Roadha Mihaaru
ފެންވަރު ދަށް ބޭހުން ހަފުސްވިޔަސް ކަމަކަށް ނުވޭ!

ފެންވަރު ދަށް ބޭހުން ދިވެހިން ހަފުސްވިޔަސް މާ ބޮޑު ކަމަކަށް ނުވޭ!

27 ޖުލައި 2023

ބޮލުގައި ރިއްސާތީ އަހަރެމެންނަށް އާންމުކޮށް ބޭނުންވަނީ ޕެނެޑޯލް ގުޅައެކެވެ. އެކަމަކު އެއްވެސް އަސަރެއް ނުކުރާތީ ދެތިން ގަޑިއިރު ފަހުން އަނެއްކާ ވެސް އިތުރު ގުޅައެއް ކާލަ އެވެ. ރިހުމަކަށް ހަމަ ބަދަލެއް ނާދެ އެވެ. އެގޮތަށް ދަމުން 3-4 ބޭސް ގުޅަ ކައިގެން ވެސް ވާ އުނދަލުން މީހާ އެއްކޮށް ސަލާމަތެއް ނުކޮށްދެ އެވެ. އެހެންވެ، ރާއްޖެ އިން ލިބެން މި ހުންނަ ބޭސްތަކުގެ ފެންވަރާ މެދު ސުވާލު އުފެދުނު ހިސާބުން މަރިޔަމް ރީމާ ޕެނެޑޯލް ގެންނަން ފެށީ މެލޭޝިއާއިންނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޮލުގައި ރިއްސާތީ އަހަރެމެންނަށް އާންމުކޮށް ބޭނުންވަނީ ޕެނެޑޯލް ގުޅައެކެވެ. އެކަމަކު އެއްވެސް އަސަރެއް ނުކުރާތީ ދެތިން ގަޑިއިރު ފަހުން އަނެއްކާ ވެސް އިތުރު ގުޅައެއް ކާލަ އެވެ. ރިހުމަކަށް ހަމަ ބަދަލެއް ނާދެ އެވެ. އެގޮތަށް ދަމުން 3-4 ބޭސް ގުޅަ ކައިގެން ވެސް ވާ އުނދަލުން މީހާ އެއްކޮށް ސަލާމަތެއް ނުކޮށްދެ އެވެ. އެހެންވެ، ރާއްޖެ އިން ލިބެން މި ހުންނަ ބޭސްތަކުގެ ފެންވަރާ މެދު ސުވާލު އުފެދުނު ހިސާބުން މަރިޔަމް ރީމާ ޕެނެޑޯލް ގެންނަން ފެށީ މެލޭޝިއާއިންނެވެ.

އެ ގައުމުން ޕެނެޑޯލް ގަނެގެން އޭނާ ބޭސްކާތާ ދެ ތިން އަހަރުވެއްޖެ އެވެ. ރާއްޖެ އިން ލިބެން ހުރި ބޭހުން ދެތިން ގުޅަ ކައިގެން ރަނގަޅުވާ ބޮލުގެ ރިހުން، މެލޭޝިއާ އިން ގަންނަ ޕެނެޑޯލްގެ އެއް ގުޅައިން ފަރުޖެހެ އެވެ.

"ދެ ބޭހުގެ ތަފާތު ހަމަ އަމިއްލަ އަށް ބަލަން ވެގެން، އެއް ފަހަރު ބޮލުގައި ރިއްސަން ފެށީމާ ފުރަތަމަ މި ކެއީ ރާއްޖެ އިން ލިބޭ ބޭސް. އެއްގޮތަކަށް ވެސް ރަނގަޅު ނުވީމާ ފަސް ވަރަކަށް ގަޑިއިރު ފަހުން ކެއީ މެލޭޝިއާ އިން ގެނައި ބޭސް. ގަޑިއިރެއް ވެސް ނުވާނެ، އެ ބޭހުން އެނގުން ވެއްޖެ. ރިހުން ރަނގަޅުވެއްޖެ މާ ގިނައިރު ނުވަނީސް،" ރީމާ ބުންޏެވެ.

