Roadha Mihaaru
އެމްއާރުއެމުން ސިޔާސީ ހަރަކާތް ހިންގުން މަނާ: އީސީ

އެމްއާރުއެމުން ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުން މަނާކަން އަންގައިފިން: އީސީ

25 މެއި 2023

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ އެޖެންޑާ ކުރިއަށް ގެންދަން އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލާފައިވާތީ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގޭނެ ކަން އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ އެޖެންޑާ ކުރިއަށް ގެންދަން އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލާފައިވާތީ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގޭނެ ކަން އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.

ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް "މިހާރު"އަށް ވިދާޅުވީ އެމްއާރުއެމް އުވާލަން ކޮމިޝަނުން ނިންމީ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް ކަމަށާއި އެއީ ގާނޫނީ އަދަދު ހަމަނުވާ ހުރިހާ ޕާޓީތަކާ މެދު ވެސް އަމަލުކުރަން އޮންނަ ގޮތް ކަމަށެވެ. އެކަމުގައި ކޮމިޝަނުގެ މެމްބަރުންނާ މެދު ރިޝްވަތު ފަދަ ދޮގު ތުހުމަތު އެޅުވިޔަސް ތިން މަސް ތެރޭގައި މެމްބަރުން ހަމަނުވެއްޖެ ނަމަ ދެން އޮންނާނީ އެ ފިޔަވަޅުކަން އެމްއާރުއެމަށް ވެސް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގާނޫނުގައި އޮންނަނީ 3،000 މެމްބަރުން ހަމަކުރަން ނޯޓިސް ދިނުމަށް ފަހު އަދަދު ހަމަނުވެއްޖެ ނަމަ ކޮމިޝަނުގެ ޖަލްސާއަކުން އުވާލަން ޖެހޭ ގޮތަަށެވެ. އެމްއާރުއެމް އުވާލަން ނިންމީ ދެ ވަނަ ނޯޓިސް ދިންތާ ތިން މަސްވި އިރު ވެސް އަދަދު ހަމަނުވުމުންނެވެ.

"އެމްއާރުއެމް އިން ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުން މިހާރު ގާނޫނުން މަނާވާނެ. ޕްރެސް ކޮންފަރެންސެއް ވެސް ނުބޭއްވޭނެ، އެކަން އެ ޕާޓީއަށް ވެސް އަންގާފައި ވާނީ،" ހަބީބް ވިދާޅުވި އެވެ.

އެމްއާރުއެމް ރަޖިސްޓްރީކޮށްދިންކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި، އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ | މިހާރު

އެމްއާރުއެމް ރަޖިސްޓްރީކޮށްދިންކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި، އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި އުވާލުމުގެ ދެވަނަ ނޯޓިސް ދިން ތިން މަސް ތެރޭގައި އެ ކޮމިޝަނުން އީސީއަށް ހުށަހެޅީ 140 ފޯމެވެ. އެގޮތަށް ފޯމު ހުށަހެޅިޔަސް ސޮޔާއި ފިންގަޕްރިންޓާއި އައިޑީކާޑު މައުލޫމާތާއި ހެކިންގެ މައުލޫމާތު ވެސް ސައްހަތޯ އެ ކޮމިޝަނުން ކަށަވަރުކުރާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތު ކަށަވަރުކުރިއިރު، ސައްހައީ 60 ފޯމެވެ. މި ފޯމުތައް ޕްރޮސެސްކުރި މުއްދަތުގައި އެމްއާރުއެމުން މީހުން ވަކިވާން ވެސް ފޯމު ހުށަހެޅި ކަަމަށް ހަބީބް ވިދާޅުވި އެވެ.

"ހަމަ އެ މުއްދަތުގައި [އެމްއާރުއެމަށް ވަންނަން ހުށަހަޅާ ފޯމު ޕްރޮސެސް ކުރާ މުއްދަތުގައި]، ވަކިވާން އެދި ފޯމު ހުށަހަޅައިފި ނަމަ އެކަން ވެސް ކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއާރުއެމް އިން ޕްރެސް ކޮންފަރެންސް އިއްޔެ ބޭއްވީ ޕާޓީ އުވާލަން ނިންމި ކަން އަންގާފައި ވަނިކޮށެވެ. އެ ޕާޓީއަށް އިއްޔެގެ ޕްރެސް ކޮންފަރެންސް ވެސް ނުބޭއްވޭނެ ކަމަށް ވިދާޅުވި އެވެ.

އެމްއާރުއެމުން ބުނީ އެ ޕާޓީ އުވާލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެ ޕާޓީގެ މެމްބަރުންތައް މީގެ ކުރިން ވެސް އެހެން ޕާޓީތަކަށް ވެއްދި ކަމަށާއި އުވާލީ ގާނޫނާ ޚިލާފަށް ކަން ސާބިތުކޮށްދޭނެ ކަމަށެވެ. އެމްއާރުއެމުން ގެންގުޅެނީ އެކަމުގައި ކޯޓަށް ދިއުމުގެ ވިސްނުމެވެ.

އެމްއާރުއެމްއާ އެކު ރާއްޖޭގައި ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްގެން ހިންގަ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްޓީޑީ އާއި ޕީއެންސީ އާއި އެމްޑީއޭގެ އިތުރުން އެމްއެންޕީ އެވެ. މީގެތެރެއިން އެންމެ މެމްބަރުން މަދު ޕާޓީގެ ތެރޭގައި އެމްއާރުއެމް އާއި ޕީއެންސީ ހިމެނެ އެވެ. ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރަށް އުފެދި ޕީއެންސީ އާއި އެމްޓީޑީ ވެސް ގާނޫނު ބުނާ އަދަދަށް ކިރިޔާ މެމްބަރުން ހަމަވަނީ އެވެ.

ޕީއެންސީގެ މެމްބަރުންގެ އަދަދަކީ މި އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް 3،159 އެވެ. އެމްޓީޑީގައި މެމްބަރުންގެ އަދަދަކީ 3،016 އެވެ.