Roadha Mihaaru
ނައީމާ މަރާލަން ބޭނުންކުރި ދެ ވަޅި ހޯދައިފި

ނައީމާ މަރާލަން ބޭނުންކުރި ދެ ވަޅި އާއި އެކަންކުރި މީހުން ލައިގެން ތިބި އަންނައުނު ހޯދައިފި

26 މެއި 2023

ނ. މަނަދޫގައި މަރާލާފައި އޮއްވައި މިދިޔަ އޭޕްރީލް މަހު ފެނުނު ނައީމާ މޫސާ، އަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެކަން ކުރި މީހުން ލައިގެން ތިބި އަންނައުނު ފުލުހުން މިރޭ ހޯދައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ނ. މަނަދޫގައި މަރާލާފައި އޮއްވައި މިދިޔަ އޭޕްރީލް މަހު ފެނުނު ނައީމާ މޫސާ، އަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެކަން ކުރި މީހުން ލައިގެން ތިބި އަންނައުނު ފުލުހުން މިރޭ ހޯދައިފި އެވެ.

ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައީމާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރާއި ހަމަލާދިން މީހުން އެވަގުތު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ވަޅުގަނޑެއްގެ ތެރެއިން ހޯދާފައިވާ ކަމަށެވެ.

އެތަކެތި ފެނުނީ މަރުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށް އެ މީހުންގެ ފަރާތުން ލިބުނު މައުލޫމާތުންނެވެ. ސީޕީ ވިދާޅުވީ ތަހުގީގަށް މުހިންމު ހެކިތަކެއް އަތިރިމަތީގައި ވަޅުލާފައި ހުރި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ހޯދުމުގެ މަސައްކަތުގައި އެ ތަކެތި ފެނިފައިވާ ކަމަށެވެ.

އެ އެއްޗެހި ވަޅުލި ތަނުގައި އަލިފާން ވެސް ރޯކޮށްފައި ހުރުމުން އެއްޗެހި ހުރީ އަނދައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ވަޅުން ބޮޑު ދެ ވަޅި އާއި ބައެއް އަންނައުނު ފެނުނެވެ.

މަރުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ މަނަދޫގެ ދެ ޒުވާނުންނެވެ. އޭގެ ތެރެއިން އެކަކު ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ހައްޔަރުގައި ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް އިއުތިރާފް ވެފައި ކަމަށް ވަނީ އެނގިފަ އެވެ. އެއީ އުމުރުން 23 އަހަރުގެ އަހުޒަމް އަބްދުއްޝަކޫރު އެވެ. ކޮޓަރިން 56.1 ގްރާމްގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި އޭނާގެ ބަންދަށް މަނަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ ބަންދަށް 14 ދުވަސް ދީފަ އެވެ.

އަހުޒަމްއާ އެކު ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް ބުނާ 20 އަހަރުގެ މީހާ ހައްޔަރުކުރީ ވަކިންނެވެ.

ހައްޔަރުުރި މީހުންނަކީ ޑްރަގުގެ މައްސަލަތަކިގެ ރެކޯޑް އޮންނަ މީހުންނެވެ. ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވި މީހާ އަކީ މީގެ ކުރިން ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލައެއްގައި ވެސް ދައުވާ ލިބުނު މީހެކެވެ.

އެކަނި ދިރިއުޅެމުން އައި ނައީމާ، 62، މަރާލާފައި އޮއްވައި ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން އެގެއަށް ގޮސް، ދޮރު ހަލާކުކޮށްލައިގެން ކޮޓަރިއަށް ވަދެ ބެލުމުންނެވެ. އޭރު އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް އޮތީ ވަޅިން ހަމަލާދީފަ އެވެ. އޭނާގެ ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާ ދީފައި ހުއްޓެވެ.

ނައީމާ މަރާލިތާ ދެ މަސް ވާން ގާތްވި އިރު ވެސް ތުހުމަތުކުރެވޭ މީހަކު ވެސް ހޯދިފައި ނެތުމުން އާންމުންގެ ކަންބޮޑުވުން އިތުރުވެ ޝަކުވާ ބޮޑުވެފައިވެ އެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މަރުގެ ތަހުގީގުގައި ކުށުގެ ވެށިން ޑީއެންއޭ އާއި އިތުރު ފޮރެންސިކް ހެކި ވަނީ ލިބިފަ އެވެ. އަދި އެ ހެކިތަކާ ގުޅުން ހުރި މީހަކު ހޯދަން މަނަދޫން 600 އާ ގާތްކުރާ އަދަދަކަށް މީހުންގެ ޑީއެންއޭ އާއި ޕިންގަޕްރިންޓް ނަގާފައިވެ އެވެ. އެ ސާމްޕަލްތައް އަދިވެސް ޕްރޮސެސްކޮށް ނުނިމެ އެވެ.