Roadha Mihaaru
ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ޓްރީޓޮޕުން ތައްޔާރުވަނީ

ކިޑްނީ ޓްރާންސްޕްލާންޓް ފެށުމުގެ ހުއްދައަށް ޓްރީޓޮޕް ހޮސްޕިޓަލުން އެދިއްޖެ

22 މެއި 2023

ޓްރީޓޮޕް ހޮސްޕިޓަލުގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ހުއްދައަށް ހެލްތު މިނިސްޓްރީގައި އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓްރީޓޮޕް ހޮސްޕިޓަލުގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ހުއްދައަށް ހެލްތު މިނިސްޓްރީގައި އެދިއްޖެ އެވެ.

އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ "މިހާރު" އަށް މިއަދު ވިދާޅުވީ ރާއްޖެއިން ނުލިބޭ ހިދުމަތްތައް ތައާރަފްކުރުމަކީ އެ ތަނުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އެގޮތަށް، ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ވެސް ހުއްދައަށް އެދިފައިވާ ކަމަށާއި އޭގެ ހުއްދަތައް ލިބުމުން އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ކިޑްނީ ޓްރާންސްޕްލާންޓްގެ ހިދުމަތް ފެށުމަކީ ވެސް ޓްރީޓޮޕްގެ އެޖެންޑާގައި އޮތް ކަމެއް ކަމަށެވެ. އެ ފަރުވާ ދިނުމަށް ހޮސްޕިޓަލްގައި ސެޓަޕް ހުރުމުން، ކަމާބެހޭ އިދާރާތަކުގެ ހުއްދަތައް ލިބިއްޖެނަމަ އަވަހަށް ފަރުވާ ފެށޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

"..މިހާރު ވެސް ރާއްޖެއިން ބޭރަށް ދާ ގިނަ ކޭސްތަކަކީ މި ހޮސްޕިޓަލުތަކުގައި ވެސް ލިބެން ހުންނަ ހިދުމަތްތައް. އެކަމަކު، ބައެއް ސަބަބުތަކާ ހެދި ބޭރަށް ދޭ." އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓްރީޓޮޕްގައި ޓްރާންސްޕްލާންޓް ހެދުމަށް އިސްނަގައިގެން އުޅެނީ ޔޫރަޕްގައި ވަރަށް ސީނިއާ ޑޮކްޓަރެއް ކަމަށެވެ.

"ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ފެސިލިޓީތައް އެބަހުރި. ދެން ޖެހޭނީ ބޭރުން ބައެއް ސާމާނު ގެންނަން. ސަރުކާރުން އިސްކަމެއް ދީގެން، ހުއްދަ ދީފިނަމަ އެކަން ކުރަން ތައްޔާރަށް މި ހުރީ." އާދިލް ވިދާޅުވި އެވެ.

ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގެ ހުއްދައަށް ޓްރީޓޮޕުން އެދުނުއިރު، އެކަމަށް މި ވަގުތު ބޭނުންވާ ގާނޫނާއި ގަވައިދުތަކެއް ނެތެވެ. އިންސާނުންގެ ގުނަވަން ބަދަލުކުރުމުގެ ހިދުމަތް މި ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް ދެނީ އެކަމަށް ހާއްސަ ގާނޫނެއްގެ ދަށުންނެވެ.

އައިޖީއެމްއެޗްގައި ވެސް ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް ތައްޔާރުވަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެހެންވެ، އެކަމުގެ ގާނޫނެއް ޑްރާފްޓުކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އެކަމަކު، ތަފާތު އެކި ކަންކަމާ ހެދި އެ މަސައްކަތެއް ބާރު ސްޕީޑުގައި ކުރިއަކަށް ނުދެ އެވެ.

ކިޑްނީގެ ބަލިތަކަށް ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދަމުން އަންނަ އިރު، ދެ ކިޑްނީ ފެއިލްވެ އޮޕަރޭޝަނެއް ކުރަން ވެއްޖެ ނަމަ، ދާން ޖެހެނީ ރާއްޖޭން ބޭރަށެވެ. އެންމެ އާއްމުކޮށް، ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންތައް ދިވެހިން ކުރަނީ، ސްރީ ލަންކާ އާއި އިންޑިއާ އިންނެވެ. އެ ފަރުވާ އާސަންދައިން ކަވަރުކުރި ނަމަވެސް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްވަންދެން ތިބުމަށް ބޮޑު ހަރަދެއް ހިނގަ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް ރާއްޖޭގެ ފުރަތަމަ އައިވީއެފް ސެންޓަރު ވެސް އަންނަ ހޯމަ ދުވަހު ހުޅުވަން ނިންމައިފަ އެވެ. އޭރުން، ރާއްޖޭގައި ތިބެގެން އެ މައްސަލަތަކަށް ފަރުވާ ހޯދޭނެ އެވެ.