Roadha Mihaaru
ނައީމާގެ މަރުގެ ތަހުގީގުގެ މައުލޫމާތު އާއިލާ އަށް ދީފި

ނައީމާގެ މަރުގެ ތަހުގީގުގެ މައުލޫމާތު އާއިލާއާ ޕޮލިސް ކޮމިޝަނަރު ހިއްސާ ކުރައްވައިފި

16 މެއި 2023

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވައި މިދިޔަ މަހު ފެނުނު މީހާގެ މަރުގެ ތަހުގީގު ކުރިއަށް ގެންދާ ގޮތުގެ ތަފުސީލުތައް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެ އާއިލާއާ މިއަދު ހިއްސާ ކުރައްވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވައި މިދިޔަ މަހު ފެނުނު މީހާގެ މަރުގެ ތަހުގީގު ކުރިއަށް ގެންދާ ގޮތުގެ ތަފުސީލުތައް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެ އާއިލާއާ މިއަދު ހިއްސާ ކުރައްވައިފި އެވެ.

އެ ރަށު ނައީމާ މޫސާގެ މަރުގެ ތަހުގީގުގެ މައުލޫމާތު ޕޮލިސް ކޮމިޝަނަރު އާއިލާއާ ހިއްސާ ކުރެއްވީ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އާއިލާއާ ބައްދަލު ކުރައްވަ އެވެ. ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވެސް އެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ގެއެއްގައި އެކަނި ދިރިއުޅެމުން ގެންދިޔަ އުމުރުން 62 އަހަރުގެ ނައީމާގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން މިދިޔަ މަހުގެ ހަތް ވަނަ ފުލުހުން ގޮސް އޭނާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަން އިރު ފެނުނީ ހަށިގަނޑުގެ އެތަންމިތަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވަ އެވެ.

އެ މަރުގެ ތަހްގީގުގައި ފުލުހުން، 100 އަށް ވުރެ ގިނަ ސާމްޕަލް ނެގި އެވެ. އެކަމަކު އަދި މިހާތަނަށް ގާތިލު ދެނެގަނެވިފައެއް ނުވެ އެވެ.

ސީޕީ ހަމީދާއި ފުލުހުންގެ ބައެއް އެހެން ވެރިން މަނަދު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ވަނީ އެ ރަށު ކައުންސިލާ ވެސް ބައްދަލު ކުރައްވައިފަ އެވެ. މަނަދޫގައި އަލަށް އިމާރާތް ކުރަމުންދާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ސީޕީ ބެއްލެވި އެވެ.