ރާއްޖެ އާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލިހުން ހޯދަން އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮވާލައްވައިފި އެވެ.
02 ނޮވެމްބަރ 2022
ރާއްޖެ އާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލިހުން ހޯދަން އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮވާލައްވައިފި އެވެ.
ޗާގޮސް މައްސަލައިގައި ރާއްޖެ އިން ގެންގުޅުނު ސިޔާސަތު ބަދަލު ކުރި ސަބަބު ހޯދަން ގޮވާލައި ދަނގެތި ދާއިރާގެ އެމްއެންޕީގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގައި ހިމެނޭ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ މެމްބަރުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި އެ ސިޓީފުޅު މަޖިލީހަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރު ދިފާއު ކުރައްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެކްޝަންގެ މެމްބަރުން ދެއްކެވި ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، ގާނޫނުއަސާސީގެ ތިން ވަނަ މާއްދާގައި ބަޔާންކުރާ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސް ކޮށްގެން ކަމަށެވެ.
"އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ކީއްވެގެންތޯ މި މައްސަލަ މި ތަނަށް ހުށަނާޅާ އަމިއްލައަމިއްލަ އަށް މި ކަންތައް ނިންމާލެއްވީ. ކޮބައިތޯ މި ކަމުގައި އޮތް ސިއްރަކީ؟" ނަޝީދާ ގާތްގުޅުމެއް ބާއްވަވާ އަދި ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރު ވިދާޅުވި އެވެ.
މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮތް ކަމަށް ގަބޫލު ކުރެވޭ ފަދަ ގޮތަކަށް އެއްވެސް ކަމެއް ނިންމައިފި ނަމަ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ކަމަށް އަފީފު ވިދާޅުވި އެވެ. ބައިނަލްއަގުވާމީ ކޯޓުތަކުގައި ކަންތައްތަކެއް ފާސްކުރި ނަމަވެސް ރާއްޖޭގެ ހައްގެއް ދިވެހިން އަމިއްލަ އަށް ދޫކޮށް ނުލާ ހިފެހެއްޓެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކީއްވެގެންތޯ މި މައްސަލަ މި ތަނަށް ހުށަނާޅާ އަމިއްލަ އަމިއްލަ އަށް މިކަންތައް ނިންމާލެއްވީ. ކޮބައިތޯ މިކަމުގައި އޮތް ސިއްރަކީ -- އަފީފް
ރާއްޖޭގެ ކަނޑުން ފުށު އަރާ ބައި މިހާތަނަށް ނުގެއްލި އޮތީ ވެސް މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮތް ކަމަށް ގަބޫލު ނުކޮށް ތިބުމުން ކަމަށް ވެސް ވިދާޅުވި އެވެ.
"ރައިސުލްޖުމްހޫރިއްޔާ އެކަން ކޮށްފައި އޮތީ ދައުލަތަށް ނޫނީ ދިވެހިރާއްޖެ އަށް ނޫނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ވިއްޔާ އެ ފޮނުވި ސިޓީ އަޅުގަނޑުމެންނަށް ހާމަ ކޮށްދެއްވާ، މި މަޖިލީހާ ހިއްސާ ކޮށްދެއްވާ،" އަފީފް ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވިގޮތުގައި، ޗާގޮސް ގެ މައްސަލަ ރައްޔިތުންގެ ތެރޭގައި ބޮޑު ކަންބޮޑުވުމަކަށް ވެގެން އުޅެނީ ހަގީގަތް ސާފު ނުވާތީ އެވެ. އެ މައްސަލަ ހިނގީ ކިހިނެތްތޯ އާއި ސަރުކާރުން ނިންމުންތައް ނިންމި ގޮތާއި އޭގެ ސަބަބު ވެސް ރައްޔިތުންނަށް ސާފު ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގައި ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރައްވާ މެމްބަރު ވަހީދު: ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅު ހާމަނުކުރައްވާތީ ކަންބޮޑުވުން ފާޅުކުރެއްވި.
ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލޭނެ ކަމަށް ބެލެވޭ ނަމަ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިގެން މަޖިލީހުން ފާސްކުރަން ޖެހޭ ކަމަށާއި ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭ ކޮމިޓީއެއް ނަގައިގެން ތަޖުރިބާކާރުންނާ ވާހަކަ ދައްކައި ބޮޑު ދިރާސާއެއް ހަދަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުވި ސިޓީފުޅު އަނބުރާ ގެންދަވަން ވެސް އިލްޔާސް އެދިވަޑައިގަތެވެ.
"މި ބަދަލު އައިސްފި ކަން އެނގުނީ ރައީސް ސިޓީފުޅެއް ފޮނުވާފައި ރާއްޖޭގެ ޕޮޒިޝަން ބަދަލު ކުރެއްވި ހިސާބުން. އެ ސިޓީފުޅުގައި އޮތީ ކޮން ވާހަކައެއް ކަން އަޅުގަނޑުމެންނަކަށް ނޭނގޭ. މީޑިއާ އަށް ހާމަކުރުމަށް ރައީސް އޮފީހުން އުޒުރުވެރިވޭ،" އިލްޔާސް ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވެސް ވިދާޅުވީ އެންމެ އަސާސީ މައްސަލައަކީ މިކަމުގެ މައުލޫމާތު ސަރުކާރުގެ މެމްބަރުންނަށް ވެސް ނުލިބި މައްސަލާގައި ވާހަކަ ދައްކަވަން ޖެހުން ކަމަށެވެ. މަޖިލީހުން ވެސް މައުލޫމާތު ނަގަން ޖެހެނީ ޚަބަރުތަކުން ކަމަށް ވައްޑޭ ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހުގެ 2019 ގައި ރާއްޖެއިން އިސްތިއުމާރާ ދެކޮޅު ސިޔާސަތާ ދެކޮޅަށް ވާހަކަ ވޯޓު ދެއްވަމުން "ސަރަހައްދަށް ސީރިޔަސް އަސަރު ކުރާ މައްސަލައަކަށް ވާތީ" ބަސް ބުނެވެން ނެތް ކަމަށް ރާއްޖެއިން ބުނެފައިވާ ކަމަށް ވައްޑޭ ވިދާޅުވި އެވެ.
އަޅުގަނޑު ގުޅާލިން 241 ކޮމިޓީގެ މެމްބަރަކަށް، ސިޓީފުޅެއް ލިބިފައި ނެތް -- ވައްޑޭ
ނަމަވެސް މޮރިޝަސް އިން ހުށަހަޅައިގެން އުޅޭ މައްސަލައިގެ ޝަރީއަތް ކުރިޔަށް ގެންދަނިކޮށް ރާއްޖޭގެ އެ ސްޓޭންޑް ބަދަލު ކުރުމުން އެކަން މައްސަލައަކަށް ވެފައިވާ ކަމަށް ވައްޑޭ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅުގައި އޮތް ވާހަކަތަކާ މެދު ފަހުރުވެރިވާ ކަމަށް "އާއިލާ ތެރޭގެ" ބޭފުޅުން މަޖިލީހުގައި ވިދާޅުވާ ކަމަށާއި ނަމަވެސް އެ އިން އެއްވެސް ކަމެއް މަޖިލީހުގެ 241 ކޮމިޓީގެ މެމްބަރަކަށް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގުޅާލިން 241 ކޮމިޓީގެ މެމްބަރަކަށް، ސިޓީފުޅެއް ލިބިފައި ނެތް،" ވައްޑޭ ވިދާޅުވި އެވެ.
އެ ކަމުގެ މަސްލަހަތު އޮތް ބޭފުޅުން ކަމަށްވާ ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި އެޓާނީ ޖެނަރަލް ރައްޔިތުންނާއި މަޖިލީހަށް ރަނގަޅު ސައްހަ މައުލޫމާތު ނުދެއްވަނީ ކީއްވެތޯ ވައްޑެ ސުވާލު އުފެއްދެވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައަމަދު ސޯލިހު މޮރިޝަސް އަށް ފޮނުވި ސިޓީފުޅު ހޯދަން މައިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވެސް ވަނީ ރަސްމީކޮށް ހުށަހަޅުއްވައިފަ އެވެ. އޭނާ މަޖިލީހަށް ފޮނުއްވި ސިޓީގައި ހާއްސަ ކޮމިޓީއެއް ނަގައިގެން އެ މައްސަލަ ބެލުމަށް ވެސް ވަނީ އެދިވަޑައިގަތެވެ.
އިޓްލޮސް އަށް ޑިސެމްބަރު 18، 2019 ގައި މައްސަލަ ހުށަހެޅީ، މޮރިޝަސް އާއި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީ) ފުށުއަރާތީ އެ މައްސަލަ ހައްލުކޮށްދޭން އެދި އެވެ.
ރާއްޖެ އިން ބުނެފައިވަނީ އެއީ ސުލްހަވެރިކަމާ އެކު މަޝްވަރާ ކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހަޅާފައި ވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެން ވަނީ މޮރިޝަސް އަށް ކަމަށް އެ މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.
ރައީސްގެ ސިޓީ 241 ކޮމިޓީން ހޯދާނަން: އަސްލަމް
ޗާގޯސްގެ ހުރިހާ ފައިލެއް ހާމަކުރަން ޝަހީދު އެދިއްޖެ
މޮރިޝަސް ސިޓީ ތަރުޖަމާކުރަނީ؛ މަޝްވަރާ ސިއްރެއް ނުވާނެ
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅަނީ
ނިޒާމް ބަދަލުކޮށް ބާރުތައް ބަހާނެ ވަގުތާ މެދު ސުވާލެއް
އަޅުގަނޑެއް މަޖިލީހެއް ނުހުއްޓުވާނަން: ރައީސް
އެމްޑީޕީން ދޫދީ، ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
މަޖިލީހަށް ނައިސް ވޯޓު އިތުރެއް ނުވާނެ: ނަޝީދު
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
ސިޓީގެ އަސްލު ދެއްކި، ކަނޑު ގެއްލޭ ވާހަކައެއް ނެތް