Roadha Mihaaru
ނަޝީދު ވަކިކުރުން: މަޖިލިސްގައި އަނެއްކާ މަރުތަޅެއް؟

ނަޝީދު ވަކިކުރާ މައްސަލަ: މަޖިލިސް އަނެއްކާ މަރުތަޅަކާ ދިމާލަށް؟

09 އޮކްޓޯބަރ 2023

މި އަހަރުގެ ޖޫން މަހުން ފެށިގެން މިއަދާ ހަމައަށް ދައުލަތުގެ އެއް ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލިސް ރަނގަޅަށް މަސައްކަތެއް ނުކުރެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި އަހަރުގެ ޖޫން މަހުން ފެށިގެން މިއަދާ ހަމައަށް ދައުލަތުގެ އެއް ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލިސް ރަނގަޅަށް މަސައްކަތެއް ނުކުރެ އެވެ.

މުހިންމު ބިލްތަކާއި އިސްލާހުތަކާއި މައްސަލަތައް އެއް ފަރާތް ކުރުމަށް ފަހު މިދިޔަ ހަތަރު ވަރަކަށް މަހު މަޖިލީހުގެ ތެރޭގައި އޮތީ ރިޔާސަތު ބަދަލު ކުރަން ހުށަހެޅި އިތުބާރު ނެތް މައްސަލަތަކާ ގުޅޭ ގާނޫނީ ބަހުސެކެވެ.

އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ގަވައިދު އެކި ގޮތްގޮތަށް މާނަ ކޮށްގެން އެންމެ ފަހުން މަޖިލީހުގެ ޖަލްސާތައް އެގޮތަކަށް ވެސް ކުރިޔަށް ނުގެންދެވި ހުއްޓާލަން ޖެހުނެވެ.

މަޖިލިސް ކިރިޔާ ވެސް ފެށޭ ވަރުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އައި ގޮތުން އެމްޑީޕީން ޑިމޮކްރެޓްސް ކުރިމަތީ އަމާން ދޭން ޖެހުމުންނެވެ. އެއް ގަލަކަށް އެރުމުގެ ނިޔަތުގައި ނަޝީދުގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންދިޔަ އެވެ. އަދި މަޖިލީހުގައި ޑިމޮކްރެޓްސް ބޭނުންވި "ބަރުލަމާނީ ބަހުސެއް" ވެސް ކުރިޔަށް ގެންދަން ފުރުސަތު ދިނެވެ. ނަމަވެސް އެ ޕާޓީގެ އެންޑޯޒްމަންޓް އެމްޑީޕީ އަށް ނުލިބި ދެވަނަ ބުރުގައި ވެސް އެމްޑީޕީ ނާކާމިޔާބުވީ އެވެ.

އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއަކަށް އެމްޑީޕީން އެއްބާރުލުމެއް ނުދެ އެވެ. މަޖިލީހުގައި އޮންނަނީ ބޮއިކޮޓް ކުރުމާއި ކޯރަމް ގެއްލުވާލުމެވެ. އަދި އެ މައްސަލާގައި ރިޔާސަތުގައި އިންނަވައިގެން ނަޝީދު ޝަކުވާ ކުރެއްވުމެވެ.

މަޖިލިސް އަދިވެސް މަޖިލިސް ހަމައަކަށް ނޭޅި އޮއްވައި އަނެއްކާވެސް އެމްޑީޕީން ވަނީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅަން ފާސްކޮށްފަ އެވެ. އެއާއެކު މަޖިލިސް އަނެއްކާވެސް ހުއްޓުމަކަށް ގޮސްދާނެ ފަދަ ގާނޫނީ ބަހުސްތަކެއް ވެސް ފަށައިފި އެވެ.

ކުރިން ޖެހުނު މައްސަލަތައް، އަދިވެސް އެގޮތަށް!

މީގެ ކުރިން މަޖިލިސް ޑެޑްލޮކަކަށް ދާން މެދުވެރިވި ފުރަތަމަ މައްސަލައަކީ ޗާގޯސްގެ މައްސަލާގައި ދެ މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް އެމްޑީޕީން 12 މެންބަރަކު ވަކިވުމެވެ. އެ މެންބަރުން ވަކިވުމުން ކޮމިޓީތަކަށް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ރިޔާސަތުން ހުރިހާ ކޮމިޓީތައް ސަސްޕެންޑު ކުރި އެވެ.

މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވެން އޮތީ އާންމު ކޮމިޓީން އެ މައްސަލަތަކުގައި ޖަވާބުދާރީވާން ވަގުތު ކަނޑައެޅުމުންނެވެ. ނަމަވެސް ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލާ މެދު ޕާޓީތަކުގެ މެދުގައި އެއްބަސްނުވެވޭތީ އެއްވެސް މިނިސްޓަރެއްގެ މައްސަލަ ކުރިއަށް ނުގެންދެވުނެވެ.

އޭގެ މައްޗަށް ދެން ޖެހުނު މައްސަލައަކީ އެމްޑީޕީން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމެވެ. އާންމު ކޮމިޓީ ނުހިނގާތީ އެ ދެ މައްސަލަ އަށް ވެސް ވަގުތު ކަނޑަ ނޭޅި ކުރިޔަށް ނުގެންދެވުނެވެ. އަދި ރިޔާސަތުގައި އިންނަވާނީ ކޮން ބޭފުޅެއްތޯ އެ ސުވާލު އުފެއްދި އެވެ.

ރައީސް ނަޝީދު މިއަދުގެ މަޖިލީހުގެ ރިޔާސަތުގައި: ފޮޓޯ/ މަޖިލިސް

ރައީސް ނަޝީދު މިއަދުގެ މަޖިލީހުގެ ރިޔާސަތުގައި: ފޮޓޯ/ މަޖިލިސް

ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގެ އެތައް މާއްދާތަކާއި ލޫޕްހޯލްތަކެއް ހުއްޖަތަކަށް ދެއްކުމަށް ފަހު، ޑިމޮކްރެޓްސް އާއި އިދިކޮޅު ޕާޓީތައް ބުނި ގޮތުގައި ނަޝީދާއި އީވާގެ އިތުބާރު ނެތް މައްސަލަ އެއްފަހަރާ ވެއްދުމަކީ އެމްޑީޕީން ގަސްދުގައި މަޖިލިސް ހުއްޓުވާލަން ކުރި ކަމެކެވެ.

ސަބަބަކީ ގަވައިދު ބުނާ ގޮތުން މަޖިލިސް ރައީސްގެ އިތުބާރު ނެތް މައްސަލަ ނަގާއިރު ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް އެވެ. އަދި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދާއިރު ރިޔާސަތުގައި ރައީސް އިންނަން ޖެހެ އެވެ.

އެހެންވެ ދެ ބޭފުޅުން އެއްފަހަރާ ވަކި ކުރަން ހުށަހެޅުމުން މަޖިލިސް ޑެޑްލޮކަކަށް ގޮސްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

މިފަހަރު އެ ހާލަތެއް ނެތެވެ. އެމްޑީޕީން ހުށަހަޅަން ނިންމާފައި ވަނީ ހަމައެކަނި ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެވެ. އެ ހާލަތުގައި ރިޔާސަތުގައި ހުންނަވަން ޖެހިވަޑައިގަންނަވާނީ ނައިބު ރައީސް އީވާ އަބްދުﷲ އަށެވެ. ނުވަތަ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

ނަމަވެސް ގާނޫނީ ހުއްޖައްތައް ދައްކާތީ އެމްޑީޕީން ކުރިން މަޖިލީހުގެ ގަވައިދަށް ގެންނަން އުޅުނު އެއްވެސް އިސްލާހެއް ނުގެނެ އެވެ. އެހެންވެ އަދިވެސް އެ ސަބަބުތައް ބޭނުން ކޮށްގެން ނުވަތަ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގެން ނުވަތަ އެޖެންޑާ ނުކޮށް މަޑު ޖައްސަލުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

"ސަރުކާރުގެ މަގްސަދަކީ ހަލަބޮލި ކުރުން"

ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ދަނޑިވަޅުގައި އަނެއްކާވެސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން ސަރުކާރުން ނިންމީ ވެރިކަން ބަދަލު ވުމުގެ މަރުހަލާ އެހާ ފަސޭހައިން ރީތިކޮށް ކުރިޔަށް ގެންދިޔަ ނުދިނުމަށެވެ.

