Roadha Mihaaru
އަލްހާން ބީއެމްއެލްގެ ކްރެޑިޓް ކާޑު ދަރަނި ދައްކައިފި

އަލްހާން ބީއެމްއެލްގެ ކްރެޑިޓް ކާޑުގެ ދަރަނިތައް ހަލާސްކުރުމުން ދައުވާ ބާތިލްކޮށްފި

23 މާޗް 2022

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ބީއެމްއެލް އިން ނަންގަވާފައިވާ ދެ ކްރެޑިޓް ކާޑަކަށް ދައްކަވަންޖެހޭ ފައިސާ އާއި އިންޓަރެސްޓް ނުދައްކައިގެން މިދިޔަ އަހަރު ކުރި ދައުވާ، އޭނާ އެ ކާޑުތަކަށް ފައިސާ ދެއްކެވުމުން އިއްޔެ ބާތިލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ބީއެމްއެލް އިން ނަންގަވާފައިވާ ދެ ކްރެޑިޓް ކާޑަކަށް ދައްކަވަންޖެހޭ ފައިސާ އާއި އިންޓަރެސްޓް ނުދައްކައިގެން މިދިޔަ އަހަރު ކުރި ދައުވާ، އޭނާ އެ ކާޑުތަކަށް ފައިސާ ދެއްކެވުމުން އިއްޔެ ބާތިލްކޮށްފި އެވެ.

އަލްހާންގެ ހިއްސާ އޮންނަ ކުންފުންޏަކުން އާންމުން ބައިވެރިކޮށްގެން ހިންގާ ފަންޑެއްގެ މައްސަލަ ބޮޑުވެ، އެ ފަންޑުގެ ފައިސާ ބޭނުންކުރައްވާ ގޮތާ މެދު ތުހުމަތުތައް ވަނީ ބޮޑުވެފަ އެވެ.

ބީއެމްއެލް އިން ސިވިލް ކޯޓަށް އޮގަސްޓް 8، 2021 ގައި ހުށަހެޅި ދައުވާގައިވާ ގޮތުން ވިސާ ޕްލެޓިނިމް ކްރެޑިޓް ކާޑު އަދި އެމެރިކަން އެކްސްޕްރެސް ގޯލްޑް ކްރެޑިޓް ކާޑު ބޭނުންކޮށް، އެއްބަސްވެފައިވާ ގޮތަށް އަލްހާން އެ ކާޑުތަކަށް ފައިސާއެއް ނުދައްކަވަ އެވެ. ނަމަވެސް ދައުވާ ބާތިލްކުރުމަށް ނެރުނު ހުކުމުގައި ފައިސާގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ގޯލްޑް ކާޑަށް 22،000ރ. އިން މަތީގެ ކްރެޑިޓް ލިބޭނެ އެވެ. އެ ކާޑުގެ އިންޓްރެސްޓަކީ ކޮންމެ މަހަކަށް 2.65 ޕަސެންޓެވެ. ވިސާ ޕްލެޓިނިމް ކާޑުގެ ލިމިޓަކީ 5000-24،000 ޑޮލަރާ ދެމެދެވެ. އެ ކާޑުގެ އިންޓްރެސްޓަކީ 2.5 ޕަސެންޓެވެ.

ބީއެމްއެލް އިން ދައުވާކޮށްފައި އޮތީ މުއާމަލާތްތަކާ ގުޅިގެން ދައްކަންޖެހޭ ހުރިހާ ފައިސާއަކާއި އިންޓްރެސްޓް ޖޫރިމަނާގެ ފައިސާ އެކީ، އެއްފަހަރާ ހޯދުމަށެވެ.

އަލްހާން ހިމެނޭ ގޮތަށް، އެ އާއިލާގެ ބައެއް ބޭފުޅުން ނެންގެވި 8.7 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެން ބީއެމްއެލް އިން ދައުވާކުރުމުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ވަނީ ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެއް އަހަރު ތެރޭ ދައްކަން ވެސް ސިވިލް ކޯޓުން ހުކުމްކޮށްފަ އެވެ. މިއީ އަލްހާންގެ އާއިލީ ގެ މޯގޭޖްކޮށް ނަގާފައިވާ ލޯނެކެވެ.

ދައުވާ ބާތިލްކުރި ހުކުމުގައި ވަނީ އެގޮތަށް ނިންމީ ކާޑުތަކަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާތީ މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓަށް ބޭންކުން އެކަން އަންގާފައި ވާތީ ކަމަށެވެ.

އަލްހާންގެ ހިއްސާ އޮންނަ ކިންގްސް ފޮރެކްސް އިން ހިންގާ ފަންޑުގެ މައްސަލަ އެމްއެމްއޭ އިން ބީއެމްއެލްގެ ސަމާލުކަމަށް ގެނައުމާ އެކު އެ ބޭންކުން ކުންފުނީގެ އެކައުންޓް ހިފެހެއްޓުމުންނާއި އެ ފަންޑާ ގުޅުން ހުރި ބައެއް ކަންކަމުގައި ބޭންކުން އަމަލުކުރި ގޮތުގެ ސަަބަބުން އަލްހާންގެ ގެންދަވަނީ ބޭންކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ފުލުހުން ވެސް ވަނީ މިގޮތަށް ހިންގާ ފަންޑުތަކުގައި ބައިވެރި ނުވާން އިލްތިމާސްކޮށް، ފަންޑުތަކުގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ.

ފަންޑުގައި ބައިވެރިވާ މީހުންނަށް ފައިދާއާ އެކު ފައިސާ ދެނީ ފޮރެކްސް ޓްރޭޑިންގައި އިންވެސްޓްކޮށްގެން ކަމަށް ބުންޏަސް ފަންޑުގެ ބައިވެރިންނަށް އިތުރަށް ފައިސާ ދެނީ އަލަށް ފަންޑުގައި ބައިވެރިވާ މީހުންގެ ފައިސާއިން ކަމުގެ ތުހުމަތު އެއްބަޔަކު ކުރެ އެވެ. މިގޮތަށް ލިބޭ ފައިސާ އިން އަލްހާންގެ އަމިއްލަ ކަންކަމަށް ހޭދަކުރާ ކަމަށް ތުހުމަތުކުރާއިރު އެކަން އަލްހާން ދޮގުކުރައްވަ އެވެ.