Roadha Mihaaru
އެމްޑީޕީން އަޅުގަނޑު ވަތްކެއް ނުވޭ: އާޒިމް

އެމްޑީޕީން އަޅުގަނޑު ވަތްކެއް ނުވޭ: އާޒިމް

16 މެއި 2023

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިވެއްޖެ ކަމަށާއި އޭނާއަށް ފަސް އަހަރު ވަންދެން ޕާޓީގެ ޓިކެޓެއްގައި އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭނެ ކަމަށް ނިންމީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް އާޒިމް ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިވެއްޖެ ކަމަށާއި އޭނާއަށް ފަސް އަހަރު ވަންދެން ޕާޓީގެ ޓިކެޓެއްގައި އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭނެ ކަމަށް ނިންމީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް އާޒިމް ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު ޕާޓީން ވަތްކެއް ނުވޭ،" އާޒިމް "މިހާރު"އަށް ވިދާޅުވި އެވެ.

އޭނާއަށް ފިޔަވަޅު އަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅީ ޗާގޮސް މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިތުބާރު ނެތް ކަމުގެ ވޯޓުތަކުގެ ތެރެއިން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްސަލާގައި ސޮއި ކުރެއްވުމާއި އިދިކޮޅު މުޒާހަރާއާ ގުޅޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުންނެވެ.

އާޒިމް ވިދާޅުވި ގޮތުގައި ފިޔަވަޅު އަޅާ ކޮމިޓީގެ ރިޔާސަތާއި ކުރިއަށް ގެންދަން ޖެހޭނެ ގޮތް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި އެބައޮތެވެ. އޭނާއާ މެދު ފިޔަވަޅު އެޅީ އަސާސީ ގަވައިދާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ވިދާޅުވި އެވެ.

ފިޔަވަޅު އަޅާ ކޮމިޓީގެ ޗެއާއަކީ، ގަވައިދުގައިވާ ގޮތުން ޕާޓީގެ ނައިބު ރައީސެވެ. މިވަގުތު އެ މަގާމުގައި ހުންނެވި ނައިބު ރައީސް މުހައްމަދު ޝިފާޒަށް ކޮމިޓީ ބޭއްވިކަން އަންގާފައި ނުވާ ކަމަށާއި ކޮމިޓީ ބޭއްވީ ސިއްރުން ކަމަށް އޭނާ ތުހުމަތުކުރައްވަ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ، ޕާޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު

އެމްޑީޕީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ، ޕާޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު

އަސާސީ ގަވައިދުގައި ވަކި ގޮތަކުން ކުރަން އޮންނަ ކަމެއްގައި، ނިންމުމެއް އިއުލާންކުރީ މުޅިން އެހެން މީހަކު ކަމަށް އާޒިމް ވިދާޅުވި އެވެ.

"ގަވާއިދާ ޚިލާފަށް ފިޔަވަޅު އަޅާ ކޮމިޓީއަށް ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކާ އެކު އާޒިމް ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނ: މި ޕްރެސްގައި ބައިވެރިވެވަޑައިގަތީ ގާނޫނުއަސާސީގައި މެމްބަރުންގެ ދައުރު އަދާކުރަން އޮންނަ ގޮތަށް ކަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު

އިދިކޮޅު ފަރާތްތަކާ އެކު އާޒިމް ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނ: މި ޕްރެސްގައި ބައިވެރިވެވަޑައިގަތީ ގާނޫނުއަސާސީގައި މެމްބަރުންގެ ދައުރު އަދާކުރަން އޮންނަ ގޮތަށް ކަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު

އާޒިމް ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވައިދުގެ 19 ވަނަ މާއްދާގެ ހ.ގެ ދަށުންނެވެ. ޕާޓީން ވަކިކުރެވޭނެ ހާލަތުތައް ބަޔާންކޮށްފައިވާ އިރު އާޒިމަށް ފިޔަވަޅު އެޅީ އެހެން ޕާޓީއެއްގެ ސިޔާސީ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވާތީ އެއީ މަސްލަހަތު ގެއްލޭ، ކަމެއް ކަމަށް ނިންމަ އެވެ.

