Roadha Mihaaru
ތުހުމަތުވާ މީހުން ނައީމާގެ މަރަށް ފަހު ހަމަޖެހިލައިގެން

ތުހުމަތުވާ ދެ މީހުން ނައީމާގެ މަރަށް ފަހު ވެސް އުޅުނީ ހަމަޖެހިގެން ރަށުގައި!

28 މެއި 2023

ނ. މަނަދޫގައި ވަޅިހަރައި އަނިޔާވެރިކޮށް މަރާލި ނައިމާގެ މޫސާގެ ގާތިލް ނުފެނި، މުޅި ރަށް ހާސްކަމުގެ ތެރެއަށް ވެއްޓުނުއިރު ވެސް އެކަމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާ ދެ ޒުވާނުންނަށް އެ ރަށުގައި ކަމެއް ވެގެން އުޅޭ ކަމަކަށް ނުދައްކަ އެވެ. ހައްޔަރުކުރުމާ ހަމައަށް ރަށު ތެރޭގައި އުޅުނީ "ވަރަށް ހަމަޖެހިގެން، އެ މީހުންގެ ދުނިޔޭގަ" އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ނ. މަނަދޫގައި ވަޅިހަރައި އަނިޔާވެރިކޮށް މަރާލި ނައިމާގެ މޫސާގެ ގާތިލް ނުފެނި، މުޅި ރަށް ހާސްކަމުގެ ތެރެއަށް ވެއްޓުނުއިރު ވެސް އެކަމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާ ދެ ޒުވާނުންނަށް އެ ރަށުގައި ކަމެއް ވެގެން އުޅޭ ކަމަކަށް ނުދައްކަ އެވެ. ހައްޔަރުކުރުމާ ހަމައަށް ރަށު ތެރޭގައި އުޅުނީ "ވަރަށް ހަމަޖެހިގެން، އެ މީހުންގެ ދުނިޔޭގަ" އެވެ.

ފުލުހުން ހިންގަމުން އަންނަ އުނދަގޫ ތަހުގީގުގައި، ނައީމާގެ މަރުގެ ތުހުމަތަށް ހައްޔަރުކުރީ އަހްޒަމް އަބްދުއްޝަކޫރު ،23، އާއި ރިފާޝް 20، އެވެ. މި ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ ތުހުމަތު އޮތް ދެ މީހުންނެވެ.

ފުލުހުންގެ ޚާއްސަ ޓީމެއް މަނަދުއަށް ގޮސް މި ތަހުގީގު ހިންގާތާ ދެ މަސް ވަނީ އެވެ.

"ފުލުހުން ރަށު ތެރޭގައި އުޅުނު އިރު ވެސް ދެ މީހުން ވެސް އެކި ތަންތަނުގައި އެ މީހުންގެ ނޯމަލް ލައިފްގައި އުޅުނު. ޝައްކުވާ ފަދަ އެއްވެސް ކަމެއް ހިނގާފައެއް ނެތް،"

އެ މީހުންގެ ދުނިޔެ ކަމަށް ރަށުގެ ބައެއް މީހުން ސިފަކުރީ، ކުރިން އުޅުނު އެއްވެސް ގޮތަކަށް ބަދަލު ނުގެނެސް ހަމަޖެހިގެން ރަށުތެރޭގައި އުޅުމަށެވެ. އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ދެ މީހުން ވެސް ނުކުރެ އެވެ. ރަށުގެ މީހުންނާ މާބޮޑު ގުޅުމެއް ނޯންނައިރު، ދެ މީހުން ވާހަކަ ދައްކައިއުޅޭ ގްރޫޕެއް ރަށު ތެރޭގައި އޮވެ އެވެ. ދެ މީހުންނަކީ ވެސް މަސްތުވާތަކެއްޗަށް "ގެއްލި ހުސްވެފައި" ތިބި މީހުންނަށް ތުހުމަތު އޮވެ އެވެ.

ނައީމާ: އޭނާ މަރާލާފައި އޮއްވައި ފެނުނީ އެޕްރީލް މަހުގެ ކުރީކޮޅު: މަރުގެ ތުހުމަތަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައި.

ނައީމާ: އޭނާ މަރާލާފައި އޮއްވައި ފެނުނީ އެޕްރީލް މަހުގެ ކުރީކޮޅު: މަރުގެ ތުހުމަތަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައި.

އެކަމަކު ހައްޔަރުކުރުމާ ހަމައަށް ވެސް ދެ މީހުން އެކީގައި ރަށު ތެރޭގައި އުޅެނިކޮށް ނުފެންނަ ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަހްޒަމް އަބަދުވެސް ބޮޑަށް ފެންނަނީ އެކަނި އުޅޭ މީހެއްގެ ގޮތުގަ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތު އޮތަސް އާއްމުންނަށް އުނދަގޫކުރުން ފަދަ ކަމެއް ނުފެންނާތީ ކައުންސިލަށް މިހާތަނަށް ދެ މީހުންގެ ވެސް މައްސަލައެއް ހުށަހަޅާފައެއް ނެތެވެ.

