ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތަށިފުޅުގައި އަޅުވަނީ ވަކި ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދުމުގެ ގޮތުން ކަމަށާއި ހަގީގަތާ ޚިލާފަށް އެ ވާހަކަ ދައްކައި ބައިބައިވުން އުފައްދާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
25 މެއި 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތަށިފުޅުގައި އަޅުވަނީ ވަކި ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދުމުގެ ގޮތުން ކަމަށާއި ހަގީގަތާ ޚިލާފަށް އެ ވާހަކަ ދައްކައި ބައިބައިވުން އުފައްދާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ މާލޭގެ މަޖީދީމަގުގައި ދިން ޓެރަަރިސްޓް ހަމަލާއެއްގެ ނުރައްކާތެރި ތުހުމަތު ރައީސުލްޖުމްހޫރިއްޔާ އަށް ބަޔަކު ކުރަނީ ގާނޫނުގެ ދަށުން ލިބިވަަޑައިގަންނަވާ އިމްތިޔާޒްގެ ބޭނުން ހިފައިގެން ކަމަށެވެ. އެ ތަނުގައި ދައްކަވާ ވާހަކަތަކަށް ގާނޫނީ ފިޔަވަޅު ނޭޅޭނެ ކަން އެނގިވަޑައިގެން ތިއްބަވައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ނަޝީދުގެ އަރިސް ގިނަ މެމްބަރުންތަކެއް ވަނީ، އެމަނިކުފާނަށް އަމާޒުކުރި ހަމަލާގެ އަޑީގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
މިއުވާން ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ވާދަވެރި ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އަޅުވަނީ ކަނޑައެޅިގެން ދޮގު ބަދުނާމު ކަމަށެވެ. އެ ވާހަކަ ދައްކަވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ ތަޅުމުގައި ލިބިވަޑައިގަންނަވާ އިމްތިޔާޒްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަމަލާއާ ރައީސްއާ ގުޅުވައި މެމްބަރުން ދެއްކެވި އެއްވެސް ވާހަކައެއްގައި ހަގީގަތެއް ނެތެވެ.
"ރައީސް ނަޝީދަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާއަށް ކުރިއާލައި އެނގޭ ކަމަށާއި އެކަން ކުރީ ސަރުކާރަށް އެނގިގެން ކަމަށް ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ އެއްގޮތަކަށް ވެސް އޭގެ ހަގިގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން," މިއުވާން ވިދާޅުވި އެވެ.
"ކަނޑައެޅިގެން ބޮޑު ދޮގެއް."
މިއުވާން ވިދާޅުވީ މަޖިލިސް ނޫން ތަނަކުން ބޭރުގައި އެފަދަ ނުރައްކާތެރި އަދި ރައްޔިތުންގެ ހިތުގައި ބައިބައިވުން އުފެއްދޭނެ ވާހަކަތަކެއް އެ ބޭފުޅުން ދައްކަވައިފި ކަމަށް ވާ ނަމަ ކަމާގުޅޭ މުއައްސަސާތަކަށް ހުށަހަޅައިގެން ބަލާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ވާހަކަތަކަކީ މެއި 6 ގައި މަޖީދީމަގުގައި ދިން ބޮމުގެ ހަމަލާގެ ސީރިއަސްކަން ގެއްލުވާލުމެވެ. އަދި ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދިދާނެ ކަމަށް ދެކެވަޑައިގެން ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަމުގެ ހަގީގަތެއް އޮތް ނަމަ މިދެތިން ދުވަހު މަޖިލީހުގެ ތަޅުމުގައި އެކަނި ކީއްވެގެންތޯ އެ ވާހަކަ ދައްކަންވީ. އޭގެ ކުރީގައި ވެސް އެހެން ޕްލެޓްފޯމްތަކުގައި އެ ބޭފުޅުންނަށް އެ ވާހަކަ ދެއްކެވޭނެ," މިއުވާން ވިދާޅުވި އެވެ.
އެ ވާހަކަތައް ސާބިތުކޮށްދޭން ޖެހޭ އެއްވެސް ތަނެއްގައި ތުހުމަތު ނާޅުވަނީ ކީއްވެތޯ ވެސް މިއުވާން ސުވާލު އުފެއްދެވި އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ގިނަ ބަޔަކަށް ދައުވާ އުފުލައި ޝަރީއަތް ވަނީ ފަށައިފަ އެވެ. އެކަމަކު ޝަރީއަތް ލަސްވާތީ އެމަނިކުފާނުގެ ވަކީލުން ކަންބޮޑުވުންފާޅުކުރެ އެވެ.
ރައީސްގެ އެޑްވައިޒަރު ޝިހާބު އިސްތިއުފާދެއްވައިފި
"ނަޝީދު އިސްތިއުފާ ދީގެންވެސް މަޖިލިސް ހިންގަން ޖެހޭ"
ރައީސް އެދިވަޑައިގަތީ މަޖިލިސް ހިނގާނެ ގޮތެއް ހޯދުން
ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް
ނަޝީދު ވަކިކުރަން ރައީސާ ވެސް މަޝްވަރާކުރި: މިއުވާން
ނަޝީދުގެ މެންބަރުން ވަކިވިޔަސް ރައީސަށް ޗެލެންޖެއް ނެތް
ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރާ ނަމަ މަގާމު އަތުލާނެ
އަމްރު މަގާމުން ވަކިކުރަން ޕީސީބީއަށް ފޮނުވައިފި
އަމްރުގެ އިންޓަވިއު ކެންސަލެއް ނުކުރޭ، ރީޝެޑިއުލްކުރީ
ހިޔާލު ތަފާތަސް މަޝްރޫއުތައް ހިނގާނެ: މިއުވާން