Roadha Mihaaru
ސާބިއާގެ ސްކޫލެއްގައި 8 ދަރިވަރުން މަރާލައިފި

ސާބިއާގެ ސްކޫލެއްގައި 8 ދަރިވަރުން މަރާލައިފި

04 މެއި 2023

ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި ހުރި ޕްރައިމަރީ ސްކޫލެއްގެ ގްރޭޑް ހަތެއްގައި ކިޔަވާ ދަރިވަރަކު، ސްކޫލްގެ ތެރެއަށް ހަތިޔާރު ހިފައިގެން އިއްޔެ ވަދެ އެ ސްކޫލްގެ 8 ދަރިވަރަކާއި ސެކިއުރިޓީ ގާޑެއް މަރައިލުމާ ގުޅިގެން، ފުލުހުން އެ ދަރިވަރު ހައްޔަރުކޮށް ތަހުގީގު ފަށައިފި އެވެ.

ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި ހުރި ޕްރައިމަރީ ސްކޫލެއްގެ ގްރޭޑް ހަތެއްގައި ކިޔަވާ ދަރިވަރަކު، ސްކޫލްގެ ތެރެއަށް ހަތިޔާރު ހިފައިގެން އިއްޔެ ވަދެ އެ ސްކޫލްގެ 8 ދަރިވަރަކާއި ސެކިއުރިޓީ ގާޑެއް މަރައިލުމާ ގުޅިގެން، ފުލުހުން އެ ދަރިވަރު ހައްޔަރުކޮށް ތަހުގީގު ފަށައިފި އެވެ.

އިއްޔެގެ މި ހާދިސާގައި ސްކޫލް ތެރެއަށް ހަތިޔާރާ އެކުގައި ވަން ދަރިވަރަކީ އެ ސްކޫލްގައި ކިޔަވާ، އުމުރުން 13 އަހަރުގެ ކުއްޖެކެވެ. އޭނާ ފިސްތޯލައެއް ހިފައިގެން ސްކޫލަށް އިއްޔެ އައި އިރު، އޭނާގެ އަތުގައި މަރަން ބޭނުންވާ މީހުންނާއި ކުދިންގެ ލިސްޓެއް އޮތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ހަތިޔާރާ އެކު ސްކޫލަށް ގޮސް ބަޔަކު މަރައިލި މައްސަލައިގައި، އެ ކުއްޖާގެ މަންމަ އާއި ބައްޕަ ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ކުއްޖާ ހަމަލާ ދީ މަރައިލި އަށް ދަރިވަރުންގެ ތެރޭގައި ހިމެނެނީ، ހަތް އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.

މެއި 3، 2023؛ ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި ހުންނަ ވްލަޑިސްލާވް ރިބްނިކާރް ޕްރައިމަރީ ސްކޫލްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. --އޭއެފްޕީ

މެއި 3، 2023؛ ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި ހުންނަ ވްލަޑިސްލާވް ރިބްނިކާރް ޕްރައިމަރީ ސްކޫލްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. --އޭއެފްޕީ

މި ހަމަލާ ދިނުމުގެ މަގްސަދަކީ ކޮބައިކަން އަދި ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ. މި ހަމަލާގައި އެ ސްކޫލްގެ އިތުރު ހަ ދަރިވަރަކަށް އެކި ވަރުގެ ޒަޚަމްތައް ލިބުމާ ގުޅިގެން މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެއީ ހަތަރު ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ.