"އެ ގްރޫޕް މީހުން އެއްކޮށް އުޅޭނެ. އެ ދުއްވި ކާރަކީ ވެސް އެ މީހުން ރަށުތެރޭގައި ގެންގުޅޭ އެއްޗެއް،" މަނަދޫގެ އިތުބާރު ހިފޭ ބޭފުޅަކު ވިދާޅުވި އެވެ.

އެކަނި ދިރިއުޅެމުން އައި ނައީމާ މަރާލި ރޭ އެ ކާރުގައި ރަށު ތެރޭގައި ދުއްވި ކަމަށް ވެ އެވެ. ފުލުހުން ވަނީ ހައްޔަރުކުރި ދެ މީހުން ކާރަށް އަރުވައި ތަހުގީގަށް ބޭނުންވާ ކަންކަމާއި ހެކި ހޯދަން އެ ރޭގެ މަންޒަރު ކުޅުވާފައި ކަަމަށް ވެ އެވެ. ރަތް ކުލައިގެ ކާރު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ކުރިއަށް ގެންގޮސްފަ އެވެ.

ނައީމާ މަރާލި ކަމަށް ބެލެވެނީ އޭނާ ނިދާފައި އޮއްވައި ގޭތެރެއަށް ވަދެ އެވެ. ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވައި އޭނާ ފެނުނީ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން ބަޔަކު ފުލުހުންނާ އެކު ގޮސް ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަދެ ބެލި އިރު އޭޕްރީލް ހަތް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގުގައި ވަނީ 600 އަށް ވުރެ ގިނަ މީހުންގެ ފޮރެންސިކް ސާމްޕްލަ ނަގައިފަ އެވެ. އެއީ ކުށުގެ ވެށިން ލިބިފައިވާ ފޮރެންސިކް ހެއްކާ ގުޅުވާލެވޭ ހެކި ހޯދުމަށެވެ.

މަނަދޫގައި މަރާލި މީހާގެ ގެ ކައިރީގައި ފުލުހުން ޓޭޕް ދަމައިފައި.

މަނަދޫގައި މަރާލި މީހާގެ ގެ ކައިރީގައި ފުލުހުން ޓޭޕް ދަމައިފައި.

ބައެއް މީހުންނަށް ހައިރާންކަން ލިބުނީ، މަނަދޫގެ ތާރީޚުގައި ނުހިނގާވަރުގެ އަނިޔާވެރި އަމަލަކަށް ފަހު ފުލުހުން ބޮޑު ތަހުގީގެއް ފަށައި ގިނަ އަދަދެއްގެ ބައެއްގެ ފިންގަ ޕްރިންޓާއި ޑީއެންއޭ ސާމްޕަލް ނަގައި ތަންތަން ބަލައި ފާސްކުރަމުން ދިޔައިރު ވެސް ކިރިޔާވެސް ޝައްކެއް ނުކުރެވޭ ވަރަށް މި މީހުންގެ އަމަލުތައް ބެލެހެއްޓުމެވެ. ރަށު ތެރޭގައި ދެ މީހަކު އެއްވިޔަސް މޭޒުތަކާއި ބަނދަރާއި އެކި ތަންތަނުގައި އެ ވާހަކަ ދައްކައި ހެދިއިރު ވެސް މި ދެ މީހުން އުޅުނުއިރު "ކަމެއް ވެގެން އުޅޭ ކަމަކަށް" ވެސް ނުހަދަ އެވެ.

"ފުލުހުން ރަށު ތެރޭގައި އުޅުނު އިރު ވެސް ދެ މީހުން ވެސް އެކި ތަންތަނުގައި އެ މީހުންގެ ނޯމަލް ލައިފްގައި އުޅުނު. ޝައްކުވާ ފަދަ އެއްވެސް ކަމެއް ހިނގައިފައެއް ނެތް، ވާހަކައެއް އެ މީހުންގެ ފަރާތުން ދައްކާފައެއް ނުވޭ، އަދި އަޑެއް ވެސް ނާހަން ރަށުތެރެއިން،" އެކަކު ބުންޏެވެ.

ތަހުގީގަށް ލިބުނު ކުރިއެރުން

- ނައީމާއަށް ހަމަލަދޭން ބޭނުންކުރި ދެ ވަޅި ވަނީ ހޯދާފައި.

- ހަމަލާދިން އިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ނެގީ ވަޅުލާފައި ހުއްޓާ

- ހެކި ފޮރުވަން އަންނައުނު ވަޅުގަނޑެއްގައި ރޯކޮށްފައިވޭ.

