Roadha Mihaaru
ނައީމާގެ މަރުގެ މައްސަލާގައި ތިން ވަނަ މީހާ ހައްޔަރު

ނައީމާގެ މަރުގެ މައްސަލާގައި މާލެއިން މީހަކު ހައްޔަރުކޮށްފި

28 މެއި 2023

ނ. މަނަދޫގައި އަނިޔާވެރިކޮށް ނައީމާ މޫސާ މަރާލި މައްސަލާގައި ފުލުހުން ހިންގާ ތަހުގީގަށް ތިން ވަނަ މީހަކު މިރޭ މާލެ އިން ހައްޔަރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ނ. މަނަދޫގައި އަނިޔާވެރިކޮށް ނައީމާ މޫސާ މަރާލި މައްސަލާގައި ފުލުހުން ހިންގާ ތަހުގީގަށް ތިން ވަނަ މީހަކު މިރޭ މާލެ އިން ހައްޔަރުކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކުރީ "މިހާރު"އަށް ކަށަވަރުވެފައިވާ ގޮތުގައި މާލޭގައި އުޅުނު މަނަދޫގެ ޒުވާން ފިރިހެނެކެވެ. ނައީމާ މަރާލި އިރު ރަށުގައި އުޅުނު އެ ޒުވާނާ މި ފަހުން އުޅުނީ މާލޭގަ އެވެ.

ފުލުހުން ހިންގަމުން އަންނަ އުނދަގޫ ތަހުގީގުގައި، ނައީމާގެ މަރުގެ ތުހުމަތަށް މީގެ ކުރިން ހައްޔަރުކުރީ އަހްޒަމް އަބްދުއްޝަކޫރު ،23، އާއި ރިފާޝް 20، އެވެ. މި ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ ތުހުމަތު އޮތް ދެ މީހުންނެވެ.

އެނގިފައިވާ ގޮތުގައި، ނައީމާ މަރާލި ރޭ ރަށުގައި ދުއްވީ މިރޭ ހައްޔަރުކުރި ޒުވާނާގެ ކާރެކެވެ. މައްސަލައިގެ ތުހުމަތަށް ފުރަތަމަ ހައްޔަރުކުރި ދެ މީހުން ލައްވައި އެ ކާރުގައި ފުލުހުން އެ ރޭގެ ބައެއް މަންޒަރުތައް ތަހުގީގުގެ ބޭނުމަށް ވަނީ ކުޅުވައިފަ އެވެ.

ތިން ވަނަ މީހަކު ހައްޔަރުކުރިއިރު، މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ކޯޓުގައި ވަނީ ނައީމާ މަރާލި ކަަމަށް އެއްބަސްވެފަ އެވެ.

އެކަމަކު އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ނައީމާގެ މަރުގައި ތުހުމަތުކުރެވޭކަން ފުލުހުން ބުނީ ކޯޓުގަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ. ނައީމާ މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ ވަޅި އާއި ހަމަލާދިން އިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ވެސް އަތިރިމަތީގައި ވަޅުލާފައި ހުއްޓައި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރުކުރި ނަމަވެސް ފުލުހުން ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ނައީމާ މަރާލި ކަމަށް ބެލެވެނީ އޭނާ ނިދާފައި އޮއްވައި ގޭތެރެއަށް ވަދެ އެވެ. ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވައި އޭނާ ފެނުނީ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން ބަޔަކު ފުލުހުންނާ އެކު ގޮސް ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަދެ ބެލި އިރު އޭޕްރީލް ހަތް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގުގައި ވަނީ 600 އަށް ވުރެ ގިނަ މީހުންގެ ފޮރެންސިކް ސާމްޕްލަ ނަގައިފަ އެވެ. އެއީ ކުށުގެ ވެށިން ލިބިފައިވާ ފޮރެންސިކް ހެއްކާ ގުޅުވާލެވޭ ހެކި ހޯދުމަށެވެ.