Roadha Mihaaru
އެފްއެސްއެމްގެ އެމްޑީ އަކަށް ގަސަމް

އެފްއެސްއެމްގެ އެމްޑީ އަކަށް ގަސަމް

03 ފެބުރުއަރީ 2019

އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރަކަށް، ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް މިއަދު އައްޔަން ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރަކަށް، ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް މިއަދު އައްޔަން ކޮށްފި އެވެ.

ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގައި އިސްކޮށް އުޅުއްވާ ގަސަމަކީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމަށް ހަމަޖެއްސީ މިއަދު ބޭއްވި އެސްޓީއޯގެ ބޯޑުގެ ބައްދަލުވުމުގަ އެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާ އެވެ.

ގަސަމް އެމްޑީކަމަށް ހަމަޖެއްސިކަން އެސްޓީއޯއިން އިއުލާން ކުރުން--

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަދި ފަހުން އެސްޓީއޯގެ ޖެނެރަލް މެނޭޖަ ސޭލްސް، ރީޖަނަލްގެ މަގާމު ފުރުއްވި ހުސައިން ދީދީ އަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަ އަކާ ގުޅިގެން އޭނާ ވަނީ މިދިޔަ ހަފްތާގައި ވަޒީފާ އިން ވަކިކޮށްފަ އެވެ.

ހުސައިން ދީދީ ވަކިކުރީ ކްރެޑިޓަށް ތެޔޮ ނުވިއްކަން އަންގާފައި ވަނިކޮށް 41 މިލިއަން ރުފިޔާގެ ތެޔޮ، ޔާމީންގެ ސަރުކާރުގައި އެކި ކުންފުނިތަކަށް ވިއްކާފައިވާ މައްސަލަ އަކާ ގުޅިގެންނެވެ.

ޔާމީންގެ ސަރުކާރަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވޭއިރު އެފްއެސްއެމްގެ ތެރެއިން އެފަދަ މުއާމަލާތްތައް ހިންގި ކަމަށް ބުނެވެ އެވެ. ހާއްސަކޮށް، އޭރު ވެރިކަން ހިންގި ޕާޓީ، ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް ނުގަވައިދުން ތެޔޮ ދީގެން ވިޔަފާރި ކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.