Roadha Mihaaru
ރައީސްގެ ސިޓީ 241 ކޮމިޓީން ހޯދާނަން: އަސްލަމް

މޮރިޝަސްއަށް ފޮނުވި ސިޓީ 241 ކޮމިޓީން ހޯދާނަން: އަސްލަމް

06 ޖޫން 2023

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ހޯދަން ނިންމައިގެން ހުންނެވި ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ހޯދަން ނިންމައިގެން ހުންނެވި ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސިޓީފުޅެއް ފޮނުއްވީ، ޗާގޯސް އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ. އެއީ އދ. ގައި ދެން ނަގާ ވޯޓެއްގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ ކުރީގެ ސްޓޭންޑް ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެކެވެ.

އިމުގެ މައްސަލަ ނިންމީ އެ ސިޓީއަށް ރިއާއަތްކޮށްގެން ކަމަށާއި އެހެންވެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. އަދި އެ ސިޓީ މަޖިލީހާ ވެސް ހިއްސާނުކުރާ ކަމަށާއި، އެ ސިޓީ ހާމަކުރުމަށް ވެސް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ނަޝީދު އިސްވެ ލަސްކުރަމުންދާތީ، މަޖިލީހުން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ތެރޭގައި، މޮރިޝަސްއަށް ރައީސް ފޮނުއްވި ސިޓީފުޅު ހޯދުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"...ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއާ ގުޅޭގޮތުން ގޮތެއް ނުނިންމިފައި އޮތީ ވެސް 241 ކޮމިޓީ ނުބޭއްވިގެން. 241 ކޮމިޓީ ބޭއްވޭ ފުރަތަމަ ދުވަހު، އަޅުގަނޑު ޗެއާގައި އިތުރަށް އިންނަ ކަމުގައި ވަނީ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ހޯދަން ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވަން ވެސް މިހުރީ ގަސްދުކޮށްގެން،" އެމްޑީޕީގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ދާއިމީ ކޮމިޓީތައް އެކުލަވައި ނުލެވި ލަސްވަނީ ޕާޓީތަކުން އެއްބަސްވުމަކަށް ނާދެވިގެން ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް، ކޮމިޓީތައް އަލުން އެކުލަވާލުމާ ގުޅޭގޮތުން އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރަން މިހާތަނަށް ބޭއްވީ އެންމެ ބައްދަލުވުމެއް ކަމަށާއި އެކަމަކު، މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ ނިސްބަތުން ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރަން އެމްޑީޕީގެ ފަރާތުން އެއްބަސްވެފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. "އެމްޑީޕީ މި ވަގުތު ތަމްސީލުކުރަނީ މަޖިލީހުގެ 64 ޕަސެންޓް. އެއީ ކޮމިޓީތަކުގެ 113 ސްލޮޓް. އެ 113 ސްލޮޓަށް އަޅުގަނޑުމެން މި ތިބީ އެއްބަސްވެގެން،" އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމުގައި މަޖިލީހުގައި އެކިއެކި ޕާޓީތައް ނިސްބަތް ވެފައިވާ ގޮތް އެއީ ހަމައެއް ކަމުގައި ބަލައި، ކޮމިޓީ އެކުލަވާލާނީ އެ ހަމަ ތަމްސީލުވާ ގޮތަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ކޮމިޓީތަކުގެ ކޮމްޕޮޒިޝަން ކަނޑައަޅައި، އެކަން މަޖިލީހުގެ ތަޅުމުން ފާސްކުރަންޖެހޭ ކަމަށެވެ. "މިއަދަކީ ވެސް އެ ކޮމްޕޮޒިޝަން ފާސްކުރެވޭނެ ދުވަހެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އެކަމަކު މިއަދު ވެސް އެކަން ނުކުރައްވާ އެ އޮތީ،" އޭނާ ވިދާޅުވި އެވެ. މަޖިލިހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކުރިއިރު، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލައެއް ވެސް މަޖިލީހަށް ވަނީ ވައްދައިފަ އެވެ. އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ތާވަލް ކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހަށެވެ. މަޖިލީހުގެ މަސައްކަތްތައް ނަޝީދު އިސްވެ ހުއްޓުވާފައިވަނީ، އީވާގެ މައްސަލައަށް ހުރަސްއަޅަން ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވަ އެވެ.