މިއީ، އެންމެ މީހެއްގެ ތަޖުރިބާއެކެވެ. ރާއްޖެ އިން ލިބެން މި ހުންނަ ބޭސްތަކާ ގުޅޭ މި ފަދަ އެތައް ޝަކުވާއެކެވެ.

ބޭސް ވިއްކާ ބައެއް ފަރާތްތަކުން ވެސް ބުނާ ގޮތުން ރާއްޖެ އިން ލިބެން ހުންނަނީ ފެންވަރު ދަށް ބޭހެވެ. އެ މީހުން އޭގެ ތުހުމަތު އަޅުވަނީ، ބޭހާ ގުޅޭ ކަންކަން ރެގިއުލޭޓް ކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އުސޫލުގެ ދޯހަޅި ކަމަށެވެ.

ރާއްޖެ އަށް ބޭސް އެތެރެކުރަނީ އެމްއެފްޑީއޭ އިން ނެރެފައިވާ، އެޕްރޫވްޑް ޑްރަގް ލިސްޓުގައިވާ ބޭސްތައް، ހަމަ އެ ޕެކިންގަ އެވެ. އެ ލިސްޓުގައިވާ ގޮތުން ރާއްޖެއަށް 1،600 އަށް ވުރެ ގިނަ ބޭސް އެތެރެކުރުމަށް ހުއްދަދީފައި ވެ އެވެ. އެކި ގައުމުތަކުން މިހާރު ވެސް އެތައް މިލިއަން ގުޅަ ބޭސް އެތެރެކުރާއިރު، އެ ބޭސްތަކުގެ 60 ޕަސެންޓް ހިއްސާ ކުރަނީ ފާމަސޫޓިކަލް އެސޯސިއޭޝަނުން ގަބޫލުކުރާ ގޮތުގައި އިންޑިއާ އެވެ.

އެމްއެފްޑީއޭއިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ޕެނެޑޯލްގެ 500 މިލިގްރާމްގެ 10،432،180 ގުޅަ ރާއްޖެއަށް އެތެރެކުރި އެވެ. ޖެހިގެން އައި އަހަރު، ހަކުރު ބަލީގެ މީހުން ބޭނުންކުރާ ޑައިބެޓްމިންގެ 101،794،900 ގުޅަ އެތެރެކުރި އެވެ.

ރާއްޖެއަށް އެތެރެކުރި ބޭހާ ގުޅޭ ތަފާސްހިސާބު.

ރާއްޖެއަށް އެތެރެކުރި ބޭހާ ގުޅޭ ތަފާސްހިސާބު.

