Roadha Mihaaru
މަޖިލީހުގެ ރައީސްކަމާ ހަވާލުވާން އަސްލަމް ތައްޔާރު

މަޖިލީހުގެ ރައީސްކަމާ ހަވާލުވާން އަސްލަމް ތައްޔާރު

06 ޖޫން 2023

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވާން ތައްޔާރަށް ހުންނެވި ކަމަށް އެ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވާން ތައްޔާރަށް ހުންނެވި ކަމަށް އެ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގައި މެދުނުކެނޑި 19 ވަނަ އަހަރު ގުނަމުން ގެންދަވާ އެންމެ ތަޖުރިބާކާރު އެއް މެމްބަރު އަސްލަމް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކުރުމަށް ފަހު ބޭއްވި މީޑިއާ ބްރީފިންއެއްގަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް އަސްލަމްގެ ޝައުގުވެރިކަން ހުރިތޯ ނޫސްވެރިއަކު ކުރި ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދެއްވަ އެވެ.

"އެކަމާ ގުޅޭގޮތުން އަޅުގަނޑު ނުނިންމަން ވަކި ގޮތަކަށް. ދެން ޕާލިމަންޓަރީ ގުރޫޕުން ނިންމަވާނީ. ޕާލިމަންޓަރީ ގުރޫޕުން އެފަދަ ނިންމުމެއް ނިންމަވައި، އަޅުގަނޑާ ހަވާލުކުރަން ނިންމަވައިފިިއްޔާ އެކަން އަޅުގަނޑު ހިތުގެ އަޑިން ގަބޫލު ކުރާނަން،" ކުރިން ނަޝީދާ ވަރަށް ގާތުން މަސައްކަތް ކުރެއްވި އަދި އެމްޑީޕީގެ އެތެރޭގެ ކޯޅުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގައި ހުންނެވި އަސްލަމް ވިދާޅުވި އެވެ.

ނަޝީދު ވަކިކުރަނީ "ކެތްނުކުރެވިގެން"

އަސްލަމް ވިދާޅުވިގޮތުގައި، ޑިމޮކްރަސީ ކުރިއަރުވައި އިސްލާހަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައި ނަޝީދަށް އިހްތިރާމް ކުރެއްވި ނަމަވެސް އެ މަނިކުފާނުގެ ފަރާތްޕުޅުން އެ ސިފަ މިހާރު ގެއްލިއްޖެ އެވެ. ނަޝީދުގެ އަމަލުތައް މިހާރު ފެންނަނީ ޑިމޮކްރަސީއާ ދުރު، އަމިއްލަ މަންފާ އަށް ގާނޫނުތަކާއި ގަވައިދުތައް މުގުރާލާ ތަން ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ނަޝީދު ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ކުރިއަށް ގެންދަވަނީ "ޗަރުކޭހެއްގެ" ގޮތުގައި ކަމަށެވެ. ރިޔާސަތުން އަމަލުކުރަނީ ހިތު ހުރި ގޮތަކަށް ކަމަށާއި ގާނޫނާއި ގަވައިދުތައް މާނަކުރައްވަނީ ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ، ގާނޫނާ ޚިލާފަށް އެ މަނިކުފާނު ރިޔާސަތުގައި އިންނަވައިގެން އަމަލުކުރެއްވުމެވެ. "ރައްޔިތުންގެ މަޖިލިސް ހިނގަން ޖެހޭނީ ގާނޫނީ ހަމަތަކުގެ ތެރެއިން. ގަވައިދު ނެގެހެއްޓުމުގެ އެންމެ އިސް މަސްއޫލިއްޔަތު ހަވާލުކުރެވިފައި ވަނީ މަޖިލީހުގެ ރައީސްއާ،" އެ އުސޫލުން މަޖިލިސް ނުހިނގާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އަސްލަމް ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އަސްލަމް ކަނޑައަޅަން ނަޝީދު އެންމެ ފުރަތަމަ މަސައްކަތްޕުޅު ކުރެއްވި އެވެ. އެކަމަކު، އުފެދުނު ސިޔާސީ އޮއިވަރެއްގައި އެ ނިންމުން ބަދަލުކުރައްވައި މަޖިލިހުގެ ރައީސްކަމަށް ނަޝީދު ކުރިމަތިލައްވައި އޭނާ ހޮވީ އެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ފާސްވީ އަސްލަމް ވިދާޅުވި ގޮތުގައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އެ ޕާޓީގެ 36 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. އެ ޕާޓީގައި 56 މެމްބަރުން ތިއްބެވިއިރު، އަޣުލަބިއްޔަތު މި މައްސަލައަށް ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ނަޝީދު ވަކިކުރަން މިއަދު ނިންމާފައިވާއިރު، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލައެއް ވެސް މަޖިލީހަށް ވަނީ ވައްދައިފަ އެވެ. އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ތާވަލް ކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހަށެވެ.