Roadha Mihaaru
ޑިމޮކްރެޓްސްގެ ހުއްދަ ލަސްވަނީ އިދާރީ ކަންކަން ނުނިމޭތީ

ޑިމޮކްރެޓްސްއަށް ހުއްދަ ނުދޭކަށް ނޫޅެން، އިދާރީ ކަންކަން އަދި ނުނިމޭ: ނަޝާތު

19 ޖޫން 2023

ޑިމޮކްރެޓްސް އުފައްދަން ހުއްދަ ނުދޭކަށް އެއްވެސް މެމްބަރަކު ނޫޅޭ ކަމަށާއި އެކަން ނުކުރެވި ވަނީ އިދާރީކަންކަން ނުނިމޭތީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޑިމޮކްރެޓްސް އުފައްދަން ހުއްދަ ނުދޭކަށް އެއްވެސް މެމްބަރަކު ނޫޅޭ ކަމަށާއި އެކަން ނުކުރެވި ވަނީ އިދާރީކަންކަން ނުނިމޭތީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު މިއަދު ވިދާޅުވެއްޖެ އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދައާ މެދު ގޮތެއް ނުނިންމަނީސް އިލެކްޝަންސް ކޮމިޝަނުން ނުދާނެ ކަމަށް ބުނެ، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅޭ ބޭފުޅުންނާއި ބައެއް ސަޕޯޓަރުން އިއްޔެ މެންދުރުން ފެށިގެން އެ ކޮމިޝަނުގައި ތިބުމުން އީސީގެ މެމްބަރުން ވަނީ ރޭ ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެ ހުއްދަ ނުދޭން ދެ މެމްބަރަކު ވޯޓު ދެއްވި ކަމަށެވެ.

ހުއްދަ ދޫކުރުމާ ދެކޮޅަށް ވޯޓުދެއްވީ ކޮމިޝަނަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފް ކަމަށް ފުއާދު ވިދާޅުވުމުން ޑިމޮކްރެޓްސްގެ ހިތްހަމަނުޖެހުމާއި ފާޑުކިއުން އެ ދެ މެމްބަރުންނަށް ވަނީ އަމާޒުވެފަ އެވެ.

ނަޝާތު "މިހާރު"އަށް މިއަދު ވިދާޅުވީ އޭނާ އާއި ކޮމިޝަނަރު އާސިފް ޑިމޮކްރެޓްސް އުފައްދަން ހުއްދަ ނުދޭން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. ރޭގެ ބައްދަލުވުމުގައި ހުއްދަ ދިނުމާ މެދު ދެ ބޭފުޅުން ދެކޮޅު ހެއްދެވީ އިދާރީ ގިނަ ކަންކަން ނުނިމެނީސް، އަވަސް އަރުވާލައިގެން އެކަން ކުރަން އުޅުމުން ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. އަދި ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން ޕްރޮސެސް ވެސް ނުނިމޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓަށް އެހީ ސައްހަ 3،000 ފޯމު އޮތް ކަމަށް ރައީސަށް ގަބޫލުކުރެވެއޭ، މިގޮތަށް ފާސްކޮށްދޭށޭ. އެއަށް އަޅުގަނޑުމެން ވޯޓު ނުދިނީ. އެއްވެސް ހާލެއްގައި ޑިމޮކްރެޓްސްއަށް ހުއްދަ ނުދޭކަަށް އަޅުގަނޑުމެން ނޫޅެން: ނަޝާތު
ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދީގެން އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އިއްޔެ އީސީގައި.-- ފޮޓޯ: ޑިމޮކްރެޓްސް

ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދީގެން އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އިއްޔެ އީސީގައި.-- ފޮޓޯ: ޑިމޮކްރެޓްސް

"ވޯޓަށް އެހީ ސައްހަ 3،000 ފޯމު އޮތް ކަމަށް ރައީސަށް ގަބޫލުކުރެވެއޭ، މިގޮތަށް ފާސްކޮށްދޭށޭ. އެއަށް އަޅުގަނޑުމެން ވޯޓު ނުދިނީ. އެއްވެސް ހާލެއްގައި ޑިމޮކްރެޓްސްއަށް ހުއްދަ ނުދޭކަަށް އަޅުގަނޑުމެން ނޫޅެން،" ތުހުމަތުތައް ދޮގުކުރައްވައި އޭނާ ވިދާޅުވި އެވެ.

ނަޝާތު ވިދާޅުވި ގޮތުގައި، އީސީގެ ތަވާލުގައި އޮތް ގޮތަށް ކަންކަން ކުރިއަށް ގެންދާ ނަމަ، ޑިމޮކްރެޓްސްއަށް ހުއްދަ ދިނުމާ ގުޅޭ ކަންކަން މަޝްވަރާ ކުރުމަށް އަންނަ ހަފުތާ ބަންދުގައި ވެސް މެމްބަރުންގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ. އެހެންވެ، އިތުރު މުވައްޒަފުން ނެރެ، އަވަސް އަރުވާލައިގެން ވަކި ގޮތަކަށް މަސައްކަތް ކުރަން އުޅޭތީ ޝައްކު އުފެދުނީ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދި އިރުގައި ވެސް، ފޯމުތައް ރަނގަޅަށް ޕްރޮސެސްނުކޮށް ހުއްދަ ދިނުމުން ފަހުން ވަރަށް ގިނަ ފޯމުތަކުގައި މައްސަލަތައް ޖެހުނު ކަމަށެވެ. އެހެންވެ، އެކަން އަލުން ތަކުރާރު ވިޔަ ނުދޭން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބުނީ އަޅުގަނޑުމެން ބޭނުމެއް ނުވެޔޭ އަޅުގަނޑުމެންނާ ދިމާލަށް އެއްވެސް ބަދުނާމެއް އަންނާކަށް. އެހެންވީމަ، މީގެ މައުލޫމާތު ކަށަވަރުވެފައެއް ނެތޭ، ސިސްޓަމަށް އެންޓްރީކޮށްފައެއް ނެތޭ،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން އެދުނީ އެއްކޮށް ނިންމާފައޭ މިކަން [ޑިމޮކްރެޓްސް އަށް ހުއްދަ ދިނުމުގެ ކަންކަން] ކުރާނީ. ކޮމިޝަންގެ ރައީސް އަވަސްކުރަން މި އުޅޭ ގޮތުން އަޅުގަނޑުމެންނަށް ޝައްކޭ."

އެ ބައްދަލުވުމަށް ފަހު ފުއާދު ވިދާޅުވި ގޮތުގައި، ނަޝާތު އާއި އާސިފު ތުހުމަތުކުރެއްވި ގޮތުގައި އޭނާ ހުންނެވީ ނުފޫޒެއްގެ ދަށުގަ އެވެ.

އިލެކްޝަންގެ މެމްބަރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ކޮމިޝަނަރު މުހައްމަދު ޒާހިރު މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގަ އެވެ.

އީސީން ކުރިން ވެސް ބުނެފައިވާ ގޮތުގައި، ޑިމޮކްރެޓްސް އިން ހުށަހެޅި މެމްބަރުންގެ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނެ އެވެ. އަދި އެކަމަށް 3-4 މަސް ހޭދަވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ. ގާނޫނުގައި އޮންނަ ގޮތުން ނަމަވެސް، ޕާޓީއެއް އުފައްދަން ހުށަހަޅާ ފޯމުތައް ޕްރޮސެސް ކުރުމަށް އީސީއަށް ތިން މަސްދުވަސް ދޭން ޖެހެ އެވެ.

މިދިޔަ މަހު 24 ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީ ރަޖިސްޓްރީ ކުރަން 3،560 ފޯމު މި މަހުގެ ފުރަތަމަ ދުވަހު އީސީއަށް ވަނީ ހުށަހަޅައިފަ އެވެ.