އެ ޖަމިއްޔާގެ ރައީސް އަހުމަދު މައުމޫން ވިދާޅުވީ، ސީދާ މެނުފެކްޗަރާ އަތުން ބޭސް ގަނެގެން ރާއްޖެ ގެންނަ ނަމަ އެ ބޭހެއް ފޮނުވާނީ" ކޮންޓްރޯލްޑް އެންވަޔަރްމަންޓް" އެއްގައި ކަމަށެވެ. ނަމަވެސް، އޭނާ ވިދާޅުވީ ރާއްޖެ އަށް އެތެރެކުރުމަށް ހުއްދަ ދީފައިވާ ބޭހުގެ 80 ޕަސެންޓަކީ ތާޑް ޕާޓީ މެދުވެރިކޮށް ގެންނަ ބޭހެވެ. އެއީ އިންޑިއާ އާއި ސްރީ ލަންކާގެ ބާޒާރުގެ ސަޕްލަޔަރުންނެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކީ، މައުމޫން ވިދާޅުވި ގޮތުގައި ރާއްޖެ އަށް ބޭސް އެތެރެކުރުމާ ހަމައަށް އެ އެއްޗެހި ރައްކާ ކޮށްފައި ހުންނަ ގޮތް ކަށަވަރު ކުރެވޭނެ ގޮތެއް ނެތުމެވެ. އެ ތަކެތި ރާއްޖެ ގެނެސް، ފިނިކުރި ކޮޓަރީގައި ބޭސް ބެހެއްޓިއަސް ވާނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"މި ކަމުގެ ހައްލަކަށް އޮންނަނީ އަސްލު މެނުފެކްޗަރާ އަތުން ލިބުން. އެކަމަކު، ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް މެނުފެކްޗަރާ އަތަކުން ނުލިބޭ މިހާ ކުޑަ ވޮލިއުމެއްގައި އަޅުގަނޑުމެންނަކަށް. ދެން އޮތީ ރަނގަޅަށް [ބޭސް] ގެންގުޅޭ ގައުމުތަކުން ބަލަން. އެގޮތަށް ބަލަންޏާ، އިންޑިއާ، ލަންކާ، ބަންގްލަދޭޝް، ޕާކިސްތާން މި ތަންތަނަށް ބަލަންޏާ އަދި ވެސް ވަރަށް ދޯދިޔާކޮށް މި އޮތީ ސަޕްލައި ޗެއިން،" މައުމޫން ވިދާޅުވި އެވެ.

"މި ޖެހޭ އިޝޫއަކީ، ރަނގަޅު ތަންތަނުން ބޭސް ގެނައުމުގައި ހުރި ދަތިތައް އެމްއެފްޑީއޭ އިން ރަޖިސްޓްރޭޝަނާ ކަންތައްތައް ހުރި ގޮތުން ނުގެނެވެނީ. ދެން ހުއްދަ ލިބިފައި މި އޮތީ މި ތިބި ގައުމުތަކުން. ޒަމާންތަކެއް ކުރިން ވެސް އެމްއެފްޑީއޭ އިން މި އުޅެނީ ފިނިކުރި ކޮންޓެއިނަރަށް ލައިގެން މުދާ ގެންނަން. އެކަމަކު ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް، ކުޑަ އެތިކޮޅެއް ފިނިކުރި ކޮންޓެއިނަރަށް ލައިގެން ކިހިނެއްތޯ ކޮންމެ ޝިޕްމަންޓެއް ގެންނާނީ؟ އެއީ އުނދަގޫ ކަމެއް،"

މައުމޫން ވިދާޅުވީ ފިނިކުރި ކޮންޓެއިނަރުގައި ރާއްޖެއަށް ބޭސް ގެނައި ނަމަވެސް އޭގެ ކުރިން އެ ހުންނަނީ ކޮން ފެންވަރެއްގައި ކަން ކަށަވަރު ނުވާތީ އެއީ ބޭކާރު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އަދިވެސް އެޑްވޮކޭޓްކުރާނީ ތަންކޮޅެއް ޑިވެލޮޕް ހިސާބުތަކުން ބޭސް އެތެރެކުރުމަށް ލުއި މަގު ހަދައިދިނުން. ލުޔޭ ބުނާއިރަށް އެ ބޭފުޅުން ލުޔެއް ކޮށްލަނީ ނޫން. ސްޓެބިލިޓީއާ އެއްޗެހި ލާން ޖެހޭ. ލާން ވާއިރުގައި، މެނުފެކްޗަރާ އަތުން ލިބޭ އެއްޗެހި މި ހުންނަނީ، މެނުފެކްޗަރާ އަޅުގަނޑުމެންނާ ޑީލެއް ނުކުރޭ ރާއްޖެ ކަހަލަ ކުޑަ ގައުމެއް ވީމާ." މައުމޫން ވިދާޅުވި އެވެ.

