Roadha Mihaaru
އެމްޑީޕީގައި ދެ ފެކްޝަން އޮތް ކަމުގެ އިޝާރާތެއް؟

އެމްޑީޕީގައި ދެ ފެކްޝަން އޮތް ކަމުގެ އިޝާރާތެއް؟

29 އެޕްރީލް 2021

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގަައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަފާތެރި މެމްބަރުންނާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންގެ އަދަދުގެ ފަރަގު ކުޑަވުމުން ނަޝީދު ނުސީދާ ގޮތެއްގައި އެކަން މިއަދު ފާހަގަކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގަައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަފާތެރި މެމްބަރުންނާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންގެ އަދަދުގެ ފަރަގު ކުޑަވުމުން ނަޝީދު ނުސީދާ ގޮތެއްގައި އެކަން މިއަދު ފާހަގަކުރައްވައިފި އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ މިއަދު ބޭއްވިއިރު، ނެގި އެންމެ ހިޔާލު ތަފާތުވުން ބޮޑު ވޯޓަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކުރާ ސިއްހީ ނުއްރަކަލުގެ ކުއްލި ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދީ، އޭގެ ފަހުން މަޖިލީހަށް އެ މައްސަލަ ހުށަހަޅައި ރުހުން ހޯދާ ގޮތަށް ގާނޫނު އިސްލާހު ކުރަން ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލުގެ ވޯޓެވެ. އެއީ ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގައި ވެސް އަމަލުކުރާ އުސޫލެވެ.

ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރައްވާނީ ހެލްތު މިނިސްޓަރެވެ. އެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ވެސް މިހާރު ބޭނުމެއް ނުވެ އެވެ. ނަމަވެސް މިއީ ނަޝީދުގެ އަރިސް މެމްބަރުން ގަޔާވާ ކަމެއް ނޫނެވެ. ސީދާ ދެކޮޅެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ބިލު ދިރާސާކޮށް، ހުށަހެޅި ރިޕޯޓަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު މިއަދު ހުށަހެޅުއްވީ ބިލުގެ މުޅި މަގުސަދާ ހިލާފު އިސްލާހެކެވެ. އެއީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ވެސް އިއުލާނު ކުރެއްވޭނީ ރައީސުލް ޖުމްހޫރިއްޔާ އަށް ކަމަށާއި އެ ގޮތަށް އިއުލާނު ކުރެއްވުމަށް ފަހު މަޖިލީހަށް ހުށަހަޅަން ޖެހޭ ގޮތަށް ބިލުގައި އޮތް ބައި އުނުކިރުމަށެެވެ.

ޝާހިދު ހުށަހަޅުއްވައި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވި އިސްލާހާ އެއްކޮޅަށް 37 ވޯޓު ލިބުނެވެ. އެއީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދީ، މަޖިލީހުގެ ރުހުން އެކަމަށް ހޯދުމަށް ގާނޫނަށް ހުށަހެޅި އިސްލާހު އުވައިލުމެވެ. އެކަމަށް ތާއީދު ކުރައްވައި 37 މެމްބަރަކު ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ 31 މެމްބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވައި ތިއްބެވީ ދެ މެމްބަރެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި ވޯޓުން ހަނިގޮތަކަށް ކާމިޔާބު ހޯއްދެވުމުން ދައްކާ ނަތީޖާއަކީ އެއް ބައެއްގެ ވިސްނުމުގައި ނަޝީދުގެ އަރިސް ބޭފުޅުން ވެސް މަޖިލީހުގައި ބާރުގަދަ ކުރަމުންދާ ކަމެވެ.

ރައީސްގެ އަރިސް މެމްބަރުންގެ ތާއީދު އޮތް އިސްލާހު ފާސްކުރުމާއެކު، ރިޔާސަތުން ނަޝީދު ވެސް ވިދާޅުވީ "މި ތުނިވެފައިވާ ވަރު" މިހާރު އެނގޭނެ ކަމަށެވެ.

