Roadha Mihaaru
ޔާމީންގެ ޝަރީއަތް ލައިވްނުކުރަނީ ޖެހިލުންވާތީ: އަދުރޭ

ޔާމީންގެ އިސްތިއުނާފް ޝަރީއަތް ލައިވްނުކުރަނީ ސަރުކާރު ޖެހިލުންވާތީ: އަދުރޭ

28 ޖެނުއަރީ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި މަނީ ލޯންޑްރިންގެ ހުކުމްގެ އިސްތިއުނާފް ޝަރީއަތް ލައިވް ނުކުރަނީ ސަރުކާރުން އެކަން ކުރަން ޖެހިލުންވާތީ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި މަނީ ލޯންޑްރިންގެ ހުކުމްގެ އިސްތިއުނާފް ޝަރީއަތް ލައިވް ނުކުރަނީ ސަރުކާރުން އެކަން ކުރަން ޖެހިލުންވާތީ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޔާމީންގެ އިސްތިއުނާފް ޝަރީއަތް މިއަދު 11 ޖަހާއިރު ފަށަން ހައި ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ. ޝަރީއަތް ލައިވްކުރުމާ މެދު ގޮތް ނިންމުމުގެ ބާރު އޮންނަނީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށެވެ. އެ މަޖިލީހުން އެފަދަ ނިންމުމެއް އިއްޔެއާ ހަމަ އަށް ނިންމާފައި ނުވާ ކަމަށް ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުން ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ހުކުމް އިއްވި ޝަރީއަތް ލައިވްކުރުމަށް ފަހު އިސްތިއުނާފް ލައިވްނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. އެ ޝަރީއަތް ލައިވްކުރުމުން ޔާމީންގެ މައުސޫމްކަން ރައްޔިތުންނަށް ހާމަވެފައިވާ ކަމަށާއި އެހެންވެ އިސްތިއުނާފް ލައިވްކުރަން ޖެހިލުންވީ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑު ގޮވާލަން، އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކޭ އިސްތިއުނާފް މަރުހަލާގެ ޝަރީއަތްތައް ލައިވްކޮށް ކުރިއަށް ގެންގޮސް ދިނުމަކީ. ތަކުރާރުކޮށް އަޅުގަނޑު އެދެން އިސްތިއުނާފް ލައިވްކުރަން،" ޔާމީނާ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ ޝަރީއަތް ލައިވްކުރަން ދިވެހި ހުރިހާ ރައްޔިތުން ވެސް ބޭނުންވާނެ އެވެ. ސަރުކާރުން ދައްކަން ބޭނުންވެގެން އުޅޭ މަންޒަރު ދިވެހިންނަށް ފެންނާނީ އޭރުން ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

މި ދައުވާގައި ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާކޮށްފަ އެވެ. މި ހުކުމްގެ އިސްތިއުނާފްގެ މުއްދަތު ނިމެންދެން އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދޭން ވަކީން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު ހައި ކޯޓުން އެކަމާ މެދު ވެސް މިހާތަނަށް ގޮތް ނިންމައިފައެއް ނުވެ އެވެ.