މާލޭގައި ހިންގާ ބައެއް ބޭސްފިހާރަތައް: ގިނައީ މި ސަރަހައްދުން ގެންނަ ބޭސްތައް ކަމަށް ވާއިރު ފެންވަރުގެ މައްސަލަ ބޮޑު ކަމަށް ތަޖުރިބާކާރުން ބުނޭ.--- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭގައި ހިންގާ ބައެއް ބޭސްފިހާރަތައް: ގިނައީ މި ސަރަހައްދުން ގެންނަ ބޭސްތައް ކަމަށް ވާއިރު ފެންވަރުގެ މައްސަލަ ބޮޑު ކަމަށް ތަޖުރިބާކާރުން ބުނޭ.--- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އާސަންދައިގެ ދަށުން އާއްމުންނަށް ދޫކުރަން އަދި ވިއްކަން ވެސް ބައެއް ފާމަސީތަކުން ޔޫރަޕުން ވަރަށް މަދުން ނަމަވެސް ބޭސް ގެނެ އެވެ. މައުމޫންގެ ހިއްސާ އޮންނަ ލައިފްސަޕޯޓަށް، އިނގިރޭސި ވިލާތުން ގެންނަ ޕެރެސަޓޮމޯލަށް އާއްމުންގެ ޑިމާންޑް އޮންނަނީ ވެސް އޭނާ ގަބޫލުކުރައްވާ ގޮތުގައި މި ސަރަހައްދުން ގެންނަ ބޭހުގެ ފެންވަރު ދަށްވުމުންނެވެ.

"މީހުން އައިސް ބުނޭ ތިމަންނަމެން ބޭނުމޭ ޔޫކޭ ޕެރަސަޓްމޯލް. އެއީ ތެދެއް. އޭގެ އިފެކްޓިވްނެސް މާ ރަނގަޅު. އަޅުގަނޑު ވެސް ގަބޫލުކުރަނީ އެކައްޗެއް ނަމަވެސް ތަފާތު އެބަހުއްޓޭ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ރާއްޖެއާ ނުބައްދަލު ރެގިއުލޭޝަންތަކާ ހެދިހެން މި ކަންތައް މި ޖެހެނީ. ގަވައިދު ހަރުކަށި ވެފައި މި ޒަމާނަށް ނުފެތޭ."

މައުމޫން ވިދާޅުވީ ބޭސް އެތެރެކުރުމުގެ ހުއްދަތައް ނެގުމުގައި މިހާރަށް ވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. ހާއްސަކޮށް، ޔޫރަޕުން ކޮލިޓީ ބޭސް ގެންނަން ފަސޭހަ ޕްރޮސީޖާތަކެއް ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މިކަމުގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ކުރައްވާ އަނެއް ބޭފުޅަކީ ޓްރީޓޮޕް ހެލްތުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރެވެ. އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް ހަދާފައި ހުއްޓަސް ބަލި މީހުންނަށް ދޭން ޖެހެނީ އޭޝިއާ ސަރަހައްދުން ގެންނަ ބޭހެވެ.

"އެއީ މައްސަލައަކީ. އަޅުގަނޑު މި ފަހުން ދިޔައިން އިންޑިއާ އަށް ފަރުވާއަކަށް. އަޅުގަނޑަށް ދިނީ އެމެރިކާގައި އުފެއްދި އެންޓަބަޔޮޓިކް. އެކަމަކު، މި ތަނުގައި އެ އޮޕަރޭޝަން ކޮށްފިއްޔާ ދޭނީ އިންޑިއާގައި ހަދާފައި ހުރި އެންޓިބަޔޮޓިކް. ކީއްވެގެން އެހެން ވާންވީ؟ ކޮންމެ ވެސް ހިސާބަކުން މައްސަލައެއް އެބައުޅޭ،" ނަޒީރު ވިދާޅުވި އެވެ.

