Roadha Mihaaru
ނަޝީދުގެ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ ހުއްދައަށް އެދިއްޖެ

ނަޝީދު އުފައްދަވާ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ހުއްދައަށް އެދިއްޖެ

21 މެއި 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފެެއްދުމުގެ ހުއްދައަށް މިއަދު އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފެެއްދުމުގެ ހުއްދައަށް މިއަދު އެދިއްޖެ އެވެ.

އެމްޑީޕީގެ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ފެކްޝަން، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ.

އެ ޕާޓީ އުފައްދަން އީސީއަށް ވަޑައިގަތް ގިނަ މެމްބަރުން ތިއްބެވީ މަޑު ނޫކުލައިގެ ޓައީ އަޅުއްވައިގެންނެވެ. އެހެންކަމުން ބެލެވެނީ އެއީ އެ ޕާޓީގެ ކުލަ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެވަޑައިގަތުމާ އެކު ސަޕޯޓަރުންނާ އެކު ފުރަތަމަ ބޭއްވި، އަދި "ފިކުރެއްގެ ދިރުން" އިއުލާންކުރެއްވި ބައްދަލުވުމުގައި ވެސް ނަޝީދު އެޅުއްވީ މަޑުނޫކުލައިގެ ޓައީއެކެވެ.

ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށް ފަހު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށް ފަހު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އާ ޕާޓީ އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މި ފެކްޝަންގެ 12 މެމްބަރަކު މިދިޔަ ބުރާސްފަތިދުވަހު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އެ މެމްބަރުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ އެމްޑީޕީ އޮތީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހައިޖެކްކޮށްފައި ކަމަށާއި އެ ޕާޓީ އުފެއްދި މަގްސަދާއި ވަކާލާތުކުރާ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ޕާޓީތެރެއިން ގެއްލިފައިވާ ކަމަށެވެ.

އާ ޕާޓީއެއް އުފައްދަނީ، އެމްޑީޕީގެ ފަލްސަފާ އަލުން ކުރިއަރުވަން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ. ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަން ވެސް އޮތީ އިއުލާންކޮށްފަ އެވެ.

އެކަމަކު މި ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭ ނަމަ، އެއީ ނަޝީދު ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.

ނަޝީދު އިސްވެ ހުންނަވައި މި ޕާޓީ އުފެއްދެވިޔަސް އެމަނިކުފާނު އަދި އެމްޑީޕީން ވަކިވެވަޑައެއް ނުގަންނަވަ އެވެ. އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގަތް މެމްބަރުންތަކެއް، ނަޝީދުގެ ކުރިފުޅުމަތީގައި އެމަނިކުފާނު ހިތްވަރު ދެއްވައިގެން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވިޔަސް ފިޔަވަޅު ނާޅާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ޕާޓީގެ އަސާސީ ގަވައިދާ ޚިލާފުވެ އެހެން މެމްބަރުންނާ މެދު ފިޔަވަޅު އަޅާއިރު ނަޝީދަށް އެ އުސޫލުން އަމަލުކުރަން "ހަމަ ދަތި" ކަމަށެވެ. އެމްޑީޕީ މެމްބަރުންގެ ގޮތުގައި ތިއްބަވައި ސަރުކާރާއި ޕާޓީއަށް ފާޑުވިދާޅުވަމުން އައި މެމްބަރުންތަކެއް ވަކިވުމަކީ މާބޮޑު ގެއްލުމެއްގެ ގޮތުގައި އެ ޕާޓީން ނުދެކެ އެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި، ނަޝީދު ވަކި ހަރަކާތެއް ހިންގަވައި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރެއްވިޔަސް ވެރިކަމުގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއަށް ކާމިޔާބު ހޯދޭނެ އެވެ.