Roadha Mihaaru
އަރައިރުމާ ހެދި ޓެކްސް އިސްލާހު ފާހެއް ނުކުރި

އެމްޑީޕީގެ ދެ ފެކްޝަނުގެ އަރައިރުމާ ހެދި އިކަމް ޓެކްސް އިސްލާހު މިއަދު ފާހެއް ނުކުރި

07 ޖުލައި 2021

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި އުފެދިފައިވާ ދެ ފެކްޝަނުގެ ދެމެދުގައި އުފެދުނު އަރައިރުމަކާ ހެދި، އިންކަމް ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލަށް މިއަދު ވޯޓަށް ނާހައި ލަސްކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި އުފެދިފައިވާ ދެ ފެކްޝަނުގެ ދެމެދުގައި އުފެދުނު އަރައިރުމަކާ ހެދި، އިންކަމް ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލަށް މިއަދު ވޯޓަށް ނާހައި ލަސްކުރަން ޖެހިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާކޮށްް އަދި އޭގެ ފަހުން މުޅި މަޖިލީހުގެ ކޮމިޓީން ވެސް ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި އެ ބިލަށް ވޯޓަށް ނޭހުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރު، ވޯޓުގެ ވަގުތު ޖަލްސާ އަށް ވަޑައި ނުގަންނަވާތީ ކޯރަމް ހަމަނުވެގެންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ތުހުމަތުކުރެއްވި ގޮތުގައި ވޯޓުގެ ގަޑީގައި ޖަލްސާގައި ބައިވެރިވެވަޑައި ނުގެންނެވި މެމްބަރުން އެގޮތަށް ކަންތައް ކުރެއްވީ ގަސްދުގައި ބިލު ފެއިލްކޮށްލުމުގެ ބޭނުމުގަ އެވެ.

"ސީދާ އެ ބިލް ފެއިލްކޮށްލަން ވެގެން އެ މެމްބަރުން [ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން] ޖަލްސާގައި ބައިވެރިވެވަޑައި ނުގެންނެވީ،" ނަން ނުޖެހުމަށް ޝަރުތުކޮށް "މިހާރު" އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައިި ނަޝީދުގެ ފަޅީގެ މެމްބަރުން އެގޮތަށް ކަންތައް ކުރެއްވީ ނަފުރަތު އުފެއްދުން ކުށަކަށް ހަދާ ބިލަށް މާދަމާ ފާސް ނުކުރެވޭ ގޮތަކަށް، "ސަަރުކާރަށް ތާއީދުކުރާ މެމްބަރުން" މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތާ އެކުގަ އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ޓެކްސްއާ ގުޅޭ ބިލްތަކާއި ސީދާ ގޮތެއްގައި ރައްޔިތުން އަމަލުކުރަން ޖެހޭ ގާނޫނުތަކުގެ ބިލްތަކަށް ވޯޓަށް އެހޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާ ޖަލްސާތަކުގަ އެވެ. މަޖިލީހުގެ ޖުމުލަމެމްބަރުންގެ އަދަދަކީ 87 ކަމަށް ވާތީ އެ އަދަދު ހަމަވާނީ 44 މެމްބަރުން ވޯޓު ގަޑީގައި ޖަލްސާގައި ތިއްބަވައިގެންނެވެ.

މިއަދުގެ ވޯޓު ގަޑީގައި މަޖިލީހުގައި ވަޑައިގެން ތިއްބެވީ 39 މެމްބަރުންނެވެ. އެހެންވެ، އިންކަމް ޓެކްސް ގާނޫނަށް ބަދަލު ގެންނަ ބިލު ހިމެނޭ ގޮތުން ތިން ބިލެއް ދޫކޮށްލަން ޖެހުނީ ވޯޓަށް ނާހަ އެވެ.