އެކަމުގެ ޝަކުވާތައް ނަޒީރު އެންމެ ފުރަތަމަ ފާޅުކުރެއްވީ ވެސް ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފް ސެންޓަރު ހުޅުވަން މިދިޔަ މެއި މަހުގެ ފަހުކޮޅު ބޭއްވި ޖަލްސާއެއްގަ އެވެ. އެ އަށް ފަހު، ނައިބު ރައީސް ފައިސަލް ނަސީމް އިސްވެ ހުންނަވައި ދެ ބައްދަލުވުމެއް ބޭއްވިޔަސް މިހާތަނަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.

އެމްއެފްޑީއޭގެ ގަވައިދު އޮންނަ ގޮތުން، ބޭހެއް އެތެރެކުރާ ނަމަ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންޖެހެ އެވެ. އެކަމަކު، ރާއްޖޭގެ އާބާދީ ކުޑަވުމުން، އެ މެނުފެކްޗަރާތަކުގެ ޝައުގުވެރިކަން ނުހުންނާތީ އެ ލިޔުންތަކެއް ނުލިބެ އެވެ.

"މި ސަރަހައްދުން ގެންނަންޏާ ވަރަށް ފަސޭހަ، ޔޫރަޕުން ގެންނަންޏާ ވަރަށް ހާލުން އެޕްރޫވް ވަނީ. އަނެއްކާ މި މެޑިކަލް ކައުންސިލް. މި ކައުންސިލްތައް ރަނގަޅެއް ނޫން ބައްޓަން ކޮށްގެން އުޅޭ ގޮތް،" ނަޒީރު ވިދާޅުވި އެވެ.

ޓްރީޓޮޕްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރު ހުޅުވަން މިދިޔަ މެއި މަހު ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލގެ އެމްޑީ އަހްމަދު ނަޒީރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓްރީޓޮޕްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރު ހުޅުވަން މިދިޔަ މެއި މަހު ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލގެ އެމްޑީ އަހްމަދު ނަޒީރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަމަވެސް، އެމްއެފްޑީއޭ އިން ގަބޫލުކުރާ ގޮތުގައި ބޭސް ގެނައުމުގައި މި ވަގުތު ކަނޑައަޅާފައިވަނީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ބެސްޓް ޕްރެކްޓިސް އެވެ.

އެ އޮތޯރިޓީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ މިހާރު ހުރި ޕޮލިސީތަކުން ރާއްޖެ އަށް ޔޫރަޕުން ބޭސް އެތެރެކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ ނަމަވެސް، ބޭހުގެ ފެންވަރު ކަށަވަރުކުރުމަށް ލިޔުންތައް ބޭނުންވިޔަސް، އެ ލިޔުން ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ޝާހު ވިދާޅުވި އެވެ.

އެ ސެޓްފިކެޓުތައް ނުލިބޭ ނަމަ ދެން ޖެހެނީ އެ ލިޔުންތައް ނުލައި އެތެރެކުރަން ކަމަށާއި އެކަމުގެ އޭގެ ފަހުން ދިމާވާ މައްސަލައެއްގެ ޒިންމާ އެމްއެފްޑީއޭ އަށް ނެގުމަށް އުނދަގޫވާނެ ކަމަށް ޝާހު ވިދާޅުވި އެވެ. އުސޫލުތައް ހަދާފައިވަނީ، އޭނާ ވިދާޅުވި ގޮތުގައި، އެ ހުރިހާ ކަމެއް ބަލައި ބޭހުގެ ފެންވަރު ކަށަވަރު ކުރުމަށެވެ.