އާޒިމް ވިދާޅުވީ ގާނުނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރު ސާފުކޮށް ލިއެފައި އޮވެ އެވެ. އެއާ ޚިލާފަށް އެއްވެސް ޕާޓީއެއްގެ އަސާސީ ގަވައިދެއް ނުހެދޭނެ ކަމަށާއި އޭނާގެ ކަންބޮޑުވުމަކީ ރާއްޖޭގެ ކަނޑުން ބައެއް، ސަރުކާރުން އަމަލުކުރި ގޮތުން ގެއްލިގެން ދިއުމެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސްއޫލިއްޔަތެއް ހާއްސަ ބައުންޑަރީ ކަނޑައެޅުމަކީ، އެހެންވީމަ އަޅުގަނޑުމެންނާ ނުބައްސާ ނުވަތަ މަޖިލީހަށް ނޭނގި ބައުންޑަރީ ކަނޑައެޅީމަ މި ވާހަކަ ދައްކަނީ،" އާޒިމް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު ނުކެނޑޭ، ޔަގީނުން ވެސް ގަވައިދަކުން ވަތްކެއް ނުކުރޭ. އަޅުގަނޑަކަށް ނުވެސް އަންގާ."

އޭނާގެ އަނެއް ކަންބޮޑުވުމަކީ މައްސަލައެއް ބަލާކަން ވެސް ނޭންގުމާއި ޖަވާބުދާރީވާން ވެސް ފުރުސަތު ނުދިނުމުގެ އިތުރުން ޕާޓީން މިފަދަ ކަންކަމުގައި ކުރިން އަމަލުކުރަމުން އަންނަ ހުރިހާ އުސޫލްތަކެއް މުގުރާލުމެވެ. މީގެ ކުރިން ފިޔަވަޅު އަޅަނީ އުސޫލްތަކެއްގެ ތެރެއިން ކަން އާޒިމް ފާހަގަކުރެއްވި އެވެ.

މިސާލެއްގެ ގޮތުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވަކިކުރި އިޖުރާއަތުތައް ގެންދިޔަ ގޮތް ބަލަން އެދިވަޑައިގަތެވެ.

"މޫސަ ވަކި ކުރި ގޮތް ބައްލަވާ، ކިތައް ފަހަރަށް ގެންދިޔަތޯ، ކިތައް ދުވަހުގެ ޕްރޮސެސްއަކުން ގެންދިޔަ ކަމެއްތޯ." އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީ ހިންގުމުގައި އަމަލުކުރަމުންދަނީ ވަރަށް ގޯސް އިޖުރާއަތުތަކަށެވެ.

އާޒިމްއާ މެދު ފިޔަވަޅު އެޅި ކޮމިޓީގެ ނިންމުން އެމްޑީޕީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާއިރު، އޭގައި ބުނެފައި ވަނީ ޕާލަމެންޓްރީ ގްރޫޕުން އާޒިމާ މެދު ފާހަގަކޮށްފައިވާ މައްސަލަތަކުގައި ފިޔަވަޅު ނާޅައި ދޫކޮށްލައިފިނަމަ، ކުރިމަގުގައި އެހެން މެންބަރުންތަކެއްގެ ފުށުން ވެސް މި ބާވަތުގެ އަމަލުތަކެއް ތަކުރާރުވުމަކީ ގާތް ކަމެކެވެ. މީގެއިތުރުން މި މައްސަލައިގައި ފިޔަވަޅުނާޅާއި ދޫކޮށްލުމަކީ، އެފަދަ އަމަލުތައް ތަކުރާރުކުރުމަށް މެންބަރުންނަށް ދެވޭ ހިތްވަރެއްކަމުގައި ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.