މަގްސަދަކީ އަދިވެސް ހަމަ ރައީސް ނަޝީދާ ދޭތެރޭ ގައި މި އޮތް ހަސަދަވެރިކަމާއި ފިތުނަވެރިކަމާއި ރުޅިވެރިކަން. އިތުރު ކަމެއް ނޫން މިއީ. -- އާޒިމް

ނަޝީދު މިހާރު ރާވަމުން އަންނަ ގޮތުން ނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ދުވަހު ހައެއްކަ ޕްރައިމް މިނިސްޓަރުންނާއި އެކި ގައުމުތަކުގެ ވެރިން ވަޑާއިގަންނަވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. ނަމަވެސް އެއީ މި ސަރުކާރުން ބަލަން ބޭނުންވާ މަންޒަރެއް ނޫން ކަމަށާއި އެކަން ވިޔަ ނުދޭން ހަލަބޮލި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެމްޕެއިންގެ ތެރޭގައި ރައީސް ވިދާޅުވެފައި އޮންނާނެ އަޅުގަނޑަށް ވެރިކަން ނުލިބިއްޖެ ނަމަ ގައުމު ހަލަބޮލި ވާނެ ކަމަށް. އެ މަންޒަރު މި ފެންނަނީ،" އާޒިމް ވިދާޅުވި އެވެ.

"ދެވަނަ މަގްސަދަކީ އަދިވެސް ހަމަ ރައީސް ނަޝީދާ ދޭތެރޭ ގައި މި އޮތް ހަސަދަވެރިކަމާއި ފިތުނަވެރިކަމާއި ރުޅިވެރިކަން. އިތުރު ކަމެއް ނޫން މިއީ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން މެމްބަރު އަލީ އާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން މެމްބަރު އަލީ އާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް

ކަން މިހެން އޮތް ނަމަވެސް އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް ނަޝީދުގެ އިތުބާރު ނެތް މައްސަލަ އަލުން މަޖިލީހަށް ވައްދާކަށް ފުރުސަތެއް ނެތެވެ. ސަބަބަކީ ނަޝީދު ވެސް އެމްޑީޕީގެ ވަޓްސެޕް ގްރޫޕްގައި ވިދާޅުވެފައިވާ ގޮތަށް އެއް ދައުރެއްގެ ތެރޭގައި ދެ ފަހަރަށް އެއް މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ އެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި ބިލުތަކާއި ގަރާރުތަކަކީ އެއް ހަމައެއްގައި އެއް އުސޫލެއްގެ މަތިން އަމަލު ކުރާ ދޭއްޗެކެވެ. އެއް ދައުރު ތެރޭ ބިލެއް ހުށަހަޅާ އެ ބާތިލްވާ ހިސާބުން އެ ދައުރުގެ ތެރޭގައި އަލުން އެ ބިލުން ހުށަހަޅަން މަޖިލީހުގެ ގަވައިދު ތަނެއް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ އެ އުސޫލުން ނަޝީދު މަގާމުން ދުރުކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު ވެސް ބާތިލްވެފައިވާ ކަމަށާއި އަލުން މި ދައުރުގެ ތެރޭގައި އެ މައްސަލަ ހުށަނޭޅޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ބާތިލްވެފައި އޮތް ކަމެއް [އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރު] އެއީ. އެޖެންޑާގައި އެބައޮތް ލިޔެފައި ދެތިން ދުވަހެއްގައި އަޅުގަނޑުމެން ބަލައިލީމަ އެބައޮތް ފެންނަން. އަނެއްކާ ކުޅޭ ކުޅޭ ކަމެއް ނޫން މިއީ މިއަދު ނަގާފައި މާދަމާ އަލުން ލާން. ގައުމެއްގެ ހަމަޖެހުމާއި ސްޓެބިލިޓީ ގެއްލޭ ކަހަލަ ވާހަކަތައް މި ދައްކަނީ." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދާ ކަނޑައެޅިގެން ހިލާފަށް ކަމެއް މަޖިލީހުގެ ރައީސް އެޖެންޑާ ކުރައްވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ނަމަވެސް ރިޔާސަތުން އެކަމާ އަމަލުކުރައްވާނެ ގޮތް ސީދާ އެނގިވަޑައިގަންނަވާނީ ނަޝީދަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމްޑީޕީގެ އަމަލުތައް މި ހުރި ގޮތުން މަޖިލިސް އަނެއްކާވެސް ހުއްޓުމަކާ ދިމާލަށް ގެންދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް އާޒިމް ވިދާޅުވި އެވެ.

"މި ވަގުތު މަޖިލިސް ހުއްޓިއްޖެ ނަމަ ގާނޫނުއަސާސީން ލާޒިމް ކުރާ ރައިސުލްޖުމްހޫރިއްޔާ ހުވާ ކުރުމުގެ ކަންކަން ކުރެވިދާނެތޯ ސުވާލު އުފެދޭ. ރައީސް ހުވާ ކުރުމަކީ ގާނޫނުއަސާސީން މަޖިލީހަށް މަތި ކޮށްފައި އޮތް ކަމެއް،" އާޒިމް ވިދާޅުވި އެވެ.

ކުރިން ދޫދިނީ އިންތިހާބާ ހެދި، މިފަހަރު ރިޔާސަތުން ބާލުވާނެ!

އެ މައްސަލާގައި ނަން ނުޖަހާ ގޮތަށް "މިހާރު" އާ ވާހަކަ ދެއްކެވި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ސީނިއާ މެމްބަރަކު ވިދާޅުވީ ގޮތުގައި ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަނީ ހަގީގަތުގައި ވެސް އެއްވެސް އެމްޑީޕީ މެންބަރަކު އެމަނިކުފާނަށް އިތުބާރު ނުކުރާތީ އެވެ. ރިޔާސަތުގައި އިންނަވައިގެން ހުރިހާ މަސައްކަތްތަކަށް ހުރަސް އަޅުއްވާތީ އެވެ.

މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީގައި އޮތަސް ނަޝީދު ސިޔާސީ މަސައްކަތް ވެސް މިހާރު ކުރައްވަނީ ޑިމޮކްރެޓްސްގެ ތެރެއިން އެމްޑީޕީއާ ދެކޮޅަށެވެ.

މެމްބަރު ވިދާޅުވި ގޮތުގަިއ ނަޝީދުގެ އިތުބާރު ނެތް މައްސަލަ މީގެ ކުރިން ކުރިޔަށް ނުގެންދެވޭނެ އެއްވެސް ސަބަބެއް ނެތެވެ. އަދި އޭގެ ސަބަބުން މަޖިލިސް ހުއްޓުމަކަށް އަންނަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ވަކިވަކި މާއްދާތަކާއި ފިލިފިއްޔަށް ދަމައިގެން އަމިއްލަފުޅަށް ބޭނުންވާ ގޮތަށް މާނަ ކުރައްވައިގެން ނަޝީދު މަސައްކަތް ކުރައްވަނީ ވީހާވެސް ގިނަ ދުވަހު މަޖިލިސް ރައިސްގެ މަގާމުގައި އެ ލިބޭ ހުރިހާ އިނާޔަތްތަކާ އެކު ހުންނެވުން ކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލިސް ޑެޑްލޮކަކަށް ދަނީ ވެސް އަދި ދެން ވެސް އެފަދަ ހާލަތަކަށް ދަންޏާ ދާނީ ވެސް ނަޝީދު އަމިއްލަފުޅަށް މަގާމުގައި ދެމި ހުންނަން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިމޮކްރެޓްސްގެ ލޫކަސް މެން ފަދަ ބޭފުޅުން ސަރުކާރުގެ މަގާމު ދޫކޮށްލީމަ މި ވިދާޅުވަނީ ހާދަ ހިތްވަރު ގަދަ އޭ. އެކަމަކު މަޖިލީހުގެ ބޮޑު މެޖޯރިޓީން ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމުން ވެސް މަގާމާއި ބާރުތަކާ ހެދި އަމިއްލަ އަށް އިސްތިއުފާ ދެއްވަން ބޭނުމެއް ނުވޭ. އެހެންވެ ކޮބާތޯ އެ ވިދާޅުވާ ހިތްވަރު،" ނަޝީދު ކަންކަން ކުރައްވާ ގޮތާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވާހަކަ ދައްކަވަނީ. -ފޮޓޯ | މަޖިލީހުގެ އިދާރާ

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް ވާހަކަ ދައްކަވަނީ. -ފޮޓޯ | މަޖިލީހުގެ އިދާރާ

މިހާރު ހުށަހަޅަން ގަސްތުކުރާ އިތުބާރު ނެތް މައްސަލަ ދެން ވެސް ކުރިޔަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ނަޝީދުގެ ފަރާތުން ދައްކަވާ ސަބަބުތައް އެމްޑީޕީން ގަބޫލެއް ނުކުރެ އެވެ.

އޭރު އަޅުގަނޑުމެން ތިބީ ވަރަށް ބޮޑަށް ދޫދީގެން. މިހާރު އެ ހާލަތެއް ނެތް. ދޫދޭންވީ އެއްވެސް ސަބަބެއް ނެތް. ނޮވެމްބަރު 17 އަދި އޮތީ މާ ދުރުގައި. 15 ވަރަކަށް ދުވަސް ތެރޭ ނަޝީދު މަގާމުން ބާލުވާނަން.

