Roadha Mihaaru
ލީޑްސްގެ ކުރީގެ ކޯޗު ބިއެލްސާ، އުރުގުއޭއާ ހަވާލުވެއްޖެ

ލީޑްސްގެ ކުރީގެ ކޯޗު ބިއެލްސާ، އުރުގުއޭއާ ހަވާލުވެއްޖެ

16 މެއި 2023

މޮންޓެވީޑިއޯ، އުރުގުއޭ (މެއި 16) - އިނގިރޭސި ކްލަބް ލީޑްސް ޔުނައިޓެޑާ އެކު ރަނގަޅު މަސައްކަތްތަކެއްކޮށް، އެ ޓީމު އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދިން ކޯޗު، މާސެލޯ ބިއެލްސާ، އުރުގުއޭ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

މޮންޓެވީޑިއޯ، އުރުގުއޭ (މެއި 16) - އިނގިރޭސި ކްލަބް ލީޑްސް ޔުނައިޓެޑާ އެކު ރަނގަޅު މަސައްކަތްތަކެއްކޮށް، އެ ޓީމު އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދިން ކޯޗު، މާސެލޯ ބިއެލްސާ، އުރުގުއޭ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

އާޖެންޓީނާ އަށް އުފަން އުމުރުން 67 އަހަރުގެ ބިއެލްސާ ލީޑްސްގެ ކޯޗުކަމުން ވަކިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އޭގެ ފަހުން ބިއެލްސީ ހުރީ ކޯޗިންއާ ދުރުގަ އެވެ.

އިނގިރޭސި ލީގުގައި ވާދަކުރާ ބޯންމަތާއި އެވަޓަންގެ ކޯޗު ކަމަށް ބިއެލްސާ ގެނައުމުގެ ވާހަކަތައް މިދިޔަ މަސްތަކުގައި ދެއްކި އެވެ. އެކަމަކު ބިއެލްސާއާ އެކު އެ އިން އެއްވެސް ކްލަބަކަށް އެއްބަސްވުމަކަށް ނާދެވުނެވެ.

ތަޖުރިބާކާރު ކޯޗު ބިއެލްސާ 2018 ވަނަ އަހަރު ލީޑްސް ޔުނައިޓެޑާ ހަވާލުވެ ނަތީޖާތައް ރަނގަޅުކުރި އެވެ. ކުރީގެ މަޝްހޫރު ކްލަބް ބިއެލްސާގެ ކޯޗުކަމުގައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވީ 16 އަހަރަށް ފަހު އެވެ. ފުރަތަމަ ސީޒަނުގައި ލީޑްސްއާ އެކު ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެ ރެލިގޭޓް ނުވެ އެޓީމު ސަލާމަތް ކޮށްދިނެވެ.

ލީޑްސް ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން ބިއެލްސާ ވަނީ ފްރާންސާއި ސްޕެއިން އާއި އިޓަލީ އަދި އާޖެންޓީނާގެ ކްލަބްތަކަށް އިރުޝާދު ދީފަ އެވެ. އަދި 2007 އިން 2011 އަށް ޗިލީ، 1998 އިން 2004 އަށް އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި އެވެ. ބިއެލްސާ ވަނީ އާޖެންޓީނާ ގޮވައިގެން 2004 ގެ ކޮޕާ އެމެރިކާގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އެ އަހަރު އާޖެންޓީނާގެ ޒުވާން ޓީމާ އެކު އޮލިމްޕިކްސްގައި ރަން މެޑަލް ވެސް އޭނާ ހާސިލް ކުރި އެވެ.

ދެ ފަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އުރުގުއޭ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ވޯލްޑް ކަޕްގެ ނާކާމިޔާބީއާ އެކު އޭރުގެ ކޯޗު ޑިއޭގޯ އަލޮންސީ ވަނީ މަގާމުން އިސްތިއުފާދީފަ އެވެ. މިދިޔަ ފެބްރުއަރީ އިން ފެށިގެން އެޓީމުގެ ވަގުތީ ކޯޗުކަން ކުރަމުން އަންނަނީ އެ ގައުމުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މާސެލޯ ބްރޯލީ އެވެ. ދުނިޔޭގެ ރޭންކިންގައި އުރުގުއޭ މިވަގުތު އޮތީ 16 ވަނައިގަ އެވެ.