Roadha Mihaaru

ޑިމޮކްރެޓްސްގެ މެންބަރުންގެ ބަދަލުގައި ޕާޓީން މަޖިލީހުގެ މައްސަލައަށް ވަންނަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ތަދައްހުލްވާން ޑިމޮކްރެޓްސްގެ ވަކިވަކި މެމްބަރުންނަށް ފުރުސަތު ނުދޭން ކޯޓުން ނިންމި ނަމަވެސް ސީދާ ޕާޓީން ތަދައްހުލްވާން ހުށަހަޅަން މިއަދު ނިންމައިފި އެވެ.

ޑިމޮކްރެޓްސްގެ މެންބަރުންގެ ބަދަލުގައި ކޯޓަށް ދާނީ ޕާޓީ
އިފްރާޒް އަލީ
އިފްރާޒް އަލީ

05 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ތަދައްހުލްވާން ޑިމޮކްރެޓްސްގެ ވަކިވަކި މެމްބަރުންނަށް ފުރުސަތު ނުދޭން ކޯޓުން ނިންމި ނަމަވެސް ސީދާ ޕާޓީން ތަދައްހުލްވާން ހުށަހަޅަން މިއަދު ނިންމައިފި އެވެ.

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެ މައްސަލަ އަށް ތަދައްހުލްވާން އެ ޕާޓީގެ ނުވަ މެންބަރުންނަށް ފުރުސަތު ނުދޭން ސުޕްރީމް ކޯޓުން ނިންމުމުން، ޕާޓީގެ ފަރާތުން އެކަމަށް އެދެން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ އިންޓަރިމް ކޮމިޓީގެ ބައްދަލުވުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް އެދި ކޯޓަށް ސިޓީ ފޮނުވުމުގެ ކަންކަން މިހާރު އަންނަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި ޑިމޮކްރެޓްސް އަށް ނިސްބަތްވާ ނުވަ މެންބަރުން ތަދައްހުލުވާން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ކޯޓުން ނިންމީ އެ ފުރުސަތު ނުދޭށެވެ. އެކަމަކު މި މަހުގެ 17 ގައި ވެރިކަމާ ހަވާލުވާ ޕީއެންސީ/ޕީޕީއެމް އިން އެ މައްސަލައަށް ތަދައްހުލްވާން ހުށަހެޅުމުން އެ ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

ޑިމޮކްރެޓްސްގެ ވަކިވަކި މެމްބަރުންނަށް ތަދައްހުލް ނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ ދުސްތޫރީ މައްސަލައަކަށް ވާތީ ކަމަށް ވަނީ އަންގައިފަ އެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ސުޕްރީމް ކޯޓުގައި ފަށާއިރު ދައުވާ ލިބޭ ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރަނީ ބަންޑާރަ ނައިބެވެ.

މި މައްސަލާގައި ބަންޑާރަ ނައިބުގެ ފަރާތުން މަޖިލިސް ތަމްސީލް ކުރާއިރު، މި ދުސްތޫރީ މައްސަލަ އަކީ މަޖިލީހުގެ ނިންމުމާ ދެކޮޅަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައެކެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ އެއްވެސް މަސައްކަތެއް އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ކަނޑަނާޅާ ކުރިއަށް ނުގެންދެވޭނެ އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާ އަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަން ޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތެރެއިން ބޭފުޅަކު ރިޔާސަތު ބެލެހެއްޓެވުމެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ވެސް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.