ބައެއް މެމްބަރުން ތުހުމަތު ދޮގުކުރައްވާ

އެމްޑީޕީގެ 15 މެމްބަރަކު މިއަދުގެ ވޯޓުގެ ގަޑީގައި މަޖިލީހުގެ ތަޅުމަށް ވަޑައިނުގަތީ ބިލް ފާސްކުރުން ލަސް،ކުރަން ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ތުހުމަތު ކުރައްވަ އެވެ. އެ ގޮތަށް ތުހުމަތުވި ބައެއް މެމްބަރުން "މިހާރު" އަށް އެކަން ކަށަވަރު ވެސް ކޮށްދެއްވި އެވެ. ނަމަވެސް އެ ލިސްޓުގައި ނެތް އެތައް މެމްބަރަކު ވެސް މިއަދުގެ ވޯޓުގެ ގަޑީގައި ޖަލްސާގައި ވަޑައިގެން ނެތްކަން ވަނީ ކަށަވަރުކުރެވިފަ އެވެ.

ލިސްޓުގައި ހިމަނާފައިވާ މެމްބަރުންގެ ތެރެއިން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) "މިހާރު" އަށް ވިދާޅުވީ އޭނާ އަށް ޖަލްސާއަށް ވަޑައިނުގެންނެވުނީ އެހެން ސަބަބަކާ ހެދި އެވެ. އިންކަމް ޓެކްސްގެ ގާނޫނަށް ގެންނަ ބަދަލު ގެންނަ ބިލު ލަސްކުރަން ޖަލްސާ އަށް ވަޑައި ނުގެންނެވުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކާ އެއްވެސް މެމްބަރަކު އެފަދަ ވާހަކައެއް ނުވެސް ދައްކަވާ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އިންތި ވެސް ވިދާޅުވިގޮތުގައި، އެ ބިލާ ގުޅުވައިގެން މިނިސްޓަރުންނަށް ރިޝްވަތުގެ ތުހުމަތު ކުރެވޭ ވާހަކަ ބައެއް މެމްބަރުން ދައްކަވާ އަޑު އޭނާ ވެސް ވަނީ އައްސަވައިފަ އެވެ. އެކަމަކު ބައެއް ނޫސްތަކުގައި މިހާރު ވެސް ޖަހާފައިވާ ލިސްޓުގައި ނެތް އެތައް މެންބަރުންނެއް ވެސް ޖަލްސާ އަށް ވަޑައި ނުގަންނަވާ ކަމަށް އިންތި ވިދާޅުވި އެވެ.

ވޯޓު ގަޑީގައި މަޖިލީހުގެ ތަޅުމަށް ވަޑައިނުގެންނެވި މެމްބަރުންގެ ތެރެއިން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އިންކަމް ޓެކްސް ބިލް މިއަދު ފާސްކުރުމާ އޭނާ ދެކޮޅެވެ. ބޮންޑޭ ވިދާޅުވިގޮތުގައި، އެއީ ވިތްހޯލްޑިން ޓެކްސް 10 ޕަސެންޓުން ފަސް ޕަސެންޓަށް ދަށްކުރަން އެ ބިލުގައި ހިމަނާފައި އޮތީ މިނިސްޓަރަކު ރިޝްވަތު ނަންގަވައިގެން ކަމަށް އާއްމުންގެ ތެރެއިން ބަޔަކު ތުހުމަތު ކުރާތީ އެވެ.

"އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަންދޫބުން. ރައްޔިތުންގެ އެ ވަރުގެ ތުހުމަތެއް އޮވެއްޖެއްޔާ އަޅުގަނޑުމެން އެ ތުހުމަތު ތަހުގީގުކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ބައެއް މީހުން އެ ބިލް ސިފަކުރަނީ "ރިޝްވަތުގެ" ބިލުގެ ގޮތުގައި ކަމަށާއި އެހެންވެ، އެ ތުހުމަތު ތަހުގީގުނުކޮށް ބިލް ފާސްކުރަން އެދިވަޑައިނުގަންނަވާ ކަމަށެވެ.

ސަަރުކާރަށް ތާއީދުކުރައްވާ މެމްބަރުންގެ ތުހުމަތު އަމާޒުވާ ލިސްޓްގައިވާ އެހެން ގިނަ މެމްބަރުންގެ ކޮމެންޓެއް އަދި ވަނީ ނުލިބި އެވެ.