Roadha Mihaaru
އަރަބިއްޔާއަށް ގަދަ 10ގައި ބައިވެރިވެވޭގޮތަށް ހަދައިފި

އަރަބިއްޔާގެ ދަރިވަރުންނަށް ގަދަ 10ގައި ބައިވެރިވެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

05 އެޕްރީލް 2023

އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ވެސް އޯލެވެލް އަދި އޭލެވެލްގެ ގަދަ 10ގައި ވާދަ ކުރެވޭ ގޮތަށް ގަދަ 10 ހޮވުމުގެ އުސޫލު ބަދަލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ވެސް އޯލެވެލް އަދި އޭލެވެލްގެ ގަދަ 10ގައި ވާދަ ކުރެވޭ ގޮތަށް ގަދަ 10 ހޮވުމުގެ އުސޫލު ބަދަލުކޮށްފި އެވެ.

މީގެ ކުރިން އަރަބިއްޔާ ސްކޫލުން ކިޔަވާ ދަރިވަރުންނަށް ގަދަ 10ގައި ވާދައެއް ނުކުރެވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ކަނޑައަޅާނެ އުސޫލެއް އާންމުކޮށްފަ އެވެ. "ސާނަވީ ސްކޫލްގެ ކިޔެވުމާއި މަތީ ސާނަވީ ސްކޫލް ނިންމާ އިމްތިހާންތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުން ކަނޑައަޅާ އުސޫލް"ގައި އަރަބިއްޔާ ވަނީ އިތުރުކޮށްފަ އެވެ.

އުސޫލްގައި ބުނެފައި ވަނީ ގަދަ 10 ހޮވުމަށް މީގެ ކުރިން އިނގިރޭސި މީޑިއަމަށް ބެލި ނަމަވެސް އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލުތަކުގައި ޝަހާދާއި އިއުދާދީ އިމްތިހާނުގެ ނަތީޖާ ވެސް ގަބޫލުކުރާނެ ކަމަށެވެ.

އަރަބިއްޔާގެ ބައެއް ދަރިވަރުން ކްލާހެއްގައި ކިޔަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އަރަބިއްޔާގެ ބައެއް ދަރިވަރުން ކްލާހެއްގައި ކިޔަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އަރަބި މަންހަޖަށް ކިޔަވައިދޭ ސްކޫލުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން އޯލެވެެލްގައި ކަނޑައަޅާނީ ގްރޭޑް ނުވައެއް ނިންމާ (ޝަހާދާ އިއުދާދީ) މާއްދާތަކުގެ ނަތީޖާއާއި އެ ދަރިވަރު ގްރޭޑް 10 ނިންމާ އޯލެވެލް އަދި އޭލެވެލް އިމްތިހާނުގެ ނަތީޖާއަށް ބަލައިގެން ކަމަށް އެ އުސޫލުގައިވެ އެވެ.

އޭލެވެލްގައި ގަދަ 10 ކަނޑައަޅަނީ ގްރޭޑް 12ގެ ދަރިވަރުންގެ ތެރެއިން ޝަހާދާ ސާނަވިއްޔާ ނިންމާ ދަރިވަރުންގެ ނަތީހާއަށް ބަލައިގެންނެވެ. ނަތީޖާ ކަނޑައެޅުމުގައި އާޓް ސްޓްރީމް ކިޔަވާ ދަރިވަރުންގެ އަށް މާއްދާ އަދި ސައިންސް ސްޓްރީމް ކިޔަވާ ދަރިވަރުންގެ ނުވަ މާއްދާއަށް ބަލާނެ ކަމަށް އެ އުސޫލުގައިވެ އެވެ.

އެ އުސޫލުގައި ވަނީ އޭލެވެލް އަދި އޯލެވެލް މާއްދާތައް ކަނޑައެޅިފައިވާ ގޮތް ވެސް ކިޔައިދީފަ އެވެ.

ގާތްގަނޑަކަށް 1،000 ދަރިވަރުން ކިޔަވަމުން އަންނަ އަރަބިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ގަދަ 10ގައި ބައިވެރި ނުވެވޭ ކަމަކީ އެ ސްކޫލުގެ ބެލެނިވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. އޭލެވެލް އަދި އޯލެވެލް ކިޔަވައިދެމުން އަންނަ އެ ސްކޫލުގައި ގަދަ 10އެއް ނުހޮވި ނަމަވެސް ސްކޫލުގެ އެންމެ މޮޅު ދަރިވަރުން ކޮންމެ އަހަރަކު ވެސް ހޮވަ އެވެ.