އޭގެ ތެރެއިން އެއް ފިރިހެން ކުއްޖެއްގެ ކަރަށާއި މެޔަށް ވެސް ވަޒަން އަރައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބޮލަށް ވަޒަން އެރި އަންހެން ކުއްޖަކު ހާލު ސީރިއަސްކަމުން ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާ ދިނުމުގައި އެ ދަރިވަރު ބޭނުންކުރީ އޭނާގެ ބައްޕަ ގެންގުޅޭ ފިސްތޯލައެކެވެ. އެ ދަރިވަރާއި ބައްޕައަކީ ވެސް ހަތިޔާރު ގެންގުޅުމުގެ ގާނޫނީ ހުއްދަ އޮންނަ ދެމީހުން ކަމަށްވާއިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ ދަރިވަރު ވަނީ، އަމާޒަށް ބަޑި ޖަހަން ދަސްކޮށްދޭ ތަނަކަށް، އޭނާގެ ބައްޕައާ އެކު ދެ ފަހަރެއްގެ މަތިން ގޮސް ބަޑި ޖަހަން ފަރިތަކޮށްފަ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން ސާބިއާގެ ރައީސް އެލެގްޒެންޑާ ވުސިޗް ވިދާޅުވީ މިއީ ސާބިއާގެ މި ޒަމާނުގެ ތާރީޚުގައި އައި އެންމެ އުނދަގޫ ދުވަސް ކަމަށެވެ. އަދި މި ހާދިސާ ހިނގި ގޮތަށް ރިއާޔަތްކޮށް، ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އެންމެ ހަގު އުމުރަކީ 12 އަހަރު ކަމަށް ހެދުމަށް ވިސްނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސާބިއާގައި މިހާރު އަމަލުކުރާ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައިވާ ގޮތުން، ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭނެ އެންމެ ހަގު އުމުރަކީ 14 އަހަރެވެ. މި ހާދިސާގައި ބަޑި ޖަހައި ކުދިންތަކެއް މަރައިލި ދަރިވަރަށް 14 އަހަރު ނުފުރޭތީ އޭނާ އެ ކުށުގެ ޒިންމާ އިން ބަރީއަވެގެންވާތީ، އޭނާއާ މެދު އެޅެން އޮތް ފިޔަވަޅަކީ، ނަފްސާނީ ފަރުވާ ދޭ ކްލިނިކެއްގައި ބަހައްޓައިގެން ފަރުވާ ދިނުމެވެ.

ސާބިއާ ފުލުހުން ބުނި ގޮތުގައި މި ހަމަލާ ދިނުމަށް އެ ދަރިވަރު ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ރާވައި ތައްޔާރުވެފަ އެވެ. އަދި މި ހަމަލާ ދިނުމަށްޓަކައި ވަންނާނީ ސްކޫލްގެ ކޮން ކްލާސްތަކަކަށް ކަމާއި، މަރައިލުމުގެ އެންމެ ބޮޑަށް އިސްކަން ދޭނެ ތަރުތީބުން، ދަރިވަރުންތަކެއްގެ ލިސްޓެއް ވެސް އޭނާ ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އިއްޔެގެ މި ހަމަލާގައި މަރުވި ކުދިންނާއި ޒަޚަމްވި ހުރިހާ ކުދިންނަކީ ވެސް، ގްރޭޑް 6 އަދި 7 ގައި ކިޔަވާ، އުމުރުން 13-14 އަހަރުގެ ދަރިވަރުންނެވެ.

އެ ސްކޫލްގެ ބައެއް ދަރިވަރުން ބުނި ގޮތުގައި ހަތިޔާރު ހިފައިގެން ހުރި ދަރިވަރު ކްލާހެއްގެ ތެރެއަށް ވަދެ އެންމެ ފުރަތަމަ ހަމަލާ ދިނީ އެ ކްލާހުގައި އެ ވަގުތު ހުރި ޓީޗަރަށެވެ. އެ ޓީޗަރު ޒަޚަމްވެގެން ވެއްޓުމާއެކު، އެ ކްލާހުގައި ތިބި ދަރިވަރުންގެ ތެރެއަށް، ވަކި ގޮތެއް ނުބަލައި ހަމަލާ ދޭން ފެށީ އެވެ.

އޭގެ ފަހުން އެ ކްލާހުން ނުކުމެގެން ގޮސް، ސްކޫލްގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހާ އަށް ހަމަލާދީ އޭނާ މަރައިލީ އެވެ. މި ހަމަލާގައި މަރުވި ސެކިއުރިޓީ ގާޑާކީ، ހަމަލާ ދިން ދަރިވަރާ ވަރަށް ގާތް ގުޅުމެއް އޮންނަ، އަދި އެހެން ދަރިވަރު ދެކެ ވެސް ވަރަށް ލޯބިވާ މުވައްޒަފެއް ކަމަށް، ސްކޫލްގެ ބެލެނިވެރިން ބުނެ އެވެ.