Roadha Mihaaru
އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި: ޑިމޮކްރެޓްސް

އަމީރު ގާނޫނުއަސާސީއާ ހިލާފުވެއްޖެ، ފިޔަވަޅު އަޅަންޖެހޭ: ޑިމޮކްރެޓްސް

31 އޮކްޓޯބަރ 2023

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި ކަމަށާއި އޭނާއާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި ކަމަށާއި އޭނާއާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވީ ނަމަވެސް، ފިނޭންސް މިނިސްޓަރު ނިންމެވީ ޖަލްސާއަށް ވަޑައިނުގަންނަވާށެވެ.

އެގޮތަށް އޭނާ ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ، މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅަން ވަޑައިނުގަންނަވަން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ލަފާ ދެއްވުމުންނެވެ.

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް، އެއްވެސް ފަރާތަކަށް ބަންޑާރަ ނައިބަކަށް ލަފާ ނުދެއްވޭނެ ކަމަށެވެ. ރިފްއަތުގެ ލަފާއާ އެއްގޮތަށް އަމަލުކޮށް މިނިސްޓަރު އަމީރު އެ ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިނިސްޓަރު އަމީރާ ދޭތެރޭ ކޮންމެވެސް ހިސާބަކުން ފިޔަވަޅު އެޅެންޖެހޭ. ކޮންމެވެސް ކޯޓަކުން ކޮންމެ ވެސް ފަރާތަކުން އެކަމާ ދޭތެރޭ ފިޔަވަޅު އެޅެންޖެހޭ. ގާނޫނުއަސާސީގެ 96ވަނަ މާއްދާގައި ވަރަށް ސާފުކޮށް ލިޔެފައި އޮވޭ މަޖިލީހަށް ބަޖެޓް ހުށަހަޅަންޖެހޭނެ ކަމަށް. ހުށަހަޅަންޖެހޭނީ މިނިސްޓަރު ކަމަށް،" އާޒިމް ވިދާޅުވި އެވެ.

"އެހެންވީމަ މިނިސްޓަރު އެ ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި."

އާޒިމް ގަބޫލު ކުރައްވާ ގޮތުގައި މަޖިލީހުގައި ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތެވެ.

އޭނާ ވިދާޅުވީ މައްސަލައެއް ހުށަހެޅުމަކީ މަޖިލީހުގެ ތަޅުމަށް ހުށަހެޅުން ކަމަށާއި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާތަނަށް ތަޅުމަށް ހުށަހަޅާފައި ނެތް ކަމަށެވެ.

އެހެންކަމުން، އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނުނިންމާ އެހެން މަސައްކަތްތައް ނުކުރެވޭނެ ކަމަށް ބުނާ ހާލަތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީގެކުރިން ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، ތަޅުމަށް އިއްވާފައި ނުވާ މުއްދަތުގައި ވެސް އެހެން މަސައްކަތްތައް ކުރިއަށްދިޔަކަން އާޒިމް ފާހަގަކުރެއްވި އެވެ.

ނަމަވެސް، އެމްޑީޕީން ގަބޫލު ކުރާ ގޮތަކީ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި ނޯޓިސްގެ މުއްދަތު ހަމަވުމުން ދެން އެ މައްސަލާގައި ގޮތެއް ނުނިންމާ އެހެން މަސައްކަތެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ އެވެ. އެގޮތަށް މާނަކޮށްދިނުމަށް އެދި އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

މަޖިލީހުގެ ގަވައިދުގެ 211 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓް ނޮވެމްބަރު 1ގެ ކުރިން މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހަޅަންޖެހެ އެވެ. މިއަދު މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވުނުއިރު އާޒިމް ވިދާޅުވީ މިހާރު އެމްޑީޕީން ކުރާ ކަމަކީ ގާނޫނީ ހަމައަކުން ކުރާ ކަމެއް ނޫން ކަމަށާއި އެއީ އަންނަ ސަރުކާރަށް ޖެއްސުން ކުރަން ކުރާ ކަމެއް ކަމަށެވެ.

މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ޕާޓީން ގަބޫލުކުރާ ގޮތުގައި ގަވައިދުގައިވާ ގޮތަށް މަޖިލީހަށް ބަޖެޓް ވަނީ ހުށަހަޅާފަ އެވެ. އެއީ މަޖިލީހަށް މިނިސްޓަރު ބަޖެޓް ފޮނުވުމުން އެ މާއްދާގައި ބުނާ ކަން ހާސިލްވީ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ބަޖެޓްގެ ތަފްސީލްތައް ހާމަކުރަން ޖަލްސާ ބޭއްވުމަކީ މަޖިލީހަށް އޮތް ކަމެއް ކަމަށާއި އެއީ މިނިސްޓަރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.