Roadha Mihaaru
އަމީނިއްޔާގައި ހުރި ބައި ގަރުނުވީ ގަސް ވެއްޓިއްޖެ

އަމީނިއްޔާ ސްކޫލުގައި ހުރި ބައިގަރުނުވީ މަޑިމަސް ވަކަރު ގަސް ވެއްޓިއްޖެ

23 އޯގަސްޓް 2023

އަމީނިއްޔާ ސްކޫލުގެ ގޯތި ތެރޭގައި ހުރި ބައި ގަރުނުވީ މަޑިމަސްވަކަރު ގަސް ވެއްޓިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަމީނިއްޔާ ސްކޫލުގެ ގޯތި ތެރޭގައި ހުރި ބައި ގަރުނުވީ މަޑިމަސްވަކަރު ގަސް ވެއްޓިއްޖެ އެވެ.

އަހަރުގެ ވަކި ދުވަސްވަރެއްގައި ގިނަ އަދަދަކަށް މާ އަޅާތީ ގިނަ ބައެއްގެ ސަމާލުކަން ލިބޭ މި ގަސް ވެއްޓުނީ މިއަދު ހެނދުނު ކަމަށާއި އެ ވަގުތު ދަރިވަރުން ސްކޫލްގައި އުޅުނަސް ކުއްޖަކަށް އަނިޔާއެއް ނުވާ ކަމަށް އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވި އެވެ.

"ކުނިކަހާ މުވައްޒަފުން އެތަން ކުނި ކަހައި ނިންމާފައި ހަމަ ދިޔަ ތަނާ ވެއްޓުނީ، އެއީ ހެނދުނު 8 ޖަހާ އެހާއިރު. ގަސްގަނޑުގެ އެތެރެ އެއްކޮށް ހިކި ހޮއި ހެދިފައި އޮތީ. މުލުން ލުހެވިގެން ވެއްޓުނީ،" ނާޒް ވިދާޅުވި އެވެ.

މިހާރު ގަސް ނަގައި ސާފުކުރުމަށް ވެމްކޯ، ސިޓީ ކައުންސިލާއި އެޑިޔުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހާ ގިނަ ދުވަސްވީ ގަހެއް ވެއްޓުނީމާ އަޅުގަނޑަށް ހަމަ ރޮވުނު. ވަރަށް ދިގު ތާރީހެއް އޮންނާނެ، ރީތި މާ އަޅާ، ފޮޓޯނަގަން ވެސް އެތައް ބައިވަރު ކުދިންނެއް އަންނާނެ މާ އަޅާ ދުވަސްކޮޅު، އެހާ ބޮޑު ހިޔާގަނޑެއް އޮތް ގަހެއް އެއީ،" އޭނާ ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލް ގޯތިތެރޭގައި ބިޔަކޮށް ހެދިފައި ހުރި ރީތި މަޑިމަސްވަކަރު ގަސް މަލުން ޖަރީވެފައި--. ފޮޓޯ: ނިޝާން އަލީ/މިހާރު

އަމީނިއްޔާ ސްކޫލް ގޯތިތެރޭގައި ބިޔަކޮށް ހެދިފައި ހުރި ރީތި މަޑިމަސްވަކަރު ގަސް މަލުން ޖަރީވެފައި--. ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވަނީ އެ ގަހަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިންދާފައިވާ ގަހެއް ކަމަށެވެ. އެ ތަނުގައި އެ ގަސް ހުންނަތާ ފަންސާހަކަށް އަހަރު ވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.

މަޑިމަސް ވަކަރު (ރޯޒީ ޓްރަމްޕެޓް) އަކީ ހޫނު މޫސުން އެއްކޮށް އޮންނަ ގައުމުތަކުގައި ހެދޭ، ބަހާރުމޫސުމުގެ ދުވަސްތަކުގައި މާ އަޅާ ގަހެކެވެ. އެއީ ކުރީގައި ރާއްޖޭގައި އެހާ ގިނައިން ނެތް ނަމަވެސް މިހާރު ވަރަށް ގިނައިން ރަށްރަށުގަ އާއި މާލޭގައި ވެސް ހެދިފައި ހުންނަ ގަހެކެވެ.

އަމީނިއްޔާ ސްކޫލުގައި ހުރި މަޑިމަސް ވަކަރު ގަސް ވެއްްޓިފައި. -- ފޮޓޯ: އަމީނިއްޔާ

އަމީނިއްޔާ ސްކޫލުގައި ހުރި މަޑިމަސް ވަކަރު ގަސް ވެއްްޓިފައި. -- ފޮޓޯ: އަމީނިއްޔާ

މަޑިމަސް ވަކަރު ގަސް ގިނަ މީހުންނަށް އެނގެން ފެށީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މާލެ އާއި ހުޅުމާލޭގައި ހުރި އޭގެ ގަސްތަކުގައި އާދަޔާހިލާފަށް ގިނައިން މާ އެޅުމުންނެވެ. ކޮވިޑްގެ ދުވަސްވަރު ނަމަވެސް އެ ބެލުމަށް ގިނަ ބަޔަކު ދިޔަ އެވެ.

އޭގެ ފަހުން ކޮންމެ އަހަރަކު ވެސް މާ ފޮޅޭ ދުވަސްވަރު ފޮޓޯ ނަގަން ގިނަ ބަޔަކު މީގެ ގަސްތައް ހުންނަ ހިސާބުތަކަށް ދެ އެވެ.