Roadha Mihaaru
ކައިޒީންގެ ޝަރީއަތް މަޑުޖައްސާލަން އަންގައިފި

ބައްޕައާ ދެކޮޅަށް ކައިޒީން ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން އަމުރުކޮށްފި

25 މެއި 2023

ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ބޯޓެެއްގެ މައްސަލާގައި ބައްޕައާ ދެކޮޅަށް ކައިޒީން ދައުވާކުރަނީ އޭނާގެ ފައިސާއިން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި މަދަނީ އިޖްރައާތުގެ ގާނޫނުގައި ބުނާގޮތަށް ޖަވާބު ހުށަހަޅާފައި ނުވާތީ ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމްކޮށްދޭން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުމުން އެ ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނިންމީ އެގޮތަށް ހުކުމް ނުކުރެވޭނެ ކަމަށެވެ.

އެ ނިންމުން ކައިޒީންގެ ފަރާތުން އިސްތިއުނާ ކުރުމަށް ފަހު، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެދުނެވެ.

ހައި ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ޣައިރު ހާޒިރުގައި ހުކުމް ކުރުމާ މެދު އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ސިވިލް ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފި ނަމަ އެ މައްސަލައިގެ ބޭނުން ކެނޑިގެން ހިނގައިދާނެ ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން އެންގީ ކަމަށް އަމުރުގައިވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.

އެ މައްސަލަ ސިވިލް ކޯޓުގައި އޮތުމުން އެ ބޯޓުގެ ރަޖިސްޓްރީ އެހެން މީހެއްގެ ނަމަށް ބަދަލު ނުކުރުމަށާއި އަދި އެހެން ފަރާތަކަށް ވިއްކުން ފަދަ މުއާމަލާތެއް ނުކުރަން ސިވިލް ކޯޓުން ކުރިން އޮތީ އަމުރެއް ނެރެފަ އެވެ.