Roadha Mihaaru
ސީދާ މަޖިލީހުން ނިޒާމީ ވޯޓަށް އަހަން ފާސްކޮށްފި

އެމްޑީޕީގެ ތާއީދާ އެކު އޮކްޓޯބަރު 30ގައި ސީދާ މަޖިލީހުން ނިޒާމީ ވޯޓަށް އަހަން ފާސްކޮށްފި

20 ސެޕްޓެމްބަރ 2023

ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ އޮކްޓޫބަރު މަހުގެ 30 ގައި ނަގަން ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގޮތަށް ކަމާގުޅޭ ގަރާރު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ އޮކްޓޫބަރު މަހުގެ 30 ގައި ނަގަން ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގޮތަށް ކަމާގުޅޭ ގަރާރު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން އޭނާ ވަނީ އެ ގަރާރަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އޭނާ ހުށަހެޅުއްވީ، އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނެގުމަށް ސީދާ މަޖިލީހުން އީސީ އަށް އެންގުމަށެވެ.

އެ އިސްލާހާ އެކު، އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 31 މެމްބަރުންގެ އިއްތިފާގުން، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކު އެވެ.

އޭގެ ފަހުން، ޖަލްސާ ފަށައި މުޅި މަޖިލީހުގެ ކޮމިޓީ ރިޕޯޓަށް ބަހުސަށް ފުރުސަތު ހުޅުވައިލުމުން، އެ ރިޕޯޓަށް އެއްވެސް މެމްބަރަކު ބަހުސް ކުރައްވަން ފުރުސަތަށް އެދިވަޑައިނުގެންނެވި އެވެ.

އެއާ އެކު، ނިޒާމީ ވޯޓު ނެގުމާ ގުޅޭގޮތުން އިލްޔާސް ހުށަހެޅުއްވި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސްގެ ބައިވެރިވުމެއް ނެތި މަޖިލީހުން އަމިއްލަ އަށް ނިޒާމީ ވޯޓު ނެގޭނެ ކަމަށް އިލްޔާސް ގަރާރު ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

ބަހުސްގެ ތެރެއިން އެކަމާ އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވައި ވާހަކަ ދެއްކެވި އެވެ. މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ގަރާރެއް މެދުވެރިކޮށް ނިޒާމީ ވޯޓަކަށް އެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އޭގެ ބަދަލުގައި އެކަން ކުރެވޭނީ ޝަރީފް ވިދާޅުވި ގޮތުގައި ނިޒާމު ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހުކޮށް، ގާނޫނުއަސާސީގެ 262 މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެން ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން، އަސާސީ ހައްގުތަކާއި މިނިވަންކަން، މަޖިލީހުގެ އުމުރު، ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަދަލުކުރާ ބިލެއް ރައީސަށް ތަސްދީގުކުރެވޭނީ އާންމު ވޯޓެއް ނަގައިގެން އެކަން ކުރަން ރައްޔިތުންގެ އަޣުލަބިއްޔަތަށް ފެންނަ ނަމަ އެވެ.

އެކަމަކު، އެމްޑީޕީގެ ގިނަ މެމްބަރުން މި ގަރާރަށް ބަހުސްގެ ތެރެއިން ތާއީދު ކުރެއްވި އެވެ.

އިލްޔާސްގެ ގަރާރު މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވި ފަހުން، ތަޅުމަށް ވަޑައިނުގަނެ އެމްޑީޕީ މެމްބަރުން ތިއްބެވުމަށް ފަހު، އިއްޔެގެ ޖަލްސާގެ ފަހު ދަންފަޅިއަށް އެމްޑީޕީ މެމްބަރުން ވަޑައިގެން ގަރާރަށް ތާއީދުކުރެއްވީ މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެކަމަކު ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން އެމްޑީޕީއަށް ހުށަހަޅަން ފާސްކޮށްފައިވާ ޝަރުތަކީ މި މަހުގެ 28 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމެވެ. ފަހު ވަގުތު އެމްޑީޕީން ދޫދީ، އޮކްޓޯބަރު 30 ގައި ނިޒާމީ ވޯޓު ނަގަން ތާއީދުކޮށްފައިވާ އިރު، ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ތާއީދު ކުރުމާ މެދު ދެން އަމަލުކުރާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.