މި އަހަރުގެ ހައްޖުގެ އަޅުކަމަށް އީރާނުން އެއްވެސް މީހަކު ސައުދީ އަރަބިއާ އަށް ނުފޮނުވާނެ ކަމަށް އެ ގައުމުގެ މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.
15 މެއި 2016
މި އަހަރުގެ ހައްޖުގެ އަޅުކަމަށް އީރާނުން އެއްވެސް މީހަކު ސައުދީ އަރަބިއާ އަށް ނުފޮނުވާނެ ކަމަށް އެ ގައުމުގެ މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.
ކަލްޗާ އެންޑް އިސްލާމިކް ގައިޑެންސް މިނިސްޓަރު އަލީ ޖަންނަތީ ވިދާޅުވީ ހައްޖަށް މީހުން ފޮނުވުމާ ބެހޭ ގޮތުން ސައުދީ އަރަބިއާއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ފައިދާނުވި ކަމަށާއި ސައުދީން ކުޅެފައި ވަނީ މަޝްވަރާތައް ހަލާކުކޮށްލުމުގެ ރޯލެއް ކަމަށެވެ. ޖަންނަތީގެ ވާހަކަތަކާ ގުޅިގެން ސައުދީ އަރަބިއާ އިން އެއްވެސް އެއްޗެއް ނުބުނެ އެވެ.
ސައުދީ އާއި އީރާނުގެ ގުޅުން ހީނަރުވެފައި ވަނީ ޝިއައީ ދީނީ ލީޑަރަކަށް ސައުދީން މިދިޔަ އަހަރު މަރުގެ އަދަބު ދިނުމާ ގުޅިގެންނެވެ. ސައުދީން ވަނީ އީރާނާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލައި، އެ ގައުމަށް ފްލައިޓްތައް އޮޕަރޭޓް ކުރުން ވެސް ހުއްޓާލައިފަ އެވެ. ޝިއައީ ލީޑަރުގެ މަރާ ގުޅިގެން އީރާނުގައި ހިތްހަމަނުޖެހުން އުފެދި ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީ އަށް ބަޔަކު ވަދެ އެތަނުގައި ވަނީ އަލިފާން ޖަހައިފަ އެވެ.
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ފިތިގެން ވަނީ އީރާނުގެ 460 މީހުން މަރުވެފަ އެވެ. އީރާނުން ބުނެފައި ވަނީ ފިތިގެން މީހުން މަރުވެފައި ވަނީ ސައުދީ އަރަބިއާގެ އިންތިޒާމްތައް ދޯދިޔާވުމުގެ ސަބަބުން ކަމަށެވެ.
ޖަންނަތީ ވިދާޅުވީ ސައުދީއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިޔައީ ވިސާ ދޫކުރުމާއި ހައްޖުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ. ތެހެރާނުގައި ސައުދީގެ ޑިޕްލޮމެޓިކް އޮފީހެއް ނެތުމުން ސައުދީން ބޭނުން ވަނީ އީރާނުން ހައްޖަށްދާ މީހުން ތިން ވަނަ ގައުމަކަށް ގޮސް ވިސާ ހޯދުމަށެވެ. އެކަމަކު އީރާނުން ބޭނުން ވަނީ ތެހެރާނުގައި ހުންނަ ސްވިސް އެމްބަސީ މެދުވެރިކޮށް ވިސާ ދޫކުރުމަށެވެ.
ޖަންނަތީ ވިދާޅުވީ ހައްޖުވެރިންގެ ސަލާމަތާއި ދަތުރުފަތުރާ ގުޅޭ ގޮތުން އީރާނުން ހުށަހެޅި ހުށަހެޅުން ސައުދީން ގަބޫލްކޮށްފައި ނުވާ ކަމަށެވެ.
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް
ސިޔާސީ ކަންކަމާއި ހައްޖާ ނުގުޅުވޭނެ: ސައުދީ ރަސްގެފާނު
މައްކާ އާއި މަދީނާއަކީ ސައުދީގެ މިލްކެއް ނޫން: އީރާން
އީރާނާ އެކު ބޭއްވި ހައްޖު މަޝްވަރާތައް ކާމިޔާބު
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
ހޫނު މަޑުކުރާ ދަވާދެއް މައްކާ މަގުތަކުގައި ލަނީ
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
ރާއްޖެއިން ހައްޖަށް ދާ މީހުން ފުރަން ފަށައިފި
މި އަހަރުގެ އަމީރުލް ހައްޖަކީ ނައިބު ރައީސް ފައިސަލް