Roadha Mihaaru
އެސްއޯއީތަކުގެ މުވައްޒަފުންނަށް ގާނޫނުލްއުގޫބާތު ހިނގާނެ

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ގާނޫނުލް އުގޫބާތުގެ ދަށުން ކޮރަޕްޝަންގެ ދައުވާ ކުރެވޭނެ: ސުޕްރީމް ކޯޓް

04 މެއި 2023

ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގައި ދައުލަތުގެ މުވައްޒަފުން މާނަ ކޮށްފައި އޮތީ ދައުލަތުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ހިމެނޭ ގޮތަށެވެ. އެކަމަކު ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން އޭގެ ތެރޭގައި ހިމެނޭނެ ކަމަށް އެ ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައެއް ނުވެ އެވެ. އެހެންކަމުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ކޮރަޕްޝަންގެ ދައުވާތައް ދައުލަތުން ކުރަމުން އައީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ދަށުންނެވެ.

އެކަމަކު ޑަމްޕް ޓްރަކްތަކެއްގެ މައްސަލާގައި ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދައުވާއެއް ކުރުމުން ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެ ދައުވާ ކުރަން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް ބުނެ އެވެ. ހައި ކޯޓުން ވެސް މިދިޔަ ޖެނުއަރީ މަހު އެ ނިންމުމަށް ތާއީދު ކުރުމާ އެކު، ނިންމީ ގާނޫނުލް އުގޫބާތު އޮތްގޮތުން ދައުލަތުގެ މުވައްޒަފުންގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ނުހިމެނޭ ކަމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ދައުލަތުގެ ކުންފުނިތަކަކީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަންތަން ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. ގާނޫނުލްއުގޫބާތު މާނަ ކުރަންޖެހޭނީ އާންމު މަގްސަދުތަކާއި ހާއްސަ މަގްސަދުތައް ހާސިލްވާނެ ގޮތަށް ކަމަށް އެ ގާނޫނުގައި ބުނެފައިވާތީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވެސް ދައުލަތުގެ މުވައްޒަފުންގެ މާނައިގެ ތެރެއަށް ވަންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން އެ މާނައިގެ ތެރެއަށް ނުވަންނަ ނަމަ ގާނޫނުލްއުގޫބާތުގެ ދަށުން ލިބޭ ލުއިތައް ލިބުމުން އެ މީހުން މަހްރޫމް ވާނެ އެވެ. ކުށާއި އެކަށީގެންވާ އަދަބެއް ކަނޑައެޅުމުގެ ފުރުސަތު ވެސް ގެއްލިގެންދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ދައުލަތުގެ މުވައްޒަފުންގެ މާނައިގެ ތެރެއަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ނުވަންނާނެ ކަމަށް ހައި ކޯޓުން ނިންމީ ރަނގަޅަށް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ދައުލަތުގެ މުވައްޒަފުންގެ ތެރެއަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ނުވަންނާނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ބާތިލް ކުރުމަށެވެ. އަދި ޝިފާއުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ކަނޑައެޅި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.