ބޭސް ރަޖިސްޓަރީ ކުރުމަށް ބޭސް ގަނެގެން ގެންނަ ފަރާތާއި ބޭސް ގެންނަ ފަރާތުގެ ސެޓްފިކެޓާއި ބޭސް އުފައްދާ ތަނުގެ ފެންވަރުގެ އެނގޭނެ ސެޓްފިކެޓް އަދި ބޭހުގެ ބާރު ހުރި ވަރު ޔަގީން ކުރަން ބޭނުންވާ ލިޔުންތައް ހުށަހަޅަންޖެހެ އެވެ. އާ ބޭހެއް ގެންނަ ނަމަ އެ ބޭހާ ގުޅޭ ރިސާޗާއި ކްލިނިކަލް ޓްރަޔަލްތަކުގެ ރިޕޯޓް ވެސް އެމްއެފްޑީއޭ އަށް ހުށަހަޅަންޖެހެ އެވެ. ހުއްދަ ދޭނީ އެކަންކަން ބެލުމަށް ފަހުގަ އެވެ.

ބޭސް އެތެރެކުރުމަށް އެމްއެފްޑީއޭ އިން ކަނޑައަޅާފައިވާ ކެޓަގަރީން ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ ހިމެނެނީ ވެސް "އޭ" ކެޓަގަރީގަ އެވެ. ރާއްޖެ އަށް އާއްމުކޮށް ބޭސް ގެންނަ އިންޑިއާއަކީ "ސީ" ކެޓަގަރީގައި ހިމެނޭ ގައުމެކެވެ. ޔޫރަޕްގެ ރެގިއުލޭޓްރީ އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ބޭހެއް ނަމަ މަދު ލިޔުންތަކާ އެކު އެ ބޭހެއް ރާއްޖެ އަށް އެތެރެކުރަން ފަސޭހަވާނެ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

ބޮޑު ފީއެއް ދައްކައިގެން ވެސް ޔޫރަޕުން ބޭސް ފަސޭހައިން ބޭސް ގެނެވޭނެ އިންތިޒާމު އެމްއެފްޑީއޭގައި ހަމަޖައްސާފައިވެ އެވެ. އޭރުން، އެ ބޭސް އެތެރެކުރުމުގައި ބަލަންޖެހޭ ކަންކަމަށް ލުޔެއް ގެނެސްދިނަސް، އެންމެ އާއްމު މައުލޫމާތުތައް ބޭސް ގެންނަ ފަރާތުން ފޯރުކޮށްދޭންޖެހޭނެ ކަމަށް ޝާހު ވިދާޅުވި އެވެ.

"އެއް އަހަރުގެ ތެރޭގައި މައްސަލައެއް ނެތް ނަމަ ފުލް ރަޖިސްޓްރޭޝަނަށް ބަދަލުކޮށްދޭނެ. ޕްރީ ރަޖިސްޓްރޭޝަން ނަމަ މަދު ހަފުތާތަކެއްގެ ތެރޭގައި ބޭސް އެތެރެކުރުމުގެ ހުއްދަ ދޭނެ. ފުލް ރަޖިސްޓްރޭޝަން ނަމަ ގިނަ ވެގެން ތިން މަސް ވާނެ،" އޭނާ ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ ފެންވަރު ދަށްވުމުގެ ޝަކުވާއެއް ލިބިއްޖެ ނަމަ އެ ބޭހެއް ޓެސްޓުކުރާ ކަމަށެވެ. ނުވަތަ ވަކި ބޭހަކާ ގުޅޭގޮތުން ރާއްޖެއިން ބޭރުން އެލާޓެއް އައި ނަމަވެސް ރާއްޖެ އިން ބަލަން ޖެހޭ ކަންކަން ބަލައި، ރާއްޖެ އިން ޓެސްޓު ކުރެވެން ނެތް ނަމަ ބޭރަށް ފޮނުވައިގެން ވެސް އޭގެ ފެންވަރު ކަށަވަރުކުރެ އެވެ.

