރި ކުރުވަން އޭސީސީން ގެނެސްދިން އެ ޑްރާމާ ސިލްސިލާގެ އެޕިސޯޑެއްގައި ކަސްޓަމްސްގެ އޮފިސަރަކު ރިޝްވަތު ހިފާތަން ދައްކަ އެވެ. އެއީ އިމްޕޯޓް ޑިއުޓީ ނުދައްކާ ވިޔަފާރިވެރިންނަށް މުދާ ކްލިއާ ކޮށްދިނުމުން ދައުލަތަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބޭ ކަމެއްގެ ތެރެއިންނެވެ. އެ ޑްރާމާގައި ކަސްޓަމްސްގެ ޔުނިފޯމް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ، އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކަސްޓަމްސް އިން އޭރު ދިނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ކަސްޓަމްސް

މިއަދުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ކަސްޓަމްސް

މިނިސްޓަރު އަޒްލީން ވިދާޅުވީ ވަކިވަކި މުވައްޒަފުން ކުރާ ނޭދެވޭ ކަންކަމަށް ފިޔަވަޅު އެޅޭނެ ނިޒާމުތައް ކަސްޓަމްސްގެ ތެރޭގައި އެބަހުރި ކަމަށެވެ. އެހެންވެ، އެކުގައި މަސައްކަތް ކުރާ މުވައްޒަފަކު ނޭދެވޭ ކަމެއް ކުރާކަން ފާހަގަކުރެވޭ ނަމަ، އެކަމެއް ކަސްޓަމްސްގެ އިސް ވެރިންނަށް އަންގަން ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް އޭނާ ތަކުރާރުކޮށް ގޮވާލެއްވި އެވެ. އެއީ، އަޒްލީން ވިދާޅުވި ގޮތުގައި، ކޮންމެ މުވައްޒަފަކު ވެސް ކަސްޓަމްސްގެ ނަޒާހާތްތެރިކަން ދަމަހައްޓަން މަސައްކަތްކޮށް، އެކަމަށް ޒިންމާވާން ޖެހޭތީ އެވެ.

"މިއަދު އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައި އެ ވަނީ ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސް އަމަލެއް، މީހެއްގެ އިހުމާލުން ވާ ކަމަށް ވަންޏާ ވެސް އެ މީހަކު ޒިންމާވާން ޖެހޭނެއޭ. ވަޒީރުންގެ މަޖިލީހުން ފެށިގެން ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ތެރޭގައި މި ހާލަތު އޮތީ މިހެން،" އަޒްލީން ވިދާޅުވި އެވެ.

ކަސްޓަމްސްގެ މުވައްޒަފަކަށް ޝަރަފުގެ ކުލަ، ހޯމް މިނިސްޓަރު އަޒްލީން މިއަދު ދެއްވަނީ.---ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްގެ މުވައްޒަފަކަށް ޝަރަފުގެ ކުލަ، ހޯމް މިނިސްޓަރު އަޒްލީން މިއަދު ދެއްވަނީ.---ފޮޓޯ: ކަސްޓަމްސް

އޭނާ ވަނީ އެއްވެސް މުވައްޒަފަކަށް ބޭއިންސާފުން އަދަބު ނުދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އެކަމަކު، ތަހުގީގު ކުރުމަށް ފަހު، ނޭދެވޭ ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގިކަން ސާބިތުވާ ކޮންމެ މުވައްޒަފަކާ މެދު ވެސް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއްވެސް މުވައްޒަފަކީ، ގަބޫލުކުރައްވާ ރައްޓެއްސަކަށް ވާތީވެ އެ މުވައްޒަފެއްގެ ފަރާތުން އިހުމާލު ކުރެވިގެން ދާ ކަމަކަށް މާސީއެއް ނޯންނާނެ. އެ ކަހަލަ މާސީއެއް ދީގެން މުއައްސަސާއެއް ނުދެމެހެއްޓޭނެ، ކުރިއެރުންތައް ވެސް ނުލިބޭނެ އަދި އަމިއްލަ، ޕާސަނަލް ސެޓިސްފެކްޝަނެއް ވެސް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ކަސްޓަމްސްގެ ނަޒާހާތްތެރިކަން ދަމަހައްޓަން ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރަން ގޮވާލައްވައިފަ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ މައްސަލަ ފަދަ އެންމެ ބޮޑެތި ވަބާތަކުން ރާއްޖެ ސަލާމަތް ކުރުމުގެ އެންމެ ބޮޑު އެއް ޒިންމާއެއް އަދާކުރަނީ ކަސްޓަމްސް އިން ކަމަށް ވާތީ އެވެ.