Roadha Mihaaru
ކިންގްސްއަށް އިންވެސްޓްކުރި ފައިސާ އަނބުރާދޭން ހުކުމެއް

ކިންގްސްގެ ސްކީމްގައި ބައިވެރިވި މީހަކަށް ފައިސާ އަނބުރާ ދޭން ހުކުމްކޮށްފި

15 މެއި 2023

ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިންގެ ވިޔަފާރިކުރި ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި މީހަކަށް 90،000ރ. އަނބުރާ ދައްކަން ކިންގްސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިންގެ ވިޔަފާރިކުރި ކިންގްސް ކެޕިޓަލްގައި ފައިސާ އިންވެސްޓްކުރި މީހަކަށް 90،000ރ. އަނބުރާ ދައްކަން ކިންގްސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކިންގްސް ކުންފުނިން ފެށި ސްކީމްގައި ގިނަ ބަޔަކު ބައިވެރިވެ، ފައިސާ އިންވެސްޓްކޮށްފައި ވަނިކޮށް މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ހިފަހައްޓައި، ޖިނާއީ ތަހުގީގު ފެށުމުން ގިނަ ބަޔަކަށް ފައިސާ ނުލިބި ވަނީ ތާށިވެފަ އެވެ.

ފައިސާ އިންވެސްޓްކުރި މީހުންގެ ތެރެއިން އެކަކު އިންވެސްޓްކުރި 100،000ރ. ތެރެއިން 90،000ރ. އަނބުރާ ނުދިން މައްސަލަ އެ މީހާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކުންފުނީގެ ޣައިރު ހާޒިރުގައި ކޯޓުން މިއަދު ހުކުމްކުރީ މިއަދުން ފެށިގެން އެއް މަސް ތެރޭގައި އެ ފައިސާ ދެއްކުމަށެވެ.

ކިންގްސްގެ ހިއްސާދާރުންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ފުލުހުން އަންނަނީ ޖިނާއީ މައްސަލައެއް ވެސް މިހާރު ބަލަމުންނެވެ. އެކަމަކު ބޭންކް އެކައުންޓްތައް ހިފެހެއްޓި މައްސަލާގައި ސިވިލް ކޯޓުން ކުރިން ނިންމާފައިވަނީ އެކަން ބީއެމްއެލްއިން ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެ މައްސަލަ ބީއެމްއެލްގެ ފަރާތުން ހައި ކޯޓުގައި މިހާރު އޮތީ އިސްތިއުނާފްކޮށްފަ އެވެ.