ކޮލިޓީ ދަށް ބޭހުން ހީނުކުރާ ގެއްލުން ލިބިދާނެ

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރަކު ވިދާޅުވީ ބޭހުގެ ފެންވަރު ދަށްވުމާ ހެދި ބަލި މީހާގެ ހާލަތު ރަނގަޅު ނުވުމަކީ، ބަލި ދެނެނުގަނެވުން ކަމަށް ބަލައި ބައެއް ފަހަރަށް ރާއްޖެ އިން ބޭރަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ހަމަ އެއް ބޭހެއް ދީ، އަދި އެ ބޭސް ކެއުމުން ރަނގަޅުވާ ކަމަށެވެ. މީގެ ހަމައެކަނި ތަފާތަކީ، އޭނާ ވިދާޅުވި ގޮތުގައި ދެ ބޭހުގެ ކޮލިޓީ އެވެ.

"ކޮލިޓީ ރަނގަޅު ބޭހެއް ބޭނުންކޮށްލާއިރަށް ބަލި ރަނގަޅުވާކަން އެބަ ފާހަގަވޭ،" އެ ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފެންވަރު ރަނގަޅު ބޭހަކުން ބޮލަށް އެނބުރުން ކަހަލަ ސައިޑް އެފެކްޓެއް ނާންނަ ނަމަ ފެންވަރު ދަށް ބޭހުން ބޯ އެނބުރުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ.

މީހަކު ޕެނެޑޯލް ކާޑެއް ގަންނަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މީހަކު ޕެނެޑޯލް ކާޑެއް ގަންނަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ބޭސްތަކުގެ ތަފާތުތައް ހުރިއިރު، ރާއްޖެ އިން ފެންވަރު ރަނގަޅު ބޭސް ނުލިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ފެންވަރު ރަނގަޅު، މޮޅު ބޭސް ގެންނަން ފަށައިފި ނަމަ އާސަންދަ އިން ބޭހަށް ކުރާ ހަރަދު އެތައް ތަނަކުން ކުޑަވާނެ ކަމަށް އެ ޑޮކްޓަރު ގަބޫލުކުރައްވަ އެވެ.

އާސަންދައިން ޑޮކްޓަރީ ބޭހަށް ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެ އެވެ. ފާމަސީތަކުން ވިއްކި ބޭސްތަކަށް 2021 ވަނަ އަހަރު އެކަނި ވެސް 800 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

"ރަނގަޅު ކޮލިޓީގެ ބޭހެއް ކުރު މުއްދަތުގެ ތެރޭގައި ބޭނުންކޮށްގެން ރަނގަޅުވާ ނަމަ އެ ބައްޔަށް ހަރަދުވާވަރު ކިތައްމެ ތަނެއް ކުޑަވެގެން ދިޔައީ. އެއީ އެއް ކަންބޮޑުވުމެއް. އަނެއް ކަންބޮޑުވުމަކީ ކޮލިޓީ ދަށް ބޭސް ބޭނުންކޮށްގެން ފަސޭހައިން ބަލި ރަނގަޅު ނުވުން،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ބޭހުގެ ޑޯޒުން ބަލި މީހާ އަށް އަސަރު ނުކުރާ ނަމަ އިތުރަށް އެ ޑޯޒް ނަގާނެ ކަމަށެވެ. އެއާ އެކު، ބޭހުގެ ސައިޑް އެފެކްޓް ބޮޑުވެ، ގިނައިން ބޭސް ކެއުމުން ކިޑްނީ އާއި ލިވާ އަށް ގެއްލުން ވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ކިޑްނީ އަދި ލިވާގެ މައްސަލަތައް ސީދާ ގިނަ ސަބަބެއް ނޭނގުނަސް ފެންވަރު ދަށް ބޭސް ގިނައިން ކެއުމަކީ އެ ދެ ގުނަވަނުގައި މައްސަލަތައް ޖެހުމަށް މަގުފަހިވާނެ އެއް ކަންތައްތައް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އޭގެ އަނެއް ނުރައްކަލަކީ، އެއް ބޭހެއް މާ ގިނައިން ކާ ނަމަ އެ ބޭހަށް ނުގުޑުމެވެ.