އެ ޕާޓީގެ މެންބަރަކު ވިދާޅުވި ގޮތުގައި މީގެކުރިން ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަންކަން ގެންދަން ފުރުސަތު އޮތީ އެމްޑީޕީން ވަރަށް ބޮޑަށް ދޫދިނީމަ އެވެ. އޭރު މައްސަލަ ޖެހިގެން އުޅެނީ އެއް ޕާޓީއެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. އިންތިހާބު ބޯމަތިވެފައި އޮތް އިރު އޭރު އަޅާ ފިޔަވަޅަކުން އިންތިހާބަށް ވަރަށް ބޮޑަށް އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެގެން އޭރު އަޅުގަނޑުމެން ތިބީ ވަރަށް ބޮޑަށް ދޫދީގެން. މިހާރު އެ ހާލަތެއް ނެތް. ދޫދޭންވީ އެއްވެސް ސަބަބެއް ނެތް. ނޮވެމްބަރު 17 އަދި އޮތީ މާ ދުރުގައި. 15 ވަރަކަށް ދުވަސް ތެރޭ ނަޝީދު މަގާމުން ބާލުވާނަން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތުގައި އަދިވެސް ހުންނެވީ ނަޝީދެވެ. ކަންކަން އެޖެންޑާ ކުރައްވާނީ އެމަނިކުފާނެވެ. އަދި ނަޝީދު ނެތް ހާލަތުގައި ދެން ވެސް ހުރީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އަދި އެއަށް ފަހު ވެސް ހުރީ ޑިމޮކްރެޓްސްގެ ބޭފުޅުންނެވެ.

އެހެންވެ ކުރިން އެ މައްސަލަ ހިފެހެއްޓި ގޮތަށް މި ފަހަރު ވެސް ދިގު ދަންމާލައި ނުވަތަ އެ ނޫން ވެސް ގޮތް ގޮތަށް މައްސަލަ ކުރިޔަށް ނުގެންގޮސް ބޭއްވުމުގެ ފުރުސަތު އެބައޮތެވެ.

ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ވިސްނުން ހުރީ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔުމަށެވެ. އެ ހިސާބަށް ގެންގޮސްގެން ވެސް ނަޝީދު މަގާމުން ދުރުކުރުމަކީ އެންމެ މުހިންމު މަސައްކަތް ގޮތުގައި އެ މެންބަރުން ގަބޫލު ކުރެ އެވެ.

"އަޅުގަނޑުމެންނަކީ އާންމުކޮށް މިފަދަ ކަންކަން ކޯޓުން ނިންމާ ބައެއް ނޫން. އެކަމަކު މި ފަހަރު މި ހުރީ އެ އޮޕްޝަނަށް ވެސް ދާން ޖެހިއްޖެ އާ ދާ ގޮތަށް. ގެއްލުމުގެ އަސަރު ކުރާކަށް އިންތިހާބެއް ނެތް. މެޖޯރިޓީ އަށް ތަބާވާން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.

ހަގީގަތުގައި މި ހުރިހާ ކަމެއްގެ ގެއްލުން އޮތީ ހަމަ ދައުލަތަށެވެ. މަޖިލީހުގައި އެއްވެސް މަސައްކަތެއް ނުވަތަ ބިލެއް ނުވަތަ އިސްލާހެއް ބަހުސެއް ވެސް ރަނގަޅަށް ނުހިނގާތާ ހައެއްކަ މަސް ވަނީ އެވެ. ދައުލަތުގެ އެއް ބާރު އަނެއްކާވެސް ހުއްޓުމަކަށް ދަނީ އެވެ.

މި ހުރިހާ ހައިޖާނެއް މަޖިލީހުގައި ހިނގުމުގެ ފަހަތުގައި އޮތީ މަޖިލީހުގެ ރިޔާސަތުގެ ބާރު މެޖޯރިޓީ އޮތް އެމްޑީޕީ އަށް ގެއްލުމެވެ. އެ އަނބުރާ ހޯދަން އެމްޑީޕީން ކުރާ މަސައްކަތާ އެކަން ވިޔަ ނުދޭން އިދިކޮޅު ފަރާތްތަކުން ކުރާ ހަނގުރާމަ އެވެ.