Roadha Mihaaru
އަފީފް ރިޔާސަތު ބަލަހައްޓަވަނީ ގަވާއިދާ ހިލާފަށް!

އަފީފް ރިޔާސަތު ބަލަހައްޓަވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފި

29 މެއި 2023

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ، ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ، ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތް ބަހުސްގައި އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތެރެއިން މެދުނުކެނޑި މަޖިލީހުގައި އެންމެ ދުވަސްވީ މެމްބަރުކަމަށް 19 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ނިންމައި، ގަވައިދުގައި ހިމަނާފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދާ އެއްގޮތަށް، އެ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ކަން ރެކޯޑުތަކުން އެނގެން އޮންނާނެކަން ޝިފާއު ފާހަގަކުރެއްވި އެވެ.

މަޖިލިހުގެ ގަވާއިދާ ހަވާލާ ދެއްވައި ޝިފާއު ވިދާޅުވީ، ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ވެސް ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން މެދުނުކެނޑި މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ ފަސް މެމްބަރުންގެ ތެރެއިން މެމްބަރެއް ކަމަށެވެ.

"...މަޖިލީހުގެ ގަވައިދާ ކަނޑައެޅިގެން ހިލާފަށް ހަސަން އަފީފް ތި ގޮނޑީގައި ތި އިންނަވަނީ. މަޖިލީހުގެ ރިޔާސަތު ފޭރިގެން މި އުޅެނީ،" އެ ވަގުތު ރިޔާސަތުގައި އިންނެވި އަފީފަށް ނިސްބަތް ކުރައްވައި ޝިފާއު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ޖަލްސާއެއްގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

އެކަމަކު، އޭނާގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، އެމްޑީޕީގެ ކުރީގެ މެމްބަރު އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރަށް ތާއީދު ކުރައްވާ އަފީފް ވިދާޅުވީ، ރިޔާސަތާ ހަވާލުވެ އިންނެވީ އަމިއްލައަށް ނޫން ކަމަށެވެ.

"އަޅުގަނޑާ މިތަން ހަވާލުކުރީމާ މިތަނަށް އަރާ މި އިންނަނީ. އެހެންވީމާ އަޅުގަނޑާ ދިމާއަކަށް ތިހެން ވިދާޅެއް ނުވެވޭނެ،" އެކަމާ ހިތްހަމަނުޖެހޭ ނަމަ، ސީދާ މަޖިލީހުގެ ރައީސާ ހަމައަށް އެ މައްސަލަ ގެންދިޔުމަށް އެދިވަޑައިގެން އަފީފް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނަނީ ކީކޭ؟

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެމްބަރުން ކަމަށެވެ.

އެ މާއްދާގެ (ނ) ގައި ބުނަނީ އެ ފަސް މެމްބަރުންގެ ތަރުތީބު ކަނޑައެޅުމުގައި އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަންދޭންޖެހޭނެ ކަމަށެވެ. މެމްބަރުކަމުގެ މުއްދަތު ދެ މެމްބަރެއްގެ ދޭތެރޭގައި ހަމަހަމަ ވެއްޖެ ހިނދެއްގައި، އެފަދަ މެމްބަރުން ތަރުތީބު ކުރާނީ މެމްބަރުންގެ އުމުރުގެ ދޮށީ ކަމަށް އިސްކަންދީގެން ކަމަށް ވެސް ބުނެފައި ވެ އެވެ.

ނަވާރަ ވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އަފީފްގެ އިތުރުން، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ.

ފަސް މެމްބަރުންގެ ތަރުތީބަށް ބަލާއިރު، އެންމެ ކުރީގައި އިންނަވަނީ އަފީފެވެ.

އެއާ އެކު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި ނީންނަވާ ވަގުތުތަކުގައި ރިޔާސަތު ބަލަހައްޓަވަނީ އަފީފެވެ. މިގޮތުން، އާންމުކޮށް ޖަލްސާތަކުގެ މެންދުރު ދަންފަޅީގެ ރިޔާސަތު ބަލަހައްޓަވަނީ އަފީފެވެ.

އެކަމަކު މަޖިލީހުގައި ގަވާއިދާ އެއްގޮތަށް ރިޔާސަތު ބަލަހައްޓަވާ މެމްބަރުން ތަރުތީބު ކުރާ ނަމަ، މެދުނުކެނޑި މަޖިލީހުގައި އެންމެ ގިނަ ދުވަހު މެމްބަރުކަން ކުރައްވާފައިވާ މެމްބަރަކީ ސިޔާމާއި އަސްލަމެވެ.

މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގެ ހަތަރު ވަނަ އަހަރުގައި ރިޔާސަތުގެ މައްސަލަ އެމްޑީޕީގެ މެމްބަރަކު މި ޖެއްސެވީ އެ ޕާޓީން ވަކިވެ، ނަޝީދަށް ތާއީދުކުރައްވާ އެ ޕާޓީގެ 12 މެމްބަރަކު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިސްވެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މެމްބަރުންގެ ތެރޭގައި އަފީފްގެ އިތުރުން އީވާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އަފީފް ރިޔާސަތު ބަލަހައްޓަވާ މައްސަލަ މިއަދު ޖެއްސީ، މަޖިލީހުގެ ރިޔާސަތުގެ ކޮންޓްރޯލް އަނބުރާ އެމްޑީޕީ އަށް ހޯދުމަށް އީވާ މަގާމުން ވަކިކުރަން މައްސަލައެއް މަޖިލިހަށް ވައްދާފައި ވަނިކޮށެވެ.