- މަރާލި ރޭ ތުހުމަތުވާ މީހުން އުޅުނު ކާރު ވަނީ ދެނެގަނެވިފައި.

"އަދިވެސް ސުވާލު އުފައްދާ"

ނައީމާ މަރުގެ މައްސަލާގައި ތުހުމަތު ކުރެވުނު އަހްޒަމް ފުރަތަމަ ހައްޔަރުކުރީ ޑްރަގުގެ މައްސަލައެއްގެ ތުހުމަތަށެވެ. އޭނާ ކޯޓަށް ހާޒިރުކުރީ ދިރިއުޅޭ ކޮޓަރިން 50 ގްރާމްގެ މަސްތުވާތަކެތި ފެނުމުންނެވެ. ރިފާޝް ހައްޔަރުކުރީ އޭގެ ފަހުންނެވެ.

އަހްޒަމް ވަނީ ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ. އޭނާއަކީ އެ މަރުގައި ހިމެނޭ މީހެއް ކަމަށް ފުލުހުން ކޯޓުގައި ބުނީ އޭނާ އަކީ ބަންދުގައި ބަހައްޓަންޖެހޭ ނުރައްކާ މީހެއްކަން ޝަރީއަތަށް ހާމަކުރުމުގެ ގޮތުން ކަމަށް ވަނީ އެނގިފަ އެވެ.

މަނަދޫން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި ނައީމާގެ މަރުގައި ދެ މީހުން އަމަލީ ގޮތުން ބައިވެރިވުން އޮތް ނަމަ އެކަން ކުރަން ޖެހޭ ސަބަބަކާ މެދު އަދިވެސް ސުވާލު އުފެދެ އެވެ. އެ ދެ މީހުން ނައީމާގެ ގައިގެ އެކި ތަންތަނަށް ވަޅިހަރައި މަރާލަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ބައެއް މީހުން ގަބޫލެއް ވެސް ނުކުރެވެ އެވެ.

ނައީމާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި އާއި އެ ކަން ކުރި މީހާ ލައިގެން ހުރި އަންނައުނު ވަޅުލާފައިވާ ސަރަހައްދު ފުލުހުން ބަންދުކޮށްފައި.

ނައީމާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި އާއި އެ ކަން ކުރި މީހާ ލައިގެން ހުރި އަންނައުނު ވަޅުލާފައިވާ ސަރަހައްދު ފުލުހުން ބަންދުކޮށްފައި.

ނައީމާއާ އާއިލީ ގޮތުން އެއްވެސް ގުޅުމެއް އެ ދެ މީހުންގެ ނެތެވެ. ނައީމާ އަކީ ވެސް ރަށު ތެރޭގައި އެގޮތަށް އުޅޭ ޒުވާނުންނާ ވާހަކަ ދައްކައި އުޅޭ މީހެއް ނޫން ކަމަށް ވެ އެވެ.

"ދެން ލާރީގެ ބޭނުމަށް އެވަރުގެ ކަމެއް ކޮށްފާނެތޯ ބަލާއިރު އެހާ ގިނަ ލާރި ގެންގުޅޭ މީހެއް ނޫން ނައީމާއަކީ. ކުނި ކަހައިގެން ލިބޭނީ 5،000 އެއްހާ ރުފިޔާ ކޮންމެ މަހަކު،" އެކަކު ބުންޏެވެ.

ބަޔަކު ފައިސާދީގެން ކުރުވަފާނެތޯ އެއީ ވެސް އުފައްދާ ސުވާލެކެވެ.

"އެހެން ވެސް ވެދާނެ، ހަމަ ނޭނގެނީ އެވަރު އަނިޔާވެރި ގަތުލެއް ހިންގަން ޖެހޭ ސަބަބެއް."

ފުލުހުންގެ ތަހުގީގު އަދިވެސް ކުރިއަށްގެންދާތީ މަނަދޫ ކައުންސިލުން މިކަމުގައި ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ.

ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސޮބީހް ވިދާޅުވީ ނައީމާގެ މަރުގެ މައްސަލާގައި ތުހުމަތުވާ ބަޔަކު އަތުލައިގަނެ ހެކި ފުލުހުންނަށް ލިބުމަކީ ރަށުގައި އޮތް ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ކަމެކެވެ. އެކަމަކު އަދިވެސް ސުވާލު އުފެދެނީ އޭނާ އެހާ އަނިޔާވެރިކޮށް މަރާލަން ޖެހޭ ސަބަބަކާ މެދުގައި ކަމަށް ވިދާޅުވި އެވެ.

"މިކަން މި ނިމުނީ ނޫންކަން ގިނަ މީހުން ގަބޫލުކުރަނީ. ހަގީގަތުގައި އިތުރަށް ބަލަން ޖެހޭ ކަންކަން އަދި ހުރީ. އެކަމަކު ތަހުގީގަށް މި ލިބުނު ކުރިއެރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވި އެެވެ.