Roadha Mihaaru
ޗާގޯސްގެ ހުރިހާ ފައިލެއް ހާމަކުރަން ޝަހީދު އެދިއްޖެ

ޗާގޯސްއާ ގުޅޭ ހުރިހާ ފައިލެއް ހާމަކުރަން ޑރ. ޝަހީދު އެދިވަޑަައިގެންފި

16 މެއި 2023

ޗާގޯސްގެ މައްސަލާގައި 1982 އިން ފެށިގެން ރާއްޖެ އިން ނިންމާފައިވާ ހުރިހާ ނިންމުމެއް ހާމަކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ދިވެހި ސަރުކާރަށް މިއަދު ގޮވާލައްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޗާގޯސްގެ މައްސަލާގައި 1982 އިން ފެށިގެން ރާއްޖެ އިން ނިންމާފައިވާ ހުރިހާ ނިންމުމެއް ހާމަކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ދިވެހި ސަރުކާރަށް މިއަދު ގޮވާލައްވައިފި އެވެ.

މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކަނޑައެޅި ގޮތަށް ތާއީދު ކުރައްވާ ޑރ. ޝަހީދު ކުރެއްވި ޓުވީޓެއްގައި އެދިވަޑައިގަތީ ކަނޑުގެ ގާނޫނާއި ޗާގޯސްއާ ބެހޭ ގޮތުން މީގެ 41 އަހަރު ކުރިން ފެށިގެން ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އެމެރިކާގެ ނިއު ޔޯކާއި އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ރާއްޖޭގެ މިޝަންގައި ހުރި ކަމާ ގުޅެ ހުރިހާ ފައިލެއް ހާމަކުރުމަށެވެ.

"މި ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި ވަރަށް އަދަބުވެރިކަމާ އެކު ދަންނަވާ ދެންނެވުމެއް. ސައްހަ ފުރިހަމަ މައުލޫމާތުގެ އަލީގައި ރައްޔިތުން މި ބަހުސްގައި ބައިވެރިވެވޭނެ މަގެއް ކޮށައި ދެއްވުމަކީ ވެރިންނާއި ނޫސްވެރިންނާއި އަދި ޔުނިވާސިޓީތަކުގެ ޒިންމާއެއް،" ޑރ. ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ދައުލަތުން މައުލޫމާތު އާންމު ކުރުމަކީ އިތުބާރު އުފައްދައި އަދި ޕްރޮފެޝަނަލް ނޫސްވެރިން ބާރުވެރި ކުރެވޭނެ ކަމެކެވެ.

ޗާގޯސްގެ މައްސަލައިގެ ތެރެއިން ޑރ. ޝަހީދު ވަނީ މިނިވަން ނޫސްވެރިކަމުގެ މުހިންމުކަން ވެސް ފާހަގަކުރައްވައިފަ އެވެ. ވިދާޅުވީ، މިނިވަން، ޕްރޮފެޝަނަލް ނޫސްވެރިކަން ނެތް ގައުމެއްގައި ހެޔޮވެރިކަމެއް ނުކުރެވޭނެ ކަމަށެވެ.

"މިނިވަން ނޫސްވެރިކަން ނަގާލީމާ ސަރުކާރާ މެދު ރައްޔިތުން އިތުބާރު އުފެދޭނެ މުއާމަލާތެއް ހިންގޭނެ ގޮތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

މި ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި ވަރަށް އަދަބުވެރިކަމާ އެކު ދަންނަވާ ދެންނެވުމެއް. ސައްހަ ފުރިހަމަ މައުލޫމާތުގެ އަލީގައި ރައްޔިތުން މި ބަހުސްގައި ބައިވެރިވެވޭނެ މަގެއް ކޮށައި ދެއްވުމަކީ ވެރިންނާއި ނޫސްވެރިންނާއި އަދި ޔުނިވާސިޓީތަކުގެ ޒިންމާއެއް،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ޗާގޯސްގެ މައްސަލާގައި އިޓްލޮސް އިން ނިންމި ނިންމުމާ ގިނަ ސިޔާސީ ޕާޓީތަކުން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް ސަރުކާރާއި ބައެއް އެހެން ގާނޫނީ ވަކީލުންގެ ވިސްނުމުގައި އެއީ މި ވަގުތަށް ނިންމޭނެ އެންމެ ރަނގަޅު ނިންމުމެވެ.

ޑރ. ޝަހީދު ވަރަށް ފަހުން ވިދާޅުވެފައިވާ ގޮތުގައި، ޑިސެމްބަރު 16، 1965 އިން ފެށިގެން ވެސް ރާއްޖޭގެ ސިޔާސަތަކީ ޗާގޯސް އަކީ މޮރިޝަސް އަށް ލިބެންޖެހޭ ތަނެއްގެ ގޮތުގައި ބެލުމެވެ. އޭނާ ވިދާޅުވީ، 1986، 1983، 1997، 2002 އަދި އެހެން ފަހަރުތަކުގައި ވެސް ދެމެހެއްޓީ އެ ސިޔާސަތު ކަމަށެވެ.

އިޓްލޮސްގައި ރާއްޖޭން ބުނަމުން އައީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމެއް ނުވަތަ އިނގިރޭސި ވިލާތަށް ކަމެއް ނޭނގޭތީ މިކަމުގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ ނިންމާފައި ނޫނީ އިޓްލޮސްގައި މައްސަލަ ނުބެލޭނެ ކަމަށް ރާއްޖޭން ވަކާލާތުކުރި އެވެ.

އެކަމަކު އިޓްލޮސް އިން ނިންމީ ޗާގޮސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު އިސްތިޝާރީ ލަފައެއް ނެރެފައި ވާތީ ރާއްޖޭގެ މި ދިފާއު ބަލައިނުގަނެވޭނެ ކަމަށެވެ. ޗާގޮސް ހޯދަން މޮރިޝަސް އިން ކުރާ މަސައްކަތަށް ރާއްޖޭން އދ. ގައި ދެކޮޅު ހަދަމުން އައި ނަމަވެސް ދެން ވޯޓު ދޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސް އަށް ސިޓީފުޅެއް ފޮނުއްވީ ވެސް މިގޮތަށް އިޓްލޮސް އިން ނިންމައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅުމުންނެވެ.

އެކަމަކު، އެ ސިޓީފުޅު ސިއްރު ކޮށްފައިވާ މައްސަލާގައި ގިނަ ސިޔާސީ ޕާޓީތަކުގެ މީހުންގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.