Roadha Mihaaru
ބަލިނުވެ ރެކޯޑް ދަމަހައްޓައި ކޮލަމްބިއާ ފައިނަލަށް

އެކަކު މަދުކޮށް ވެސް ރެކޯޑް ދަމަހައްޓައި ކޮލަމްބިއާ ފައިނަލަށް

11 ޖުލައި 2024

ނޯތު ކެރޮލީނާ (ޖުލައި 11) – އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެގެން ވެސް 1-0 އިން އުރުގުއޭ ބަލިކޮށް ކޮލަމްބިއާ އިން، އެޓީމު ބަލު ނުވުމުގެ ރެކޯޑް ދަމަހައްޓައި، ކޮޕާ އެމެރިކާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ނޯތު ކެރޮލީނާ (ޖުލައި 11) – އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެގެން ވެސް 1-0 އިން އުރުގުއޭ ބަލިކޮށް ކޮލަމްބިއާ އިން، އެޓީމު ބަލު ނުވުމުގެ ރެކޯޑް ދަމަހައްޓައި، ކޮޕާ އެމެރިކާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި ނަތީޖާއާ އެކު ކޮލަމްބިއާ ވަނީ ބަލި ނުވެ 28 މެޗު ހަމަކޮށް ގައުމީ ރެކޯޑެއް ގާއިމް ކޮށްފަ އެވެ. މީގެ ކުރިން އެޓީމުން ވަނީ 1992 އާއި 1994 އާ ދެމެދު ބަލިނުވެ 27 މެޗު ހަމަކޮށްފަ އެވެ.

މިހާތަނަށް ބަލިނުވެ، ޖެހިޖެހިގެން އެންމެ ގިނަ ބައިނަލްއަގުވާމީ މެޗު ކުޅުމުގެ ރެކޯޑް އޮންނަނީ 2018 އިން 2021 އާ ދެމެދު 37 މެޗުން ބަލިނުވެ ހިފަހައްޓާލި އިޓަލީ އެވެ. އަދި އާޖެންޓީނާ ވަނީ 2019 އާއި 2022 އާ ދެމެދު ބަލި ނުވެ ޖެހިޖެހިގެން 36 މެޗު ކުޅެފަ އެވެ.

އަންނަ ހޯމަ ދުވަހުގެ ރާއްޖެ ގަޑިން ފަތިހު 5 ޖަހާއިރު ކޮޕާ އެމެރިކާގެ ފައިނަލްގައި ކޮލަމްބިއާ ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.

މިއީ 2001 ވަނަ އަހަރު އަމިއްލަ ފަސްގަނޑުގައި ކޮޕާ އެމެރިކާ ތަށި އުފުލާލި ފަހުން ކޮލަމްބިއާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އޭގެ ކުރިން ފުރަތަމަ ފަހަރަށް ފައިނަލް ކުލެފައި ވަނީ މުބާރާތުގެ ނަން ސައުތު އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕުން ކޮޕާ އެމެރިކާއަށް ބަދަލުކުރި އަހަރު؛ 1975 ގަ އެވެ.

މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގެ 39 ވަނަ މިނިޓުގައި ކޮލަމްބިއާ އަށް ލަނޑު ޖަހައިދިނީ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް ނަގައިދިން ހުރަހަކުން ޖެފާސަން ލާމާ އެވެ.

މިއީ ރޮޑްރިގޭޒް، މިއަހަރުގެ ކޮޕާ އެމެރިކާގައި އެސިސްޓް ކުރި ހަވަނަ ލަނޑެވެ. މުބާރާތުގައި މިހާތަނަށް އެއް ގޯލު ކާމިޔާބު ކޮށްފައިވާ ރޮޑްރިގޭޒް ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ.

އެޓީމުން ކުޅުންތެރިއަކު މަދުވީ، އޭގެ ފަސް މިނިޓު ފަހުން ޑިފެންޑަރު ޑެނިއެމް މުނޯޒް ކުރި ފައުލަކަށް އޭނާ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދެއްކުމުންނެވެ

އުރުގުއޭ އަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ފޯވާޑް ލުއިސް ސުއަރޭޒް ވަނީ މި މެޗުގެ ފަހު ހާފުގައި ކުޅެން ނުކުމެފަ އެވެ. ޖުމްލަ 68 ގޯލު ޖަހާފައިވާ 37 އަހަރުގެ ސްޓްރައިކަރު ފޮނުވާޅި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.