"މިސާލަކަށް ރޯގާ އަށް މި ދޭ ބޭސް، ވަކި ބްރޭންޑެއް ދީގެން ނޫނީ ގިނަ ފަހަރަށް ރޯގާ ރަނގަޅުވާތަން ނާދޭ. އަމިއްލަ ތަޖުރިބާ އަށް ބަލާއިރު ވެސް މި ކޮޅުގައި މި ހުންނަ ރޯގާ އަށް ދޭ ބޭހުން އަސަރު ނާންނަކަން ފާހަގަކުރެވެނީ. ރޯގާ ބޭހުން އެންމެ ބޮޑު ސައިޑް އެފެކްޓަކީ ނިދި އަންނަ ގޮތް ވުން. އެ ބޭހުން [މި ސަރަަހައްދުގެ ގައުމުތަށް ފިޔަވައި އެހެން ގައުމުތައް] ނިދި އަންނަ ގޮތް ކުޑަވެފައި، ސައިޑް އެފެކްޓް ކުޑަވެފައި، އެ ބޭހުގެ އެފެކްޓު އަވަސްވެފައި އިފެކްޓިވްކަން ފާހަގަކުރެވުނު،" ޑޮކްޓަރު ވިދާޅުވި އެވެ.

"ގޭހުގެ އުނދަގޫވެގެން، ވަކި ބްރޭންތަކެއް ދީގެން ނޫނީ މީހާ އަށް ހަމަ އެއްވެސް އަސަރެއް ނުކުރޭ ގިނަ ފަހަރަށް. ބައެއް ފަހަރު ބައެއް ބޭފުޅުންނަށް އަންނާނެ އެކަމަކު ގިނަ ފަހަރަށް ވަކި ބްރޭންޑެއް ލިޔެގެން، ހޯދައިގެން ނޫނީ އިފެކްޓެއް ނާދޭ. ބައެއް ފަހަރަށް ވާ ގޮތަކީ، ހަމަ އެ ބޭސް އެހެން ގައުމަކުން ގެނެސްގެން ކެއީމަ އެބަ ރަނގަޅުވޭ ގިނަ ފަހަރަށް."

"މިހާރު" އާ ވާހަކަ ދެއްކެވި ޑޮކްޓަރު ވެސް ވިދާޅުވި ގޮތުގައި ބޭހުގެ ފެންވަރު ދަށްވުމަކީ ވަރަށް ގިނަ ގައުމުތަކުގައި ޖެހޭ މައްސަލައެކެވެ. ރާއްޖެ އަށް އެންމެ ގިނައިން ބޭސް އެތެރެކުރާ އިންޑިއާ އިން، އެ ގައުމުގެ އެތެރޭގައި ބޭނުންކުރަން ހަދާ ބޭސް އެ ތަނުގެ ޑްރަގް އޮތޯރިޓީން ރަނގަޅަށް މޮނިޓާ ކުރާތީ ރާއްޖެ އެތެރެކުރާ ބޭސްތަކުގެ ފެންވަރު ތަފާތުވާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އެހެންވެ އެމްއެފްޑީއޭގެ ކެޕޭސިޓީ އިތުރުކޮށް، ފާމަސީތަކުން ރެންޑަމްކޮށް ބޭސް ނަގައިގެން ކޮލިޓީ ޓެސްޓް ހެދުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ އެކު، މި ސަރަހައްދުގެ ގައުމުތަކުން ގެންނަ ބޭސްތަކުގެ ފެންވަރު ދަށް ނަމަ އެ އަށް ވުރެ ދުރުން ފެންވަރު ރަނގަޅު ބޭސް ގެނައުމުގެ "ހާއްސަ ސިޔާސަތެއް" ނަމަވެސް އެކުލަވާލައި އެ ކަމަށް ބާރު އެޅުމަކީ ރަނގަޅު މިސްރާބަކަށް ދެވޭނެ ކަމެކެވެ.