"މި މަޖިލީހުގެ ވޯޓު ގުނާ ބޭފުޅުންނަށް މިކަން މިހާރު ތުނިވެފައި އޮތް މިންވަރު އަޅުގަނޑުހިތުން އެނގިވަޑައިގަންނަވާތީހެން ތިޔަ ތިއްބަވަނީ ވަރަށް މަޑުމަޑުން،" އެ މަނިކުފާނު ވިދާޅުވި އެވެ. މިއީ، އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަދަދުދޭ ބަޔަކާއި ނަޝީދުގެ އަރިސް ބޭފުޅުންތަކެއް ތިއްބަވާ ވާހަކަ މިހާ ތިލަކޮށް، ނަޝީދުގެ ފަރާތްޕުޅުން އައި ފުރަތަމަ ފަހަރެވެ.

ނަޝީދު އެ އިޝާރާތް ކުރެއްވީ ބެލެވޭ ގޮތުގައި އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތަށް މަޖިލީހުގައި ވޯޓު ދެއްވާ މެމްބަރުންނާއި ނުދެއްވާ މެމްބަރުންގެ ދެމެދުގައި އޮތް ފަރަގު ކުޑަވާތީ އެ ކަމަށެވެ. މީގެ ކުރިން ނެގި ބައެއް ވޯޓުތަކުގައި ބޮޑު ތަފާތަކުން ކުރީގައި އުޅުއްވީ ސަރުކާރުން އެދޭ ގޮތަށް ވޯޓު ދެއްވާ މެމްބަރުންނެވެ.

އޭގެ އެއް ވޯޓަކީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރުމަށްޓަކައި ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅުމުން ނެގި ވޯޓެވެ. އެ ފަހަރު ނަޝީދުގެ ސްޓޭންްޑަކީ ގާނޫނުއަސާސީއަށް ބަދަލު ނުގެނައުމެވެ. އެ ފަހަރު އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ނެގި ވޯޓުގައި ސަރުކާރާ އެއްކޮޅަށް 42 ވޯޓު ލިބުނެވެ. އެއީ އެކަމަކު 55 މެމްބަރުންގެ ތެރެއިންނެވެ. މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން ތިއްބަވަ އެވެ. އެ ފަހަރު ނަޝީދާ އެއްކޮޅަށް ސާފުކޮށް ވޯޓު ދެއްވީ އެންމެ ނުވަ މެމްބަރުންނެވެ.

މި މަޖިލީހުގެ ވޯޓު ގުނާ ބޭފުޅުންނަށް މިކަން މިހާރު ތުނިވެފައި އޮތް މިންވަރު އަޅުގަނޑުހިތުން އެނގިވަޑައިގަންނަވާތީހެން ތިޔަ ތިއްބަވަނީ ވަރަށް މަޑުމަޑުން،"--- ނަޝީދު

ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން، އާންމު ސިއްހަތުގެ ގާނޫނުގެ ބަހުސްގައި މިއަދު ވިދާޅުވީ، ބިލުގައިވާ ކަމެއް ނަފީކުރާ އިސްްލާހެއް ހުށަނޭޅޭނެ ކަމަށެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އެގޮތަށް ވަކާލާތު ކުރެއްވި އެވެ. އެކަމަކު، ވޯޓުގެ ގަޑީގައި ޝާހިދު އެ އިސްލާހު ހުށަހަޅުއްވަން ރިޔާސަތުން ފުރުސަތު ދެއްވި އެވެ. އެގޮތުން އޭނާ އިސްލާހު ހުށަހަޅުއްވައި ނިންމަވައިލެއްވުމުން އެ އިސްލާހަށް ތާއީދު ކުރެއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތެދުވެވަޑައިގެން ހުންނަވަނިކޮށް ވެސް އަފީފު އެ ވާހަކަ ދެއްކެވި އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ވޯޓުގެ ގަޑީގައި ނިޒާމާ ބެހޭ ނުކުތާއެއް ނުނެގޭނެ އެވެ. ނަމަވެސް އަފީފަށް ފުރުސަތު ދެއްވަމުން ނަޝީދު ވިދާޅުވީ އެއީ މަޖިލީހުގެ އެންމެ ދޮށީ މެމްބަރުންގެ ތެރެއިން މެމްބަރަކަށް ވާތީ ދެއްވި ހާއްސަ ފުރުސަތެއް ކަމަށެވެ.